މަގުމަތީ ނިދަން ތިބި ބައެއްގެ ގައިމަތިން ކާރުގައި ދުއްވާފައި ދިއުމުން މީހަކު މަރުވި މައްސަލާގައި ބޮލީވުޑްގެ ތަރި ސަލްމާން ޚާން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
ސެޕްޓެމްބަރު 2002 ގައި ހިނގި މި ހާދިސާގައި ސަލްމާންގެ މައްޗަށް ކޮށްފައި ވަނީ އިހުމާލުން މީހަކު މަރުވުމުގެ ދައުވާ އެވެ. މީހަކު މަރުވެފައި ވަނީ ސަލްމާން އިން ކާރު، މަގުމަތީ ނިދާފައި ތިބި ފަގީރުންތަކެއްގެ ގައިމަތިން ދިއުމުންނެވެ. ނަމަވެސް ކޯޓުން ނިންމީ މި އެކްސިޑެންޓުގައި ގެއްލުން ލިބުނު މީހުންނަށް ބަދަލު ދޭން އަމުރުކޮށްފައެއް ނުވެ އެވެ.
ކޯޓުގައި ބޭއްވި އަޑުއެހުންތަކުގައި ސަލްމާން ބުނެފައި ވަނީ ހާދިސާ ހިނގި އިރު ކާރު ދުއްވީ އޭނާ ނޫން ކަމަށާއި އޭނާގެ ޑްރައިވަރު ކަމަށެވެ. އަދި ޑްރައިވަރު ވަނީ ކޯޓުގައި އެކަމަށް އެއްބަސްވެ ޒިންމާ ނަގައިފަ އެވެ. ނަމަވެސް ކޯޓުން ނިންމީ އެކްސިޑެންޓާ ގުޅިގެން އުފުލި އަށް ދައުވާ ވެސް ސާބިތުވާ ކަމަށެވެ. ޑްރައިވަރު ބުނީ އެކްސިޑެންޓު ހިނގީ ކާރުގެ ފުރޮޅު ފެޅި، ކޮންޓްރޯލް ނުވެގެން ކަމަށެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ބޭނުންވަނީ އެންމެ ބޮޑު ހުކުމް ކަމަށްވާ 10 އަހަރަށް ޖަލަށް ލުންތޯ ސަލްމާން ގާތު ސުވާލުކުރައްވައިފަ އެވެ. ސަލްމާން ވަނީ "ފަނޑިޔާރު ނިންމަވާ ކޮންމެ ގޮތެއް ވެސް ރަނގަޅުވާނެ" ކަމަށް ބުނެ ޖަވާބު ދީފަ އެވެ.
މި މައްސަލާގައި ތިން އަހަރަށް ވުރެ ކުރު ހުކުމެއް އައި ނަމަ ކަފާލާތުގެ ދަށުން މިނިވަން ވުމަށް ދަށު ކޯޓަކަށް ހުށަހެޅި ދާނެ އެވެ. އެކަމަކު ތިން އަހަރަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެ ނަމަ ދާން ޖެހޭނީ ބޮމްބޭ ހައި ކޯޓަށެވެ. ނަމަވެސް އަންނަ ހަފުތާގައި ހައި ކޯޓު ޗުއްޓީ އަށް ދާނެތީ، ހައި ކޯޓަށް އެ މައްސަލަ ހުށަހެޅުން ލަސްވެގެން ހިނގައިދާނެ އެވެ. ޗުއްޓީ އަށް ދާން ނިންމާފައި އޮތަސް ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ނަމަ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދެވިދާނެ އެވެ.
ސަލްމާންގެ ދިފާއީ ވަކީލުން ބުނެފައި ވަނީ ސްޓްރެސްގެ ސަބަބުން ސަލްމާނަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވާ ކަމަށާއި ޖަލަށް ލައިފި ނަމަ ހާލު ގޯސްވެދާނެ ކަމަށެވެ. އެކަަން ސާބިތުކޮށްދިނުމަށް ޑޮކްޓަރުގެ ލިޔުމެއް ވެސް ކޯޓަށް ހުށަހެޅި އެވެ.
ސަލްމާން މިހާތަނަށް ވަނީ 80 އަށް ވުރެ ގިނަ ހިންދީ ފިލްމު ކުޅެ އިންޑަސްޓްރީގެ އެންމެ ކުރިން ޖާގަ ހޯދައިފަ އެވެ. ދަބަންގް، ރެޑީ، ބޮޑީގާޑް، އެކް ތާ ޓައިގާ، މެއިނޭ ޕިޔާރް ކިޔާ އަދި ހަމް އާޕްކޭ ހޭ ކޯން އަކީ ސަލްމާންގެ އެންމެ ކާމިޔާބު ލިސްޓުގައި ހިމެނޭ ފިލްމުތަކެވެ.