އައްޑޫ ސިޓީ

އައްޑޫގައި ޕެކޭޖިން ސެންޓަރެއް ހިންގާނެ ބަޔަކު ހޯދަނީ

Jan 24, 2018

ވިއްކަން އުފައްދާ ތަކެތި ޕެކެޓްކުރާ މަރުކަޒެއް އައްޑޫގައި ހިންގާނެ ފަރާތެއް ހޯދަން އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ އެފަދަ މަރުކަޒެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

މިނިސްޓްރީން ބުނީ، ރާއްޖޭގައި ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ވިޔަފާރިއާއި އެކި ބާވަތުގެ ޕްރޮސެސްޑް ކާބޯތަކެތި އުފައްދާ ކުދި ވިޔަފާރިތައް އިތުރުވެ ފުޅާވަމުންދާ ކަމަށެވެ. އެހެންކަމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އުފެއްދުންތައް ފަސޭހައިން މާކެޓް ކުރެވޭނެ ފުރުސަތު ލިބެން އޮތީ އެ ތަކެތި ރަނގަޅު ފެންވަރަކަށް ޕެކެޓްކުރެވޭނެ ނިޒާމެއް އޮތުމުން ކަމަށާއި އެކަން ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކުރުމަށް ޕެކެޓް ކުރާނެ ސެންޓަރެއް އައްޑޫގައި ގާއިމްކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ތާޒާ އުފެއްދުންތަކާއި ޕްރޮސެސް ކުރާ ކާބޯތަކެތި ޕެކެޓްކުރާ ސެންޓަރެއް ގާއިމުކުރާ ބިން އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ ހޯދާފަ އެވެ. އަދި އެތަން ހިންގަން އެ ޕެކޭޖިންގ ސެންޓަ އޮޕަރޭޓްކުރަން ފަށައިގަތުމަށް ބޭނުންވާ ބައެއް މެޝިނަރީތައް ވެސް ހޯދާފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޕެކޭޖިން ސެންޓަރު ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަންޖެހެނީ އަންނަ ފެބްރުއަރީމަހުގެ ހަ ވަނަ ދުވަހު އެވެ. އޭގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަންނާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.