ފިނިޕޭޖް

އެލައިޑު އިވެންޓުގެ ވީޑިއޯކޮޅު، ޒީރޯ ޑިގްރީ ނާޝިދަށް ހާއްސަ

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އިންޝުއަރެންސް ކުންފުނި އެލައިޑް އިންޝުއަރެންސް ކުންފުނިން މިމަހު ބާއްވާ ހާއްސަ އިވެންޓަށް ހެދި ވީޑިއޯ ކޮޅު، ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު މިއުޒިކް ލެޖެންޑް ފުލޫ އަހްމަދު ނާޝިދަށް ހާއްސަކޮށްފި އެވެ.

އެލައިޑްގެ 33 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މި މަހު 30 ގައި ބާއްވާ އެލައިޑް ޝްޕިޝަލް އިވެންޓެއްގަ އެވެ. އިވެންޓާ ގުޅޭ ޓީޒާ ވީޑިއޯއެއް މިހާރު ވަނީ އެ ކުންފުނީގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ޝާއިއުކޮށްފަ އެވެ.

މި ހުށަހެޅު، ހުށަހަޅައިިދޭނީ ރާއްޖޭގެ މަޝްހޫރު ތިން މިއުޒީޝަނުން ކަމުގައިވާ އިސްމާއީލް ނިޝާމް އާއި ހުސެއިން ތައުފީގު އަދި އަހްމަދު ފައިޒަން އެވެ. މި އިވެންޓު ފޭސްބުކް އިން ލައިވް ކުރާނެ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނާޝިދަށް ޓްރިބިއުޓެއް ދީފައިވެ އެވެ. އެއީ މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަންގެ ގްރޭންޑް ފިނާލޭގައި އާއި ލަވަ އެޕްލިކޭޝަން ޔޮންޑާ މިއުޒިކާއި ދިރާގު ގުޅިގެން ދިން ހާއްސަ ޓްރިބިއުޓް އެކެވެ.

ނާޝިދަކީ ދިވެހި މިއުޒިކަށް އިންގިލާބެއް ގެނެސްދިން ފަރާތެކެވެ. ނާޝިދު ނިޔާވެފައިވަނީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އުމުރުން 55 އަހަރުގަ އެވެ.

ކުޑައިރުގެ ގާތްއެކުވެރިޔާ މޮހޯޖު އާއި އަހުމަދު އާއި އެކު ނާޝިދު ޒީރޯ ޑިގްރީ އެޓޯލް އުފެއްދީ 1987 ގަ އެވެ. އެއަށްފަހު "ދޯނި" އަލްބަމްގެ މަސައްކަތް 80 އިގެ ފަހުކޮޅު ފަށައިގެން ގޮސް އަލްބަމް ނެރުނީ 1991 ގަ އެވެ. މާސްޓަރިން ހަދައި ކެސެޓަށް ޕްރިންޓް ކޮށްގެން ގާތްގަނޑަކަށް 5000 އެއްހާ ކޮޕީސް މާލެ ގެނެސް ވިއްކާފައިވެ އެވެ.

ބޭންޑްގެ އާ އަލްބަމެއް އުފެއްދިފައި ނެތް ނަމަވެސް 1993 ވަނަ އަހަރު ނާޝިދުގެ ބްލޫސް ސޯލޯ އަލްބަމެއް ވެސް ނެރެފައިވެ އެވެ. އެއީ ބައިނަލްއަގުވާމީ ސްޓޭޖްގައި ވެސް ތައުރީފު އޮހުނު "ބާޑް އިން ފްލައިޓް" އެވެ.