ހަބަރު

ރޭޕްގެ ތުހުމަތުވި ހަސަންގެ ބަންދަށް އިތުރު 10 ދުވަސް

ޒުވާން އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތުވެފައިވާ ހަސަން ފާއިޒް (ޖޭސަން) ގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިފި އެވެ. އެ ހާދިސާ ހިނގާފައިވަނީ މި މަހު ތިންވަނަ ދުވަހުގެ ރޭ އެވެ.

ފުލުހުން ބުނީ، ރޭޕްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަސަންގެ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން އޭނާ އަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ޖަހާދީފައިވާ ކަމަށެވެ.

އަންހެން ކުއްޖާގެ ތުހުމަތުތަކާ ގުޅިގެން މިދިޔަ މަހުގެ ހަވަނަ ދުވަހު ހަސަން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫއިންނެވެ. އޭނާއަކީ ތިނަދޫއަށް އުފަން މީހެކެވެ.

އާޓިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އެމީހާ އަންހެން ކުއްޖާއާ ގަދަކަމުން ބެހިފައިވަނީ، އެ އަންހެން ކުއްޖާ އާޓް ޕްރޮޖެކްޓެއްގެ މަސައްކަތަށް އެ ސްޓޫޑިއޯއަށް އެ ރޭ ދިޔުމުން ކަމަށް ހުދު އެ އަންހެން ކުއްޖާ ވަނީ އަވަސްއަށް ބުނެފަ އެވެ. އަންހެން ކުއްޖާއަކީ ވެސް އާޓިސްޓެކެވެ.

ހަސަންއަށް ތުހުމަތުތައް ރައްދުކުރާ އަންހެން ކުއްޖާ "އަވަސް" އަށް ކިޔައިދިން ގޮތުގައި އޭނާ ރޭޕްކުރީ ސްޓޫޑިއޯއަށް ޕްރޮޖެކްޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ގެންގޮހެވެ. އަންހެން ކުއްޖާ ކިޔައިންދިން ގޮތުގައި، އެ ސްޓޫޑިއޯ ތެރޭގައި އެމީހާ ގަދަކަމުން ބެހެން ފެށުމުން ސަލާމަތްވުމަށް އޭނާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެމީހާ ވަނީ އޭނާ ރޭޕްކޮށްފައި ކަމަށް ކުއްޖާ ކިޔައިދިނެވެ.

މި ޖެނުއަރީ މަހުގެ ތިންވަނަ ރޭގެ އަށެއް ޖަހާއިރު މި ހާދިސާ ހިނގިއިރު، ރޭޕްގެ ވާހަކަ ސިއްރު ކުރުމަށް 16،000 ރުފިޔާ ދޭނެ ކަމަށް އެމީހާ ބުނި ކަމަށް ވެސް އަންހެން ކުއްޖާ ބުންޏެވެ. އޭނާ ބުނަނީ އެ ފައިސާގައި އޭނާ ހިފާފައި ނުވާނެ ކަމަށެވެ. އޭނާއަށް އެ ސްޓޫޑިއޯއިން ނުކުމެވުނީ އެ ރޭ 9:00 ގައި ކަމަށް އޭނާ ބުންޏެވެ. އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ރައްޓެހިން ކަމަށް ވެސް އެ ވާހަކަ ކިޔައި ދެމުން އޭނާ ބުންޏެވެ. އެކަމަކު ހަސަން މިހުރިހާ ވާހަކައެއް ދޮގުކުރެ އެވެ.

"އަޅުގަނޑަށް ބެލެވޭ ގޮތުގައި މިއީ މާކުރިން އަޅުގަނޑުގެ ނަން ހަޑިކުރަން ރާވައިގެން ހިންގި ކަމެއް، އަޅުގަނޑަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމެއް އުޅެމުން އައި މީހެއް، ދުވަހަކު ވެސް އަޅުގަނޑާ ގުޅޭ ގޮތުން މިފަދަ އަޑެއް ނާރާ، މިއީ އަޅުގަނޑު ބަދުނާމް ކުރަން ރާވައިގެން ހިންގާ އަމަލެއް،" އަވަސްއާ ވާހަކަ ދައްކަމުން ހަސަން ބުންޏެވެ.

މިމަހު ވަނީ އިތުރު ދެ ރޭޕްކޭސް އެއްވެސް ފެންމަތިވެފަ އެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަސް މީހުންގެ ގްރޫޕަކުން ދުވާފަރުގައި އަންހެނަކު ރޭޕްކުރި މައްސަލަ އެވެ. އެ މައްސަލާގައި ތުހުމަތުވާ ފަސް މީހުންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެ އެވެ. މީގެ އިތުރުން ލ. ކަލައިދޫގައި ކުޑަ ކުއްޖަކު ބްލެކްމެއިލް ކޮށް، ބިރު ދައްކައިގެން ރޭޕް ކުރި މައްސަލައެއް ވެސް ފެންމަތިވެފައި ވެއެވެ. އެ މައްސަލާގައި ވެސް ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.