ފާރިސް މައުމޫން

މިއީ ހިތްވަރެއް، ދެން އޮތީ އުޖާލާ މަންޒަރުތައް: ފާރިސް

ހަ މަސް ދުވަހު ޖަލު ބަންދުގައި ހުންނެވުމަށްފަހު މިނިވަންވުމާއެކު އާ ޖޯޝެއްގައި އިސްލާހީ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ރިޝްވަތު ދިނުމުގެ ހައްޔަރުކުރި ފާރިސް ހަ މަސް ދުވަހު ޖަލު ބަންދުގައި ހުންނެވީ އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމުންނެވެ. ނަމަވެސް މިއަދު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ އެ އަމުރު ބާތިލުކޮށް ޝަރުތުތަކާއެކު ފާރިސް މިނިވަންކޮށްފަ އެވެ. ފާރިސް މިނިވަންކުރީ ގާނޫނު އަސާސީއިން ކަށަވަރުވާ ހައްގުތައް އުނިވާ ކަމަށް ގަބޫލު ކުރެވޭތީ އާއި މައްސަލާގެ ޝަރީއަތް އަދިވެސް ދިގު ދެމިގެންދާތީ އޭނާ މިހާރު ވެސް އެކަށީގެންވާ މުއްދަތަކަށް ބަންދުގައި ބެހެއްޓިފައިވާތީ އެވެ.

މިނިވަންވެ، ކޯޓުން ނުކުމެވަޑައިގެން އާއިލާގެ ބޭފުޅުންނާއި ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށްފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ފާރިސް މައުމޫން ވިދާޅުވީ، މިއަދު ލިބިވަޑައިގަތީ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. މިއަދުން ފެށިގެން އިސްލާހީ މަސައްކަތުގައި އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު ކުރިއަށް މިދާ އިސްލާހީ މަސައްކަތުގައި ވަކި ހިސާބަކުން އަޅުގަނޑު މަޑުކޮށްލަން ޖެހުނީ އެކަހެރިކޮށްލުމުން، އެހެން ނަމަވެސް އަނެއްކާވެސް މިއަދު ފެށިގެން އަޅުގަނޑު އެ މަސައްކަތުގައި ތިޔަ ބޭފުޅުންނާއެކު ދެމިހުންނާނެ ކަމުގެ ވާހަކަ ކަށަވަރުކޮށް އަރުވަން، މިއާއެކު އަޅުގަނޑަށް ހަމަ ފެނޭ އުޖާލާ މަންޒަރުތަކެއް، އަޅުގަނޑުމެންނަށް މިއަދު މިވީ ގޮތުން ވެސް އިތުރަށް ހިތްވަރު ލިބެންވީ، އަދި ބަޔަކު ބޭނުން ވިޔަސް ހުރިހާ ކަމެއް އެބަޔަކު ބޭނުންވާ ގޮތަކަށް ދިވެހި ރައްޔިތުން ފުރުސަތެއް ނުދޭނެކަން، މިކަން މިއަދު ވެސް އެނގިގެން މި ދިޔައީ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ، އުއްމީދެއް ނުގެއްލޭ ކަމަށާއި އިސްލާހީ މަސައްކަތް ކާމިޔާބު ވާނެ ކަމަށެވެ. ދިވެހި ރައްޔިތުން ބޭނުންވާފަދަ ގައުމެއް ގާއިމު ކުރެވޭނެ ކަމަށެވެ.

އިތުރަށް ވިދާޅުވީ، އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާގައި ޕްރޮސިކިއުޓާ ޖެނަރަލަށް ކުރެވިފައިވާ ގޯސް ކަންކަމަށް ރިޔާއަތްކޮށް، އެ ދައުވާ އަނބުރާ ގެންދިޔުމަށް ގޮވާލައްވާ ކަމަށެވެ. އޭނާ މިއަދު ޖަލުން މިނިވަންވި ނަމަވެސް އެ ހާލުގައި އަދިވެސް ގިނަ ބަޔަކު އެބަތިބި ކަމަށާއި އެމީހުން މިނިވަން ކުރުމަށް ގޮވާލައްވާ ކަމަށެވެ.

"އަޅުގަނޑު މިނިވަންކުރުމަށްޓަކައި އަދި ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން، މިވަގުތު އަޅުގަނޑު މިނިވަންވީމަ އުފާ ކުރަން، އަދި އަޅުގަނޑުގެ އާއިލާ ބޭފުޅުން ދެއްވާ ހިތްވަރަށްޓަކައި ޝުކުރު ދަންނަވާ ހާލު އަޅުގަނޑު ހަނދާނެއް ނުނެތޭ އަޅުގަނޑު މިދިޔަ ހަ މަސް ދުވަހު ހުރި ހާލުގައި ތިއްބެވި އެތައް ބަޔަކު އެބަތިބި،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވަނީ ސިޔާސީ މަސައްކަތުގައި އުޅުއްވަނިކޮށް އިންސާފުން ބޭރުން އެތައް ބަޔަކު ޖަލަށްލާފައިވާކަން ފާހަގަ ކުރައްވައި އެ ބޭފުޅުން މިނިވަން ކުރުމަށް ގޮވާލައްވާފަ އެވެ. އެގޮތުން ކުރީގެ ރައީސް މަހައްމަދު ނަޝީދާއި ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ނަން ފާރިސް ފާހަގަ ކުރެއްވި އެވެ.

ފާރިސް މިނިވަންވުމާއެކު އިދިކޮޅު ބޭފުޅުން އަންނަނީ އުފާ ފާޅުކުރައްވަމުންނެވެ. ފާރިސް ދޫކޮށްލުމަށް އަމުރު ކުރެއްވިއިރު، ޝަރީއަތުގެ އަޑުއެހުމުގައި ފާރިސްގެ ދައްތާފުޅު ޔުމްނާ މައުމޫން އިންނެވި އެވެ. ދޫކޮށްލުމަށް އަމުރު ކުރެއްވުމާއެކު ޔުމްނާއަށް އެތައް އަސަރެއް ކޮށް ކީރިތި ކުރައްވާފައިވެ އެވެ. އަދި ކޯޓުން ބޭރުގައި ވެސް އެތައް ބަޔަކު ޔުމްނާއަށް ހިތްވަރު ދެއްވަމުން ގެންދެވި އެވެ. ފާރިސް ކޯޓުން ނުކުމެވަޑައިގެން އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ވެސް ޔުމްނާއާ އެވެ.