ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ބަންދުން ދޫކޮށްލުމުން ސިޔާސީ އިދިކޮޅު ގިނަ ފަރާތްތަކުން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ކްރިމިނަލް ކޯޓުން ފާރިސް ދޫކޮށްލާފައިވަނީ ތިން ޝަރުތަކާއެކު އެވެ. ޝަރުތުތަކަކީ ކޯޓުގެ ހުއްދައަކާނުލައި މާލެން ބޭރަށް ނުދިއުމާއި ހެއްކަށް ނުފޫޒު ނުފޯރުވުމަށް އަދި ގަޑިއަށް ކޯޓަށް ހާޒިރުވުމެވެ.
ފާރިސް ޖަލުން ދޫކޮށްލުމާއެކު އިދިކޮޅު ފަރާތްތަކުން ދަނީ މަރުހަބާ ކިޔަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމާ ގުޅިގެން ޓްވީޓް ކުރައްވާފަ އެވެ. ނަޝީދުގެ ޓްވީޓް ވަނީ ފާރިސް މިނިވަން ވުމުން މަރުހަބާ ކިޔާފަ އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވެސް ވަނީ ފާރިސް އަށް މަރުހަބާ ވިދާޅުވެފަ އެވެ. ސިނާންގެ ޓްވީޓްގައި ވިދާޅުވީ، އެންމެން ގުޅިގެން ދިވެހިން ދެކޭ ހުވަފެން ދިވެހީންނަށް ގެނެސްދޭނެ ކަމަށެވެ. އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އޭނާގެ ޓްވީޓްގައި ވިދާޅުވީ، އުންމީދާއި ހިތްވަރު ނެރެ އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުންވެސް އިދިކޮޅު ގިނަ ފަރާތްތަކަކުން ދަނީ ފާރިސް ދޫކޮށްލުމުން އެކަމަށް މަރުހަބާ ކިޔާފަ އެވެ. އިދިކޮޅު އިތުރަށް ވަރުގަދަވެ ސަރުކާރު ބަލި ކަށިވަމުންދާ ހެއްކެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ވަނީ މިކަން ސިފަ ކޮށްފަ އެވެ.
ފާރިސް މިއަދު ބަންދުން ދޫކޮށްލާފައިވާއިރު އޭނާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް އެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި ދެން ޝާމިލުވާ ޝާފިއުއަށް ދައުވާ ނުކުރަން ވަނީ ނިންމާފަ އެވެ.