ވިޔަފާރި

މިދިޔަ އަހަރު އޭޓީއެމްތަކުން 300 މިލިއަން ޑޮލަރު ނެގި: ބީއެމްއެލް

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް ތަކުން 300 މިލިއަނަށްވުރެ ގިނަ ޑޮލަރު އެކި ފަރާތްތަކުން ނަގާފައިވާ ކަމަށް ބޭންކުން ހާމަކޮށްފި އެވެ.

މިކަން ހިސާބުތައް ހާމަކޮށްފައިވަނީ މީޑިޔާތަކާއެކު، ހޮޓެލް ޖެންގައި މިއަދު މެންދުރު ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޮލަރު އޭޓީއެމް ސެންޓަރެއް ގާއިމުކުރީ ވެސް އެ ބޭންކުން ކަމަށާއި މިދިޔަ އަހަރެއްހާ ދުވަސްތެރޭ އެ ބޭންކުގެ ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން ކަސްޓަމަރުން 300 މިލިއަން ޑޮލަރު ނަގާފައި ކަމަށެވެ.

ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތަކުން ދުވާލަކު މީހަކަށް ނެގެނީ 640 ޑޮލަރެވެ.

މިއަދަދަށް ބަލާލާއިރު މިއީ ދިވެހި ރުފިޔާއިން 4.6 ބިލިއަން ރުފިޔާ އެވެ. މި ނިސްބަތުން ބަލާއިރު މިދިޔަ އަހަރުތެރޭ ވަނީ ބީއެމްއެލްގެ ހަތަރު ޑޮލަރު އޭޓީއެމް ބޭނުންކޮށްގެން ދުވާލަކަށް އަށް ލައްކަ އެކާވީސް ހާހަށް ވުރެ ގިނަ ޑޮލަރު ނަގާފަ އެވެ.

އޭޓީއެމް އިން ނެގި ފައިސާގެ އަދަދު އިތުރުވެގެން ދިޔައިރު، މިދިޔަ އަހަރު ބީއެމްއެލްއިން ވަނީ 14 ސެލްސް ސާވިސަސް އޭޓީއެމް ސެންޓަރު ގާއިމްކޮށްފައެވެ.

ބީއެމްއެލްގެ އޭޓީއެމްގެ އަދަދު ވަނީ 92 އަށްވުރެ އިތުރުވެފަ އެވެ.