އިންޑިއާގެ ފިލްމީ ތަރި އުރުމިލާ މަޓޯންޑްކަރް، ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީއާ ބައްދަލުކޮށް ކޮންގްރެސް އާ ގުޅިއްޖެ އެވެ.
ކޮންގްރެސް ޕާޓީން މިކަން އިއުލާނުކުރީ ފިލްމީ ތަރި އުރުމިލާއަށް ރާހުލް ގާންދީ މާބޮނޑިއެއްދޭ ފޮޓޯއަކާއެކު ކުރި ޓްވީޓެއް މެދުވެރިކޮށެވެ. ރާހުލް ގާންދީ ވަނީ އުރުމިލާއަށް މަރުހަބާ ވިދާޅުވެފައެވެ.
އޭގެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސް ޕާޓީގެ އިސް ތަރުޖަމާނު ރަންދީޕް ސުރްޖެވާލާ ވިދާޅުވީ އުރުމިލާ އެހީތެރި ވެދޭނީ އެ ޕާޓީގެ ފިކުރު ގިނަ ބަޔަކާ ހިސާބަށް ފޯރުކޮށްދީ ޕާޓީ ވަރުގަދަ ކުރަން ކަމަށެވެ. އަދި އެޕާޓީގެ އުންމީދަކީ ކޮންގްރެސް މެންބަރެއްގެ ގޮތުގައި އުރްމިލާ ދެމިހުރުން ކަމަށެވެ.
އުރުމިލާ ބުނީ އޭނާ ކޮންގްރެސްއާ ގުޅުނީ އިލެކްޝަނާއެކު ނޫން ކަމަށާއި ޕާޓީއާ ގުޅުނީ ޕާޓީގެ ވިސްނުމަށް ތާއީދު ކުރާތީ ކަމަށެވެ.
"އަހަރެން މި ޕާޓީއާ އެކުގައި ވާނަން އަދި ވޯޓު ނިމޭއިރަށް ޕާޓީއިން ވަކިވެގެން ނުދާނަން" އުރުމިލާ ބުންޏެވެ. މީގެ ކުރިން އުރުމިލާގެ އާއިލާ ވެސް ސަޕޯޓް ކޮށްފައިވަނީ ކޮންގްރެސް ޕާޓީގެ ބާނީން ކަމަށްވާ ޖަވާހަރްލާލް ނެހްރޫ އާއި ސަރުދާރް ޕަޓޭލް ފަދަ ބޭފުޅުންނަށެވެ.
އުރުމިލާ އެންމެ ފުރަތަމަ ފިލްމު ކުޅެން ފަށާފައި ވަނީ އޭނާގެ އުމުރުން ވަރަށް ޅައިރު އެވެ. އަދި 1983 ގައި ޝޭކަރް ކަޕޫރް ގެ ފިލްމު "މާސޫމް" ގައި އޭނާ އަދާކޮށްފައިވާ ރޯލުން ވަރަށް ބޮޑު ތަރުހީބެއް ހޯދާ އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ފައި ހަރުކޮށްފަ އެވެ. ރާމް ގޯޕާލް ވަރުމާ 1995 ގައި ޑައިރެކްޓް ކުރި ފިލްމު "ރަންގީލާ" ގައި ކުޅެފައިވާ ރޯލަށް އުރުމިލާ ވަނީ ފިލްމް ފެއާ އެވޯޑްސް ގެ ބެސްޓް އެކްޓަރެސްގެ މަގާމު ހޯދާފަ އެވެ.
އުރުމުލާ އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ އަބިނޭ ޑިއޯގެ "ބްލެކްމޭލް" ފިލްމުގެ ގެސްޓް ފެނިލުމަކުން ނެވެ.