ވިޔަފާރި

ބީއެމްއެލްގެ ގޮތްޕެއް ރާއްޖޭން ބޭރަށް ގެންދަނީ

  • ހުޅުވާ ގައުމު ހާމައެއް ނުކުރޭ
  • ހުޅުވަނީ އޭޝިޔާގެ ގައުމެއްގައި ކަމަށްވޭ
  • ބޭންކުގެ ހިދުމަތުގައި ފިޔަވަޅެއް ކުރިޔަށް

ރާއްޖޭގެ ގައުމީ ބޭންކް (ބީއެމްއެލް) ގެ ގޮތްޕެއް މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުގައި ހުޅުވައި ހިދުމަތްދޭ ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ މިއަދު ވިދާޅުވެއްޖެ އެވެ. ބީއެމްއެލް އިން ހޮޓެލް ޖެންގައި މީޑިޔާތަކާއެކު މިއަދު ބޭއްވި މެންދުރުގެ ކެއުމެއްގައި ވާހަކަފުޅު ދައްކަވަމުން އެންޑްރޫ ވިދާޅުވީ ރާއްޖޭން ބޭރުގައި ބޭންކްގެ ގޮތްޕެއް ހުޅުވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ.

"ރާއްޖެ އިން ބޭރަށް ހިދުމަތް ފުޅާކުރުމަކީ ތަފާތު ގިނަގުނަ ފައިދާ ތަކެއް ލިބި، ރާއްޖޭގައި އިންވެސްޓްކުރުމަށް އިތުރު އާމްދަނީ ވެސް ލިބިގެންދާނެ ކަމެއް. އަޅުގަނޑުމެން މި ވަގުތު ތައްޔާރުވަމުން މިދަނީ އޭޝިއާގެ ގައުމެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭންކިން ލައިސަންސް އަށް އެދި ހުށަހެޅުމަށް. އަޅުގަނޑުމެންގެ އުއްމީދަކީ މި އަހަރު ނިމުމުގެ ކުރިން ހިދުމަތް ދޭން ފެށުން." އެންޑްރޫ މިއަދު ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރަށް ހިދުމަތް ފުޅާކުރުމާ ގުޅޭގޮތުން، އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ބޭންކުގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖެ ކަމަށާއި ފުޅާދާއިރާއެއްގައި ބޭންކުން ކުރަމުންދާ އިންވެސްޓްމަންޓްތަކުން މިކަން ހާމަވެގެން އަންނަ ކަމަށެވެ. ބީއެމްއެލް ގޮތްޕެއް ހުޅުވަން މަސައްކަތް ކުރި ނަމަވެސް، ގޮފި ހުޅުވާ ގައުމެއް އެ ބޭންކުން އަދި މިއަދު ހާމަކޮށްފައެއް ނުވެ އެވެ.

އާއްމު ގޮތެއްގައި ބޭންކްތަކުން، އެ ބޭންކުގެ ގޮފިތައް އެހެން ގައުމުތަކުގައި ގާއިމު ކުރާ އިރު މައި އިދާރާ ހުންނަ ގައުމާކާ އަވަށްޓެރި އަދި ހަމައެހެންމެ އެ ގައުމެއްގެ ރައްޔިތުން އެންމެ ގިނައިން ގޮސް އުޅޭ ގައުމުތައް ޚިޔާރުކުރެ އެވެ. ދިވެހިން އެންމެ ގިނައިން ދިރިއުޅެނީ އަވަށްޓެރި ސްރީލަންކާ އާއި އިންޑިޔާގަ އެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ދިވެހިން ދިރިއުޅޭ ގައުމަކީ މެލޭޝިޔާ އެވެ.