ހަބަރު

"އިންތިހާބަށް ކަރަންޓު އަގުހެޔޮ ކުރިއަސް ވޯޓެއް ނުލިބޭނެ"

Jan 23, 2018
36

ރިޔާސީ އިންތިހާބާ ދިމާކޮށް ކަރަންޓްގެ އަގު ހެޔޮކުރި ކަމުގައި ވީނަމަވެސް ރައްޔިތުން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް ވޯޓް ނުދޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މިއަދު ވަނީ އަތޮޅުތަކުގެ ރަށްތަކުގައި ކަރަންޓު ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ޑޮމެސްޓިކް ކެޓަގަރީގެ ސުން ޔުނިޓުން 400 ޔުނިޓާ ދެމެދުގެ ބޭންޑްތަކުން ކަސްޓަމަރުންނަށް ޗާޖްކުރާ ރޭޓް މާލެއާ އެއް އަގެއްގައި ހަމަޖައްސައި އެކަން އިއުލާންކޮށްފަ އެވެ.

އެކަމާ ގުޅިގެން މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބާ ދިމާކޮށް ކަރަންޓްގެ އަގުހެޔޮ ކުރިޔަސް ވޯޓް ދެވެން ނެތް ކަމަށާއި ވޯޓް ނުވެސް ދޭނެ ކަމަށެވެ. އަދި ރައްޔިތުންނަކީ އެއަަށްވުރެ ހޭލުންތެރި، ތަންދޮރުފިލާފައި ތިބި ބައެއް ކަމަށާއި ރައްޔިތުންނަށް މަލާމާތް ކުރުން ހުއްޓާލަންޖެހޭ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އެންވާރަމެންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، ކަރަންޓު އަގުގައި ތަފާތުތައް އުޅުމަކީ ރައްޔިތުންގެ ވަރަށް ކަންބޮޑުވުމެއް ކަމަށެވެ. އެ ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު ވެސް ކަރަންޓުގެ އަގަށް ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ.

މިއަދު ކަރަންޓުގެ އަގަށް ގެނެވުނު ބަދަލަކީ އަގުތައް އެއްވަރުކުރުމަށް ކުރާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ބަދަލާއެކު އާބާދީގެ 85 ޕަސެންޓް ރައްޔިތުންނަށް ކަރަންޓުގެ އަގު ހެޔޮވާނެ އެވެ. އޭގެއިތުރުން ބަދަލާއެކު އެހެން ފަރާތްތަކަށް ވެސް ކަރަންޓުގެ އަގު ހެޔޮވެގެން ދާނެ ކަމަށެވެ. މި ބަދަލު އަންނާނީ މާޗް މަހުން ފެށިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މިއަދު ވަނީ ބޯފެނުގެ އަގު ވެސް މާލޭގެ އަގުތަކާއި އެއްވަރުކޮށްފަ އެވެ. އެގޮތުން ޑޮމެސްޓިކް ބޭނުމަށް ބޭނުން ކުރާ ފެނުގެ އަގު މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެއްވަރު ވާނެ ކަމަށެވެ.