ބޮލީވުޑް

ނަތަންޔާހޫއާ ބައްދަލު ނުކުރި، ހާނުންނަށް ތައުރީފު

ބޮލީވުޑްގެ ތަރިންނާއެކު އިޒްރޭލުގެ ބޮޑުވަޒީރު ނަތައްޔާހޫ ބައްދަލުކޮށް ސެލްފީއެއްގެ ނެގުމުން އެކަމަށް މީހުންގެ ސަމާލުކަން ލިބުނެވެ. އެކަމަކު އެ ހަބަރު މުހިންމު ނޫންކަމަށް ބައެއް މީހުން ބުންޏެވެ. އަދި ބޮލީވުޑްގެ ތިން ހާނުން އެ ބައްދަލުވުމަށް ނުދިޔައީ ކީއްވެތޯ މީހުން ސުވާލު ކުރި އެވެ.

މުސްލިމު އެހެން ތަރިންތަކެއް އެ ބައްދަލުވުމުގައި ބައިވެރިވިއިރު ބޮލީވުޑްގައި ރަސްކަންކުރާ ތިން މުސްލިމު ތަރިން އެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެއެވެ.

ޝާރުކް ހާނާއި ސަލްމާން ހާން އަދި އާމިރް ހާން އެ ބައްދަލުވުމަށް ނުދިޔުމުން އެ ތިން ތަރިންނަށް ޝޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. މުސްލިމުންނާއި ދޭތެރޭ އެހާ އިހާނެތިކޮށް ކަންތައްކުރާ ގައުމެއްގެ ވެރިޔަކާއި ބައްދަލު ނުކުރަން ނިންމި ނިންމުމަށް މަރުހަބާ ކިޔާފައިވެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ތިން ހާނުން އެ ބައްދަލުވުމަށް ނުދިޔައީ މި ސަބަބައްޓަކަ އެވެ.

ތައުރީފާ އެއްވަރަށް އެ ތިން މީހުންނަށް ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. ގައުމީ އެހާ ބޮޑު ބައްދަލުވުމެއްގައި ބައިވެރި ނުވި ކަމަށް ބުނެ އެވެ.

ބޮލީވުޑްގެ މުސްލިމު ތަރި ސާރާ އަލީ ހާން އާއި ފިލްމު މޭކާ އިމްތިޔާޒް އަލީ މި ބައްދަލުވުމުގައި ބައިވެރިވުމުން އެ ދެ މީހުނަށް ފާޑިޔުންތައް އަމާޒުވެފައިވެ އެވެ. މުސްލިމަކަށް ވެހުރެ މުސްލިމުނަށް އަނިޔާކުރާ ގައުމެއްގެ ވެރިޔާ އާއި އެއްކޮށް އުފާ ފާޅުކުރަތީ އެއީ ލަދު ގަންނަންޖެހޭ ކަމެއްކަމަށް ބުނެ ޝޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ނުރުހުން ފާޅުުކުރި އެވެ.

އިންޑިއާ އާއި އިޒްރޭލާއި ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން ހަރުދަނާ ކުރުމުގެ ނިޝާނެއްގެ ނަމުގައި ނެގި ސެލްފީގައި ނަތަންޔާހޫގެ އަންހެނުން ސާރާ އާއި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަމީތާބް ބައްޗަން އާއި އަބީޝޭކް ބައްޗަން އާއި އަންހެނުން އައިޝްވާރިޔަ ބައްޗަނާއި ޑައިރެކްޓާ ކަރަން ޖޯހަރް، ވިވެކް އޮބްރޯއި، އަދި ވެސް މަޝްހޫރު ތަރިން ބައިވެރިވި އެވެ.

އިތުރު ތަރިންގެ ތެރޭގައި ސާރާ އަލީ ހާން، ފިލްމުމޭކާ އިމްތިޔާޒް އަލީ، މާދުރް ބަންދަރުކަރް، ނިކިލް އަދްވާނީ، އަބީޝޭކް ކަޕޫރް، ސުބާޝް ގާއީ، އަދި ލިރިސިސްޓް ޕަރްސޫން ޖޯޝީ ހިމެނެ އެވެ.

ބޮލީވުޑް އެކްޓަރެއް ކަމަށްވާ އީޖާޒް ހާން ވީޑިއޯކޮށް އާންމުކުރި މެސެޖެއްގައި އިޒްރޭލުގެ ބޮޑުވަޒީރާއި އަމީތާބް އަދި ކަރަން ޖޯހަރް ބައްދަލުކުރީތީ ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.