ފިނިޕޭޖް

4426 ފުލަށް ވައްޓާލި ޖަޖު، ނަހުލާ "ފަޅާއަރުވާލައިފި"

Jan 24, 2018
16

މި ފިލްމު އޮލިމްޕަހުގައި އެޅުވުމާއެކު މިދިޔަ އަހަރުވެސް އެންމެ ގަދަވީ މި ފިލްމުގެ އަޑެވެ. އެންމެ ގިނަ ބަޔަކު ބެލި އެއް ފިލްމަކީ އެއީ އެވެ. އެންމެ ގިނަ ބައެއްގެ ތައުރީފް ލިބުނު ފިލްމަކީ ވެސް މި އެވެ. ކްރިސްޓަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް ލިޔުންތެރިޔާ ފާތިމަތު ނަހުލާގެ ވާހަކަ އަދި ސްކްރީން ޕްލޭއަކަށް ނަހުލާ އަދި ޒުވާން ޑައިރެކްޓަރު އަހްމަދު ޝިނާންގެ މަސައްކަތާއެކު ގެނެސްދިން 4426 އަކީ ނަހުލާގެ މާސްޓާޕީސް އެކެވެ.

އެކަމަކު އެންމެ ހީކުރި ގޮތާ ހިލާފަށް އެ ފިލްމަށް ދިވެހި ފިލްމު އެވޯޑްސްގެ ނޮމިނޭޝަން ލިސްޓްގައި ދިޔައީ އެންމެ ފުލަށެވެ. ބޮޑު އެއްވެސް ނޮމިނޭޝަންގައި 4426 ލައްވައެއް ނުލިއެވެ. އެކަންވީ ނަހުލާއާއެކު ފިލްމް ބެލި އެންމެންނަށް ވެސް ހައިރާންކަން ގެނައި ކަމަކަށެވެ. ގަބޫލުކުރަން ދަތިވި ކަމަކަށެވެ. މިފަހުން އޮލިމްޕަސް ސްކްރީނުން ފެނުނު އެންމެ ތަފާތު ފިލްމަކަށް އެ ފިލްމްވާނެ އެވެ.

ފިލްމަށް ދިމާވި "ބޭއިންސާފު" އާމެދު ނަހުލާ ހުރީ ވަރަށް ކަންބޮޑުވެފަ އެވެ. އެކަމާ އޭނާ އޭރު ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ. ނަހުލާ މިހާރު މިވަނީ 4426 ފުލަށް ވައްޓާލި ޖަޖު ހޯދާފަ އެވެ. މިއަދު އޭނާ ފޭސްބުކްގައި އެކަން ވަނީ ހާމަކޮށްފަ އެވެ. އަދި އެ ފިލްމަށް އެވޯޑްގެ ޖަޖުން މާކްސް ދިން ގޮތުގައި ތަފްސީލް ޗާޓެއް ވެސް އޭނާ ވަނީ ހާމަކޮށްފަ އެވެ.

ނަހުލާ މިއަދު ފޭސްބުކްގައި ލިޔެފައިވަނީ، "އިންސާފުން ބޭރުވެ ޒާތީ ހަސަދަވެރިކަން އިސްކޮށް ގައުމީ އެވޯޑްގައި ގައްދާރުވި މީހާ ޝަރީއަތުގެ މަޖިލީހުގަ ޖަވާބު ދާރީކުރުވަން އެބަޖެހޭ،" ކަމަށެވެ. ނަހުލާ ބުނި ގޮތުގައި އެ ޖަޖަކީ ކާކުކަން އޭނާއަށް އެނގޭ ކަމަށާއި އަދި އޭނާގެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

ނަހުލާ އާންމުކޮށްފައިވާ ޗާޓް ފެންނަ ގޮތުން "ޖީ" ޖަހާފައިވާ ޖަޖު 4426 ފިލްމްގެ ފަންނާނުންނަށް ދީފައިވަނީ ވަރަށް މަދު މާކުހެވެ. އޭނާއާ އެހެން ޖަޖުންގެ މާކުހާ އަޅާ ބަލާއިރު ވަރަށް ބޮޑު ތަފާތެއް ފެންނަން ހުއްޓެވެ. ބައެއް ޖަޖުން ވަރަށް ރަނގަޅު މާކްސް ދީފައިވީ ނަމަވެސް "ޖީ" ޖަޖު ދީފައި މާކްސް ދީފައި ހުރީ ވަރަށް ދަށްކޮށެވެ.

މި އަހަރުގެ ފިލްމު އެވޯޑްގެ ޖަޖުކަން ކޮށްފައިވަނީ އަލި މަނިކު، މުހައްމަދު ޝަރީފް، މުހައްމަދު ޝަމީމް، ޑރ އަޝްރަފް އަބްދުއްރަހީމް، އާމިލާ އާދަމް، ހުސައިން އިމްތިޔާޒް އަދި ތައްޔިބު މުހައްމަދެވެ.