އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައެއްގައި ބޮލީވުޑްގެ ތަރި ސަލްމާން ޚާން ފަސް އަހަރަށް ޖަލަށް ލުމަށް މިދިޔަ ބުދަ ދުވަހު ކުރި ހުކުމް ތަންފީޒުކުރުން އިންޑިއާގެ މުމްބާއީގެ ހައި ކޯޓުން މިއަދު ފަސްކޮށްފި އެވެ.
އިހުމާލުން މީހަކު މަރުވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމަށް ފަހު ކަފާލާތުގެ ދަށުން ދެ ދުވަހަށް މިނިވަންކޮށްފައި ހުރި ސަލްމާން މިއަދު ޖަލަށް ދާންޖެހޭނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިއްބާ ހައި ކޯޓުން ނިންމީ މައްސަލައިގެ އިސްތިއުނާފު ނިމެންދެން ސަލްމާން މިނިވަނެއްގެ ގޮތުގައި ބެހެއްޓުމަށެވެ. ކަފާލާތުގެ ދަށުން މިނިވަންކޮށްފައި ބެހެއްޓުމާ މެދު ދެން އެންމެ އަވަހަށް ވެސް އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.
މީގެ 13 އަހަރު ކުރިން، ސެޕްޓެމްބަރު 28، 2002 ވަނަ ދުވަހުގެ ރޭ، ސަލްމާންގެ ކާރު މަގުމަތީ ނިދާފައި ތިބި ބައެއްގެ ގައިމަތިން ގޮސް އެކަކު މަރުވެ ފަސް މީހަކު ޒަހަމްވި މައްސަލާގައި ސަލްމާން ކުށްވެރިވާ ކަމަށް ނިންމީ އެ އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވީ ސަލްމާން ނޫން ކަމަށް އޭނާ ކޯޓުގައި ބުނެފައި ވަނިކޮށެވެ. ޑްރައިވަރު ވެސް ވަނީ ކާރު ދުއްވީ އޭނާ ކަމަށް ކޯޓުގައި ބުނެ ޒިންމާ އުފުލައިފަ އެވެ. ނަމަވެސް ދަށު ކޯޓުގެ ފަނޑިޔާރު ނިންމެވީ ކާރު ދުއްވީ ސަލްމާން ކަމަށާއި ސަލްމާން އޭރު އިނީ ރާބޮއެ މަސްތުވެފައި ކަމަށެވެ.
ސަލްމާން ޖަލަށް ލުމަށް ކުރި ހުކުމުގެ މައްސަލާގައި އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. ސަލްމާނާ މެދު ކޯޓުން އަމަލުކުރީ އިންސާފުން ނޫން ކަމަށް ބުނާ މީހުން ގިނަ އެވެ. ސަލްމާންގެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމާ އެކު އޭނާގެ ސަޕޯޓަރުން މިއަދު ވަނީ ހައި ކޯޓު ބޭރުގައި އުފާ ފާޅުކޮށްފަ އެވެ.
ސަލްމާން މިހާތަނަށް ވަނީ 80 އަށް ވުރެ ގިނަ ހިންދީ ފިލްމު ކުޅެ އިންޑަސްޓްރީގެ އެންމެ ކުރިން ޖާގަ ހޯދައިފަ އެވެ. ދަބަންގް، ރެޑީ، ބޮޑީގާޑް، އެކް ތާ ޓައިގާ، މެއިނޭ ޕިޔާރް ކިޔާ އަދި ހަމް އާޕްކޭ ހޭ ކޯން އަކީ ސަލްމާންގެ އެންމެ ކާމިޔާބު ލިސްޓުގައި ހިމެނޭ ފިލްމުތަކެވެ.