ދުނިޔެ

ސީރިޔާގައި އެމެރިކާއާއި ތުރުކީ ސިފައިން ކުރިމަތިލަނީ

ސޫރިޔާގެ ހައަހަރަށް ވުރެ ދިގުލީ ހަނގުރާމައިގައި ބައިވެރިވާ އެމެރިކާ ސިފައިންނާއި ތުރުކީ ސިފައިންނާ ދެމެދު ކުރިމަތިލުމެއް ހިނގާ ފަދަ ހާލަތެއް މެދުވެރިވެއްޖެއެވެ.

ނޭޓޯގެ މެމްބަރު އެ ދެގައުމުގެ ސިފައިންްގެ މެދުގައި ކުރިމަތިލުމެއް ހިނގާ ފަދަ ހާލަތެއް މެދުވެރިވީ، އެމެރިކާގެ މަދަދު ލިބޭ ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތެއް ކަަަމަށްވާ ވައިޕީޖީގެ ބާރުގެ ދަށުގައި އޮތް އާފްރީން ނަމަކަށް ކިޔާ ރަށަށް ވަންނަން ތުރުކީން ފެށި ހަނގުރާމަ މަންޖިބް ނަމަކަށް ކިޔާ ރަށަށް ފުޅާ ކުރަން އުޅޭތީއެވެ.

" އޮޕަރޭޝަން އޮލިވް ބްރާންޗް"ގެ ނަމުގައި ތުރުކީން ފެށި އާ ހަނގުރާމައިގައި އާފްރީން އަށް ފަހު ހަމަލާދޭނީ މަންޖިބަށް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައެވެ. އާފްރިންގެ އިރުންް 100 ކިލޯމީޓަރު ދުރުގައިވާ މަންޖިބްގައި އެމެރިކާ ސިފައިން މިހާރުވެސް އެބަ ތިއްބެވެ. އެރަށަށް އެމެރިކާ ސިފައިން ވަނީ އިސްލާމިކް ސްޓޭޓް ( އައިއެސް)އާ ހަނގުރާމަކުރުމުގައި ކުރުދީ ހަނގުރާމަވެރިންނަށް މަދަދު ކުރުމަށެވެ.

މަންޖިބްވައި ތިބި ކުރުދީ - އެމެރިކާ އިއްތިހާދުން ބުނީ ތުރުކީ ސިފައިން އެރަށަށް ހަމަލާދީފި ނަމަ ޖާނު ސަލާމަތް ކުރަން ހަނގުރާމަ ކުރުމަކީ އެމެރިކާ ސިފައިންނަށް އޮތް ހައްގެއް ކަަމަށެވެ. އަދި އެމެރިކާ ސިފައިން އެކަމުގައި ފަސް ނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.

"... ހިނގަމުންދާ ކަންތައްތަކާ މެދު އަހަރެމެން މިތިބީ ވަރަށް ހުޝިޔާރުވެގެން، ހާއްސަކޮށް މަންޖިބް ސަރަހައްދުގައި. އެހެނީ އެއީ އަހަރެމެންގެ އިއްިތިހާދުގެ ބާރުތައް ތިބި ތަން،" އެމެރިކާ އިއްތިހާދުގެ ތަރުޖަމާނު ކާނަލް ރިޔަން ޑިލޮން ރޮއިޓާސްއަށް ބުނެފައި ވެއެވެ.

ސޫރިޔާގެ އުތުރުގައި ތުރުކީއާ އެގައުމާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިގައި ތުރުކީން ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ބުދަ ދުވަހު ވަނީ ތުރުކީގެ ރައީސް އުރުދުޣާންއާ ގުޅުއްވައިގެން ވާހަކަފުޅު ދައްކަވާފައެވެ. ޓްރަމްޕް ވަނީ ތުރުކީން ކުރާ ހަނގުރާމައާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ދެގައުމުގެ ސިފައިން ކުރިމަތިލުމަކަށް ނުދިއުމަށް ގޮވައިލައްވާފައެވެެ.

ތުރުކީން ހަނގުރާމަ ފެށީ ކީއްވެ؟

ސޫރިޔާ ހަނގުރާމަ ފެށުމާއި އެކު އެގައުމުގެ ކުރުދީން ދިރިއުޅޭ ރަށްތައް ދިފާއު ކުރަން ކަމަށް ބުނެ، ހަނގުރާމައިގައި ބައިވެރިވި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ވައިޕީޖީއަކީ އެމެރިކާއިން ތަމްރީނާއި ހަތިޔާރުދޭ ޖަމާއަތެކެވެ. އެމެރިކާއިން އެޖަމާއަތަށް މަދަދު ކުރަނީ އިސްލާމިކް ސްޓޭޓް( އައިއެސް) އާ ހަނގުރާމަ ކުރުމަށެވެ. ނަމަވެސް ތުރުކީން ދެކެނީ ވައިޕީޖީއަކީ ކުރުދީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ( ޕީކޭކޭ) އާ ގުޅިފައިވާ ބައެއް ކަމަށެވެ.

ޕީކޭކޭ އަކީ ތުރުކީގައި ކުރުދީންނަށް ވަކި ދައުލަތެއް ހަދަން ހަނގުރާމަކުރާ ޖަމާއަތެކެވެ. އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ތުރުކީން ލިސްޓްކޮށްފައިވާ ޖަމާއަތެކެވެ. ވައިޕީޖީއާ މެދުގައި ވެސް ތުރުކީން ދެނީ އެގޮތަށެވެ.

މިފަހަރުގެ ހަނގުރާމަ ފެށުމުގެ ކުރިން ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވީ އާފްރިން އާއި މަންޖިބުން ޓެރަރިސްޓުން ބޭރުކޮށް، ސޫރިޔާގެ ރެފިއުޖީންނަށް ދިރިއުޅެވޭނެ ރައްކާތެެރި ސަރަހައްދެއް ގާއިމްކުރައްވާނެ ކަމަށެވެ.

" ފުރަތަމަ އަހަރެމެން ޓެރަރިސްޓުން ނައްތައިލާނަން. ދެން އެ އެ ސަރަހައްދަކީ ދިރިއުޅެވޭ ފަދަ ތަނަކަށް ހަދާނަން. ކޮން ބަޔަކަށް ޓަކައި؟ އަހަރެމެންގެ ބިމުގައި ތިބި ސޫރިޔާގެ 3.5 މިލިޔަން މެހުމާނުންނަށް،" އޭނާ ވިދާޅުވިއެވެ.

ސޫރިޔާގައި ހިނގަމުންދާ ހަ އަހަރަށް ވުރެ ދިގުލީ ހަނގުރާމަ އަކީ ދާހިލީ ހަނގުރާމައެއް ކަމަށް ދުނިޔެއިން ސިފަ ކުރިޔަސް އެ ހަނގުރާމައިގައި އެމެރިކާ، ރަޝިޔާ، އީރާން، ތުރުކީ އަދި ބައެއް އަރަބިގައުމުތަކުން ވެސް ބައިވެރިވެއެވެ. އެހަނގުރާމައިގައި ހަލައްކައެއްހާ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ. އެހަނގުރާމައިގެ ސަބަބުން އެތައް މިލިޔަން މީހުންނެއް ވަނީ ރެފިއުޖީންނަށް ވެފައެވެ.