ވިޔަފާރި

ފުރާ މީހުން މިދިޔަ އަހަރު 50 މިލިއަން ޑޮލަރު ގަތް

ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް މިދިޔަ އަހަރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 50 މިލިއަން ޑޮލަރު ވިއްކައިފި އެވެ.

ބީއެމްއެލް އިން މިއަދު ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބޭރަށް ފުރާ މީހުން ގިނަ އަދަދެއްގެ ޑޮލަރު ގެނެފައިވާ ކަމަށާއި ފަސޭހަ ކަމާއެކު އެ ހިދުމަތް ދެވުނީތީ އުފާ ކުރައްވާ ކަމަށެވެ.

ސީއީއޯ ވިދާޅުވީ ބޭރަށް ފުރާ މީހުންނަށް ޑޮލަރު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު މިދިޔަ އަހަރު ހަމަޖެއްސުމުން ރާއްޖޭން ބޭރަށް ފުރާ ދިވެހިންނަށް ވަރަށް ލުއި ފަސޭހަ ކަމާއެކު އޮންލައިންކޮށް ޑޮލަރު ބުކިން ހަމަޖެހިފައިވާ ކަމަށެވެ. އަދި ބްރާންޗްތަކުގައި ޑޮލަރު ހޯދުމަށް އެދޭ ކަސްޓަމަރުންގެ ކިޔު ވެސް މިހާރު ކާމިޔާބު ކަމާއެކުގައި ނައްތާލެވިފައިވާ ކަމަށެވެ.

ބީއެމްއެލްއިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޑޮލަރު ވިއްކުމަށް ހާއްސަ ކައުންޓަރެއް ވެސް ގާއިމްކޮށްފަ އެވެ.

ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ވިއްކަނީ ގިނަވެގެން 500 ޑޮލަރެވެ. މިނިސްބަތުން ބަލާއިރު އެއްލައްކައަށް ވުރެ ގިނަ މީހުން ވަނީ ޑޮލަރު ގަނެފަ އެވެ. މިގޮތުން ދުވާލަކު ޑޮލަރު ގަނެފައިވަނީ ގާތްގަނޑަކަށް 274 މީހުންނެވެ.