ހަބަރު

އިމްރާން މައްސަލަ އަލުން ތަހުގީގު ކުރަން ގޮވާލައިފި

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހައްޔަރުކޮށް ޖަލަށްލާފައިވަނީ އިންސާފުވެރި ޝަރީއަތެއް ނުލިބި، ސީދާ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމްގެ ނުފޫޒުން ކަމަށް ބުނެ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވުމާއި ގުޅިގެން އެކަން އަލުން ތަހުގީގު ކުރުމަށް ކަމާބެހޭ އިދާރާތަކަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް ކުރި އެންމެ ބޮޑު މުޒާހަރާ، މޭޑޭ މުޒާހަރާ އޮތީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އެވެ. އެ މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހައްޔަރުކުރި އެވެ. އަދި އެ ދުވަހު ދެއްކެވި ވާހަތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލައި، 12 އަހަރަށް ވަނީ ޖަލަށްލާފަ އެވެ. އިމްރާން ޖަލުގައި ހުންނަވާތާ މިހާރު 1،000 ދުވަސް ވަނީވެފަ އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕީޓީގެ ހާރިޖީ ކޮމިޓީގެ ރައީސާ ޝިދާތާ ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާ ގޮތުގައި އިމްރާން ޖަލަށް ލެވިފައިވަނީ ނުހައްގުން ކަމަށެވެ. އަދި ޝަރުއީ މަރުހަލާވެސް ކުރިއަށް ގެންގޮސްފައިވަނީ އެކަށީގެންވާ ހައްގު ނުލިބި ކަމަށާއި ޝަރުއީ މަރުހަލާ ކުރިއަށް ގެންދިޔައީ ސިޔާސީ ނުފޫޒާއި ބާރު ބޭނުންކޮށްގެން ކަމަށް ސިދާތާ ވިދާޅުވި އެވެ.

ސިދާތާ ވިދާޅުވީ، ޝެއިހް އިމްރާން ޖަލުގައި ހޭދަކުރާ ވަގުތަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ހޭދަކުރާ ވަގުތެއް ކަމަށާއި އިމްރާން ޖަލުގައި އެ އިންނަވަނީ އަމިއްލަ އިހުތިޔާރުގައި ކަމަށެވެ. އަދި މިސަރުކާރުން ހިންގާ ކޮރަޕްޝަނާއި ވައްކަމާއި ދެކޮޅަށް ޖަލުގައި 2000 ދުވަސް ހޭދަކުރަން ޖެހުނަސް ރައްޔިތުންނަށްޓަކައި ޖަލުގައި ހޭދަ ކުރައްވާނެ ކަމަށެވެ. އިމްރާންގެ ހިތްވަރަށް އެއްވެސް ބަލިކަށިކަމެއް ނާންނަ ކަމަށް ސިދާތާ ވިދާޅުވި އެވެ.

"މޭޑޭގައި އޭރު ސަރުކާރުުގައި އިސްކޮށް ތިބި ފަރާތްތަކުން ހިންގި ނޭއްގާނީ އަމަލެއްކަން ސާބިތުވާން އެބަހުރި، އިއްޔެ އަދީބު ނެރުއްވި ބަޔާނުގައި ވެސް އެކަން ސަރީހަކޮށް ބަޔާންކޮށްފައިވޭ، އިންކުއަރީ ކޮމިޝަނުންވެސް ކަންކަން އޮޅުވާލައިގެން ކުރިކަން ސާބިތުވާން އެބަހުރި، އެމައްސަލަ އަލުން ތަހުގީގުކޮށް ބެލުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލަން،" ސިދާތާ ވިދާޅުވި އެވެ.

ސިދާތާ ވިދާޅުވީ، ސަރުކާރުން ހިންގާ ނޭއްގާނީ އަމަލުތައް ހުއްޓުވަން އެންމެ ހިނދުކޮޅަކަށް ވެސް ފަހަތައް ޖެހުމުގެ ވިސްނުމެއް އިމްރާން ނުގެންގުޅުއްވާ ކަމަށާއި އިސްލާހަށް ކުރެވޭ މަސައްކަތްތަކުގައި އޭނާ ހުރީ ސާބިތުކަމާއެކުގައި ކަމަށެވެ. އަދި ވިދާޅުވީ، އިމްރާން ނެތުމުން އަދާލަތު ޕާޓީ އަށް ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށާއި ސިޔާސީ މައިދާނުގައި އިމްރާން މިއަދު ނެތުމަކީ ވަރަށް ބޮޑު ހުސްކަމެއް ކަމަށެވެ.

"އިމާރާން ޖަލުގައި އެހުންނަނީ އެއްވެސް ހައްގެއް ނުލިބި، އަސާސީ ހައްގެއްގެ ބޭނުން ހިފައިގެން ޖަލަށް ލުން ގޯސް، އެކަށީގެންވާ ޝަރީއަތެއްގެ ހައްގުވެސް ނުލިބި ޖަލުގައި އެހުންނެވީ، ޖަލުގައި ހޭދަކުރާ ވަގުތަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ހޭދަކުރާ ވަގުތެއް، ޖަލުގައި އެ އިންނަވަނީ ބޭނުން ވެގެން، އިމްރާންގެ ހިތްވަރު ބަލިކައްޓެއް ނުވޭ، އެންމެ ހިނދު ކޮޅަކަށްވެސް ފަހަތައް ޖެހުމުގެ ވިސްނުމެއް ނުގެންގުޅޭ، އިސްލާހަށް ކުރެވޭ މަސައްކަތްތަކުގައި ހުރީ ސާބިތުކަމާއެކުގައި،" ސިދާތާ ވިދާޅުވި އެވެ.

މޭޑޭގެ މުޒާހަރާއާ ގުޅޭގޮތުން އަދީބު އިއްޔެ ނެރުއްވި ބަޔާނެއްގައި ކުރީގެ އެންމެ އަރިސް ނަމަވެސް މިހާރު ސިޔާސީ ދުޝްމަނެއްގެ ގޮތުގައި ދެކޭ ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރައްވާފަ އެވެ. އަދީބު ވިދާޅުވީ، އެ މުޒާހަރާގައި ބައިވެރިވި ގިނަ އަދަދެއްގެ ބަޔަކު، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދު ތަކަށާ، އެނޫންވެސް ސަރަޙައްދު ތަކަށް އެއްވެ، އަމަން ބަލަހައްޓަން ތިބި ފުލުހުންނަށާ، އާންމުންގެ މުދަލަށް ގެއްލުން ދިނީ، އިމްރާން ދެއްކެވި ވާހަކަތަކުން ނޫން ކަމަށެވެ. ނަމަވެސް އެހެން ބުނެ އޭނާ ޖަލަށްލާފައިވަނީ އިންސާފުވެރި ޝަރީއަތެއް ނުލިބި، ސީދާ ރައީސް ޔާމީންގެ ނުފޫޒުން ކަން ރައީސް ޔާމީން ކުރެއްވި ކަންތައްތައް ރަނގަޅަށް ދަންނަ މީހެއްގެ ހައިސިއްޔަތުން އެނގޭ ކަމަށެވެ.

"... ރައީސް ޔާމީނުގެ ސަރުކާރު ހިމެނޭ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމުގެ އެތަކެއް ދުވަސްތަކެއް ކުރިން ވެސް، އެ ޕާޓީއާ އަދި ވަކިން ހާއްސަކޮށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނިކަމެތިކޮށް، ސިޔާސީ މައިދާނުން އެކަހެރިކުރުމުގެ ވިސްނުންތަކެއް ރައީސް ޔާމީން ގެންގުޅުއްވިކަން އަޅުގަނޑު ދެނެހުރީމެވެ. ކާނަލް މުހައްމަދު ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނު މައްސަލާގައި، ނާޒިމްގެ ދިފާއުގައި އިމްރާން މަސައްކަތް ކުރަން ފެއްޓެވި ހިސާބަކީ، ރައީސް ޔާމީނުގެ ޓާގެޓަކަށް އިމްރާން ހެއްދެވި ހިސާބެކެވެ." އަދީބުގެ ބަޔާނުގައިވެ އެވެ.

މޭޑޭ މުޒާހަރާއަކީ ސިޔާސީ މައިދާނުން އިމްރާން އެކަހެރި ކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ބައްލަވައި އެދުވަހުގެ އަމާންކަން ނަގާލުމަށް ރާވައި، އެތަކެއް ތުހުމަތުތަކެއް އިމްރާންގެ އިސްތަށިފުޅުގައި އެޅުއްވުމަށް ރައީސް ޔާމީން ރޭއްވެވި ކަމަށާއި އެ މުޒާހަރާއާ ގުޅިގެން ހިނގާދިޔަ ހަމަނުޖެހުމުގެ ތެރޭ ފުލުހުންނަށާއި، އާއްމުންގެ މުދަލަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ، ސަރުކާރުގެ ތެރެއިން ސީދާ ރައީސް ޔާމީނުގެ ރޭވުމަކުން ހިނގާދިޔަ އަމަލުތަކެއްކަން ނުހަނު ރަނގަޅަށް އެނގޭ ކަމަށް ވެސް އަދީބު ވިދާޅުވެފައި ވެއެވެ. އެގޮތުން ފުލުހުންގެ ތެރެއަށް ޕިކަޕް ދުއްވި އަމަލަކީ ރާވައިގެން ހިންގި އަމަލެއް ކަމަށެވެ.