ބޮލީވުޑްގެ ތަރިންނަކީ ރީތިވާން އެމީހުން ބޭނުން ކުރާ ބާވަތްތަކާއި ކަންކަން ސިއްރެއް ގޮތުގައި ބާއްވާ ބައެކެވެ. އެހެންކަމުން އެ ތަރިން ރީތި ކަމުގައި ތިބުމަށް ބޭނުން ކުރާ ބިއުޓީ ޕްރޮޑަކްޓްތައް އެނގެން ބޭނުންވާނެ އެތައް ބަޔަކު އަބަދުވެސް އުޅެ އެވެ.
ޕްރިޔަންކާ ޗޯޕްރާއަށް އެންމެ ކަމުދާ ޕްރޮޑަކްޓެއް ކަމަށްވަނީ ބަޔޯ އޮއިލް އެވެ. ޕްރިޔަންކާ ވަނީ މި ތެލަކީ އޭނާއަށް އެންމެ ކަމުދާ ތެޔޮ ކަމަށް އެއްބަސް ވެސް ވެފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ ތެލުގެ ސަބަބުން އޭނާގެ ހަމަށް ރީތި ވިދުމެއް ގެނެސްދެ އެވެ.
ބޮލީވުޑްގެ އެންމެ ގަދަޔަށް ނަން އިވޭ އަދި އެންމެ ބާރުގަދަ ތަރި ދީޕިކާ ޕަޑުކޯން ވަނީ އޭނާ އަށް އެންމެ ކަމުދަނީ ޑިއޯގެ ޑިއޯޝޯ މަސްކަރާ ކަމަށް އެއްބަސްވެފަ އެވެ. އޭނާ ބުނާ ގޮތުގައި މި މަސްކަރާއިން އޭނާގެ ލޮލުގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދެ އެވެ. މި މަސްކަރާއިން އެސްފިޔަ ތެމިފައި ހުންނަ ގޮތެއް ހުންނާތީ އޭނާއަށް ކަމުދަނީ ކަމަށްވެސް ދީޕިކާ ބުނެ އެވެ.
ގިނަ އަދަދެއްގެ އަންހެން ކުދިންނަށް މާމަލުގެ ވަސް ދުވާ ސެންޓަކީ ވަރަށް ކަމުދާ އެއްޗެކެވެ. ނަމަވެސް އާލިއާ ބަޓް އަކީ އެގޮތުން ވަރަށް ތަފާތު ތަރި އެކެވެ. އާލިއާ ބުނާ ގޮތުގައި އޭނާއަށް މާމެލާމެލީގެ ވަސްދުވާ ނުވަތަ މޭވާގެ ވަސް ދުވާ ސެންޓް ކަމަކުނުދެ އެވެ. އޭނާ އަށް ކަމުދަނީ ވަސްގަދަ ސެންޓެވެ. އެހެން ކަމުން އޭނާއަށް އެންމެ ކަމުދަނީ ބްލެކް އޯކިޑު ކަމަށްވެސް ވަނީ ބުނެފަ އެވެ.
ވިހައިގެން ގިނަ ދުވަސްތަކެއްްނުވެ ބަނޑު ހިންދައި ހަށިގަނޑު ރީތިކުރި ތަރި ކަރީނާ ކަޕޫރަށް އެންމެ ކަމުދަނީ ކެތަފިލް މޮއިސްޗަރައިޒިން ކްރީމެވެ. އޭނާ ގްރާޒިއާ މެގެޒިންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާގޮތުގައި މި ކްރީމަކީ އޭނާގެ ހަމާއި އެންމެ ގުޅޭ ކްރީމެވެ. މީގެ އިތުރުން އޭނާއަށް ލަކްމޭ ގެ އެބްސަލޫޓް ކާޖަލްވެސް ވަރަށް ކަމުދެ އެވެ.
ޖެކްލިން ފާނާންޑަސް ރީތި ކަމުގެ އަވައިގައި ނުޖެހޭ މީހުން ވަރަށް މަދުވާނެ އެވެ. އޭނާގެ ރީތި ހަމުގެ ސިއްރަކީ ދަ ބޮޑީ ޝޮޕް ގެ ވިޓަމިން އީ މޮއިސްޗަރައިޒިން ކްރީމެވެ. އޭނާ ވަނީ މިއީ އޭނާއަށް އެންމެ ކަމުދާ ޕްރޮޑަކްޓް ކަމަށް އޭނާގެ އިންސްޓާގްރާމް ބޭނުން ކޮށްގެން އޭނަގެ 16 މިލިއަން ފޮލޯވަރުންނަށް އަންގާފަ އެވެ.