ހަބަރު

ޝަރުތަކަކާއެކު ފާރިސް ބަންދުން ދޫކޮށްލައިފި

ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ކްރިމިނަލް ކޯޓުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދޮށީ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ބަންދުން ދޫކޮށްލައިފި އެވެ. އޭނާ ބަންދުކޮށްފައި ހުންނެވީ ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެނެވެ.

ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު ދޫކޮށްލަން ކޯޓުން އަމުރު ކުރީ ތިން ޝަރުތެއް ކުރިމަތި ކަނޑައެޅުމަށް ފަހު އެވެ. އެ ޝަރުތަކަކީ ހެއްކަށް ނުފީޒު ފޯރުވާފަދަ އަމަލެއް ނުހިންގުމާއި ކޯޓުން އަންގާ ކޮންމެ އިރަކަށް ކޯޓަށް ހާޒިރު ވުމާއި ހުއްދައެއް ނެތި މާލެއިން ބޭރަށް ނުދިއުމެވެ.

މިއަދު ފާރިސްގެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި ފާރިސްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ގިނަ ޝަކުވާތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ. ޝަރީއަތަށް ވަޑައިގެން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ދެ ފަރާތަށް ވެސް އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާފަ އެވެ. އެ ފުރުސަތުގައި ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، "ފާރިސް ޖަލު ބަންދުން ދޫކޮށްފިނަމަ، ޝަކުވާގެ 90 ޕަސެންޓް ހައްލުވާނެ" ކަމަށެވެ.

ފާރިސް ވެސް ވަނީ އެކަން ތަކުރާރު ކުރައްވާފަ އެވެ. ފާރިސް ޝަރީއަތުގެ ކިބައިން އެދިވަޑައިގަތީ، އޭނާގެ ބަންދަށް ލުޔެއް ދެއްވުމަށެވެ. އެކަމަށް ދައުލަތުން އިއުތިރާޒު ވެސް ކުރި އެވެ. ފާރިސް ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ވިދާޅުވެ ދައުލަތުގެ ވަކީލް ވާހަކަ ދެއްކެވި އެވެ. ނަމަވެސް ގާޒީގެ ނިންމުވުން އައީ ހީކުރި ގޮތާ ހިލާފަށް ފާރިސްއާ އެއްކޮޅަށެވެ. ފާރިސް މިނިވަންކުރީ ގާނޫނު އަސާސީއިން ކަށަވަރުވާ ހައްގުތައް އުނިވާ ކަމަށް ގަބޫލު ކުރެވޭތީ އާއި މައްސަލާގެ ޝަރީއަތް އަދިވެސް ދިގު ދެމިގެންދާތީ އޭނާ މިހާރު ވެސް އެކަށީގެންވާ މުއްދަތަކަށް ބަންދުގައި ބެހެއްޓިފައިވާތީ އެވެ.

އޭގެއިތުރުން ގާޒީ އެ ނިންމެވުން ނިންމެވީ، މައްސަލައަށް އަސަރު ފޯރާނެ ފަދަ ކަމެއް ފާރިސްގެ ފަރާތުން މިހާތަނަށް ހިނގާފައިވާ ކަމުގެ ޝަކުވާއެއް ލިބިފައި ނުވާތީ އާއި ކުށް ސާބިތުވެއްޖެނަމަ އަންނާނެ އަދަބާއި އެކަމުގައި ވަށައިގެންވާ ކަންކަމަށް ވެސް ރިއާޔަތް ކުރައްވާފަ އެވެ. އަދި، މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިިިކޮށް ފޮރެންސިކް ތަހުލީލެއް ކުރަން ފާރިސްގެ ފަރާތުން ހުށަހަޅާފައިވާތީ އެކަމަށް ޝަރީއަތް ގިނަ ދުވަސްތަކަށް ދިގުލައިގެން ގޮސްދާނެތީ ވެސް ބަންދުން ދޫކޮށްލުމުގައި ރިޔާއަތް ކޮށްފައިވެ އެވެ.

ގާޒީ ވިދާޅުވީ، ތިންވަނަ ފަރާތެއް މެދުވެރިކޮށް ފޮރެންސިކް ތަހުލީލު ހެދުމަށް ޕީޖީއިން ވެސް އިއުތިރާޒު ނުކުރާތީ އެކަމުގެ މަގު ޝަރީއަތުން ފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށް ވެސް ގަބޫލު ކުރައްވާ ކަމަށެވެ.

މައްސަލާގެ އިތުރު އަޑުއެހުމެއް މި މަހުގެ 31 ވަނަ ދުވަހު އޮންނާނެ އެވެ. އެ އަޑުއެހުމަކީ މިނިވަން ތިންވަނަ ފަރާތެއް މެދުވެރިކޮށް ފޮރެންސިކް ތަހުލީލު ކުރަން ފާރިސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް އެ ތަހުލީލުތައް ކުރެވޭނެ ގޮތުގެ މައުލޫމާތު ޝަރީއަތަށް ހިއްސާކުރުމަށް ބާއްވާ އަޑުއެހުމެކެވެ.

ފާރިސް މިއަދު ބަންދުން ދޫކޮށްލައި، ބަންދުކުރި އަމުރު ކުރިމިނަލް ކޯޓުން ބާތިލުކޮށްފައިވާއިރު ފާރިސްގެ ފަރާތުން އެ އަމުރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލާގައި ހައިކޯޓުގެ އަޑުއެހުންތައް ނިންމާލާފައިވާތާ އެތައް ދުވަހެއްވެފައިވާއިރު ވެސް މިހާތަނަށް ހުކުމް އިއްވާފައެއް ނުވެ އެވެ.