ބޮލީވުޑް

މަރުގެ މައްސަލާގައި ސަލްމާން ކުށްވެރިވެ، 10 އަހަރުގެ ޖަލު ހުކުމެއް އަންނަނީ

May 6, 2015

ކޯޓުގައި ބޭއްވި އަޑުއެހުންތަކުގައި ސަލްމާން ބުނެފައި ވަނީ ހާދިސާ ހިނގި އިރު ކާރު ދުއްވީ އޭނާ ނޫން ކަމަށާއި އޭނާގެ ޑްރައިވަރު ކަމަށެވެ. އަދި ޑްރައިވަރު ވަނީ ކޯޓުގައި އެކަމަށް އެއްބަސްވެ ޒިންމާ ނަގައިފަ އެވެ.

ނަމަވެސް ކޯޓުން ނިންމީ އެކްސިޑެންޓާ ގުޅިގެން އުފުލި އަށް ދައުވާ ވެސް ސާބިތުވާ ކަމަށެވެ. ނަމަވެސް މި ކުށްތަކަށް އަދަބު ކަނޑައަޅާނީ މިއަދުގެ ފަހުގެ ވަގުތެއްގަ އެވެ. އޭނާގެ މައްޗަށް 10 އަހަރަށް ވުރެ ބޮޑު ނޫން ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. ނަމަވެސް ގާނޫނީ ބޭފުޅުން ވިދާޅުވަނީ މި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށާއި އެހެންވެ މައްސަލަ އެއްކޮށް ނިމެން އަދިވެސް އެތައް އަހަރެއް ހޭދަވާނެ ކަމަށެވެ. މި މައްސަލާގައި ތިން އަހަރަށް ވުރެ ކުރު ހުކުމެއް އަތުވެއްޖެ ނަމަ ކަފާލާތުގެ ދަށުން މިނިވަން ވުމަށް ދަށު ކޯޓަކަށް ހުށަހެޅި ދާނެ އެވެ. އެކަމަކު ތިން އަހަރަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެ ނަމަ ދާން ޖެހޭނީ ބޮމްބޭ ހައި ކޯޓަށެވެ. ނަމަވެސް އަންނަ ހަފުތާގައި ހައި ކޯޓު ޗުއްޓީ އަށް ދާނެތީ، ހައި ކޯޓަށް އެ މައްސަލަ ހުށަހެޅުން ލަސްވެގެން ހިނގައިދާނެ އެވެ. ޗުއްޓީ އަށް ދާން ނިންމާފައި އޮތަސް ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ނަމަ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދެވިދާނެ އެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ބޭނުންވަނީ އެންމެ ބޮޑު ހުކުމް ކަމަށްވާ 10 އަހަރަށް ޖަލަށް ލުންތޯ ސަލްމާން ގާތު ސުވާލުކުރައްވައިފަ އެވެ. ސަލްމާން ވަނީ "ފަނޑިޔާރު ނިންމަވާ ކޮންމެ ގޮތެއް ވެސް ރަނގަޅުވާނެ" ކަމަށް ބުނެ ޖަވާބު ދީފަ އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ސަލްމާން ކުށްވެރިވާ ކަމަށް ނިންމުމުން އޭނާ ހުރީ އިސްދަށަށް ޖަހާލައިގެންނެވެ. އަދި ކޯޓުގެ ނިންމުން ގަބޫލު ނުކުރެވިފައި ހުރި ކަމުގެ އަސަރުތައް މޫނުމަތިން ފެނުނެވެ.

ސަލްމާން މިހާތަނަށް ވަނީ 80 އަށް ވުރެ ގިނަ ހިންދީ ފިލްމު ކުޅެ އިންޑަސްޓްރީގެ އެންމެ ކުރިން ޖާގަ ހޯދައިފަ އެވެ. ދަބަންގް، ރެޑީ، ބޮޑީގާޑް، އެކް ތާ ޓައިގާ، މެއިނޭ ޕިޔާރް ކިޔާ އަދި ހަމް އާޕްކޭ ހޭ ކޯން އަކީ ސަލްމާންގެ އެންމެ ކާމިޔާބު ލިސްޓުގައި ހިމެނޭ ފިލްމުތަކެވެ.