ދުނިޔެ

"ޕަދުމާވަތު" އާ ހެދި މުޅި އިންޑިއާގައި ހަމަނުޖެހުން

އިންޑިއާގެ ހިންދޫންގެ ރުޅިވެރިކަން އަމާޒުވެފައިވާ ފިލްމު "ޕަދުމާވަތު" ސިނަމާތަކުގައި އަޅުވަން ތައްޔާރުވުމާ އެކު އެގައުމުގެ އެކި ކަންކޮޅުތަކުގައި ހިންދޫން ބޮޑެތި ހަމަނުޖެހުންތައް ހިންގަން ފަށައިފިއެވެ.

ހިންދޫ ޖަމާއަތްތަކުން ހިންގަން ފެށިި ހަމަނުޖެހުންތަކާ ހެދި އިންޑިއާގެ އެތައް ސްޓޭޓެއްގައި މިހާރު ވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފައެވެ.

ފިލްމާ ގުޅުވައިގެން ހިންދޫން ހިންގަން ފެށި ހަމަނުޖެހުންތައް ވެރިރަށް ނިއުދިއްލީއަށް ވެސް މިހާރު ވަނީ ފެތުރިފައެވެ. ދިއްލީގެ ރަށްބޭރު ސަރަހައްދުގައި ބުދަދުވަހު ހަމަނުޖެހުން ހިންގި މީހުން ވަނީ ސްކޫލް ބަހަކަށް ވެސް ހަމަލާދީފައެވެ. އެހަމަލާގައި ކުއްޖަކަށް ކަމެއް ނުވިޔަސް އެހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ބައެއް ސްލޫކްތައް މިހާރު ވަނީ ބަންދުކޮށްފައެވެ.

ކަނާތުފިޔައިގެ ހަރުކަށި ހިންދޫ ގްރޫޕްތަކުން އެކި ސަރަހައްދުތަކުގައި ހިންގި ހަމަނުޖެހުންތަކުގައި އެއްގަމު އުޅަނދުތަކުގައި ހުޅުޖަހައި، ސިނަމާތަކާއި ފިހާރަަތައް ލޫޓުވުން ފަދަ ޖަރީމާތައް ހިންގާފައި ވެއެވެ.

ފިލްމަށް ހިންދޫން ނަފުރަތު ކުރަނީ ކީއްވެ؟

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް، ރަންވީރު ސިންގްއާއި ދީޕިކާ ޕަޑުކޯން ލީޑްރޯލް ކުޅޭ ' ޕަދުމާވަތު' ގައި ދައްކުވައިދެނީ މުސްލިމް އެމްޕެރާ އެއް ކަމަށްވާ އަލާއުއްދީން ޚިލްޖީ ހިންދޫންގެ ރަސްކަމަަކަށް ދޭ ހަމަލާއެކެވެ. އޭނާ ހަަމަލާ ދެނީ އެ ރަސްކަމުގެ ރާނީއެއް ކަމަށްވާ ޕަދުމާވަތީގެ ރީތިކަން ފެނި އޭނާ ހާސިލު ކުރުމަށެވެ. ޕަދުމާވަތީ އަކީ ހިންދޫންގެ ރާޖުޕޫތު ކާސްޓަށް ނިސްބަތްވާ އަންހެނެކެވެ.

ރާޖްޕޫތު ކާސްޓްގެ މީހުންނާއި ހަރުކަށި ހިންދޫން ތުހުމަތުކުރާ ގޮތުގައި ޕަދުމާވަތީގެ އަބުރަށް ހުުތުރުވާ ފަަދަ މަންޒަރުތައް ފިލްމުގައި ހިމެނެއެވެ. އެގޮތުން އޭނާއާ ގައިގޯޅިވާތަން ޚިލްޖީއަށް ހުވަފެނުގައި ފެންނަ ކަަމަށް ދައްކާ މަންޒަރެއް ފިލްމުގައި ހިމެނޭ ކަމަށް އެމީހުން ދައުވާ ކުރެއެވެ.

ނަމަވެސް ޑައިރެކްޓަރު ލީލާ ބަންސާލީ އެންމެ ކުރިން ފެށިގެން ވެސް ބުނަމުން އަންނަނީ އެފަދަ މަންޒަރެއް ފިލްމުގައި ނުހިމެނޭ ކަމަށެވެ.

ހިންދޫން ހަމަނުޖެހުން ގިންގަން ފެށީ އެފަދަ މަންޒަރެއް ފިލްމުގައި ހިމެނޭކަން ޔަގީން ކުރެވިގެންނެއް ނޫނެވެ. އެފަދަ މަންޒަރެއް ހިމެނޭ ކަމަށއް ފެތުރުނު ޔޯލަ ވާހަކައަކާ ގުޅިގެންނެވެ.

ފިލްމުގެ ވާހަކަ ތާރީހީ ގޮތުން ތެދުތަ؟

އަލާއުއްދީން ޚިލްޖީއަކީ އުޅުނު މީހެއްކަން ތާރީހުން ސާބިތުވާން އޮތަސް، ތާރީހު އިލްމުވެރިން ވިދާޅުވާ ގޮތުގައި ޕަދުމާވަތީ އަކީ ހިޔާލީ ޝަޚުޝިއްޔަތެކެވެ.

އެ ވާހަކައައެއްގެ މައްޗަށް ފިލްމު ބިނާކޮށްފައިވާ ވާހަކަ ' ޕަދުމާވަތު' އަކީ 16 ވަނަ ގަރުނުގައި އުޅުނު ޅެންވެރިއެއް ކަމަށްވާ މާލިކް މުހައްމަދު ޖަޔާސީ ޅެމެއްގެ ގޮތުގައި ލިޔެފައިވާ ވާހަކައެކެވެ. އެވާހަކައިގައި ވާ ގޮތަކީ އަލާއުއްދީން ޚިލްޖީ ހިންދޫންގެ ރަސްކަމަށް ދިން ހަމަލާގައި ރަސްގެފާނު ގަތުލުވުމުން ، އަބުރު ރައްކާ ކުރުމަށް ކަމަށް ބުނެ ޕަދުމާވަތީ އަމިއްލަަށް މަރުވުމެވެ.

ތާރީހު އިލްމުވެރިން ފާހަގަކުރާ ގޮތުގައި ޖަޔާސީގެ ޅެމަކީ އަލާއުއްދީން ޚިލްޖީ ހިންދޫ ރަސްކަމަކާ ދެކޮޅަށް ކުރި ހަނގުރާމައިގެ 200 އަހަރު ފަހުން ލިޔެފައިވާ ޅެމެކެވެ. ޅެމުގައި އަމިއްލައަށް މަރުވުމަކީ މާ މޮޅު ކަމެއްގެ ގޮތުގައި ދައްކާތީ ތާރީހު އިލުވެރިން ދެކެނީ އެއީ މައްސަލަ ބޮޑު ޅެމެއް ކަމަށެވެ.

ޕަދުމާވަތީގެ ވާހަކައަކީ ހިޔާލީ ވާހަކައަކަށް ވިޔަސް ހިންދޫންގެ ރާޖްޕޫތު ކާސްޓްގެ މީހުން ދެކެނީ ޕަދުމާވަތީ އަކީ އެމީހުންގެ އަބުރުވެރިކަމުގެ ރަމްޒެއް ކަމަށެވެ. -- ބީބީސީ