ރިޕޯޓް

މައުމޫންގެ ވާހަކައިން ޕީޕީއެމް "ކެކި އަރައިފި"!

ގައުމީ ޖަލްސާއެއް ފަސް އަހަރުވެގެން ދާއިރު ވެސް ނުބާއްވާތީ ޕީޕީއެމްގެ އިންތިހާބީ މަގާމުތަކުގެ މުއްދަތު ހަމަވެ، ޕާޓީ ގާނޫނީ ހުސް ކަމެއްގައި ވާކަން ފާހަގަ ކުރައްވައި އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުތަކަށް މިހާރު ޕީޕީއެމްގެ އިސް ބޭފުޅުން ދެއްވީ ބީރު ކަންފަތެކެވެ. އެއީ މުހިންމު ވާހަކައެއް ކަމަކަށް ނުހެއްދެވި އެވެ. ރައީސް މައުމޫން އެފަދަ ވާހަކަފުޅެއް ދެއްކެވި ކަމެއް ވެސް އެނގިވަޑައިގެންނެވި ކަމަކަށް ނުހެއްދެވި އެވެ. --- ގާނޫނުގައިވާ ގޮތުން ފަސް އަހަރުވާއިރު ގައުމީ ޖަލްސާއެއް ނުބާއްވައިފިނަމަ އެ ޕާޓީއެއް އުވޭނެ އެވެ.

އާންމުކޮށް ސޯޝަލް މީޑިއާގައި ޕީޕީއެމްގެ ދިފާއީ ފާރުގެ ގޮތުގައި އުޅުއްވާ ބޭފުޅުން ވެސް އެކަމުގައި ތިއްބެވީ ހަނުގަވެ. އެއްޗެއް ވިދާޅެއް ނުވެ އެވެ. ބޮޑެތި ގާނޫނީ މައްސަލަތަކާއެކު ބޮޑެތި ސުވާލުތައް ޕީޕީއެމްއަށް ކުރިމަތިކުރުވައި އެ މައްސަލަ އިލެކްޝަން ކޮމިޝަންގެ ސަމާލު ކަމަށް ރައީސް މައުމޫން ގެންނެވި ދުވަހު ނޫން އަނެއް ދުވަހު ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ކެރުނު ކަމަކަށް ނުހެއްދެވި އެވެ.

އޭގެ ފަހުން ރައީސް މައުމޫން އެއްޗެއް މި ވިދާޅުވީ ރޭގަ އެވެ. ރޭ ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުން ޕީޕީއެމްގެ އިސް ބޭފުޅުންގެ ލޭ ވަނީ ހޫނުވެފަ އެވެ. އެއްޗެއް ވިދާޅު ނުވެ ނުތިއްބެވުނެވެ. މިފަހަރު މައުމޫންގެ ވާހަކަފުޅު އެ ބޭފުޅުންގެ ކަންފަތާ ހަމައަށް ވާސިލުވެއްޖެ އެވެ. ކޮންމެ ބޭފުޅެއް ވެސް ބެއްލެވީ އަވަހަށް ޓްވީޓެއް ކޮށްލެއްވޭތޯ އެވެ.

ރޭ ރައީސް މައުމޫން ވިދާޅުވީ، ސަރުކާރުން ރިޔާސީ އިންތިހާބު ބާއްވާނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށާއި ބޭއްވިޔަސް އެއިން މައްސަލަތަކެއް ވެސް ނުކުމެދާނެ ކަމަށެވެ. އެހެން ކަމުން ރިޔާސީ އިންތިހާބުގެ ކުރިން އިސްލާހުކޮށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

"މިހާރުން މިހާރަށް ކަންކަން އިސްލާހު ކުރަން ޖެހޭ، ކޮންމެހެން ވަކި އިރެއްވަންދެއް މަޑު ކުރާކަށް ނުޖެހޭ، ކީއްކުރަންތޯ މަޑު ކުރަންވީ، އަދި ތިބުނާ އިންތިހާބަކީ ބޭއްވޭނެ އިންތިހާބެއް ކަމެއް ވެސް ނޭނގޭ، އިންތިހާބު ބޭއްވިޔަސް ނަތީޖާއަށް ވާނެ ގޮތެއް ނޭނގެ، ވާނީ ކޮން ކަހަލަ ކަންތައްކެއް ކަމެއް ވެސް ނޭންގޭ، އެހެންވެ އިންތިހާބެކޭ ކިޔާނެ ކަމެއް ނެތް،" ރައީސް މައުމޫން ވިދާޅުވި އެވެ. "އިސްލާހު ގެންނަން ޖެހޭނީ ހަމަ މިހާރު، އިންތިހާބުގެ ކުރިން މި ބަދަލުތައް ގެންނަން ޖެހޭ،"

އެއާއެކު ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވަނީ ފުލުފުލުގައި ޓްވީޓްތަކެއް ކުރައްވާފަ އެވެ. އަދުރޭ ވިދާޅުވީ، "ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން ފާޅުގައި ގޮވާލުމަކީ ތަހުގީގުކޮށް ބަލަންޖެހޭ ކަމެއް، މިއީ ސަމާސާ ކަމެއް ނޫން،" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، "ގައުމާއި ރައްޔިތުންގެ ލޯތްބާއި މަންފާއަށް މަސައްކަތް ކުރާ ކަމަށް ބުނާ ލީޑަރުންގެ ފޮރުވިފައިވާ އެޖެންޑާ މިހިރަ ހާމަ ވަނީ، މަވެތިކަމުގެ އިންތިހާއެއް ނޫންތޯ މިއީ،" ކަމަށެވެ.

އަދުރޭއަށް ދޫނުދެއްވައި، ޕީޕީއެމް ސެކްރެޓްރީ ޖެނަރަލް އަބްދުﷲ ހަލީލު ވެސް ޓްވީޓެއް ކުރެއްވި އެވެ. ހަލީލު ވިދާޅުވީ، "އެމްޑީޕީގެ އެޖެންޑާ ހާސިލު ކުރުމަށް ރައީސް މައުމޫންގެ ބޭނުން ވަރަށް ރަނގަޅަށް އެ ޕާޓީން އެބަ ހިފާ" ކަމަށެވެ.

ސަރުކާރަށް ފާޑުކިޔުމުން މަޖިލިސް މެންބަރުން ރައްދު ދެއްވައި، އެއްވެސް މިނިސްޓަރަކު އެއްޗެއް ވިދާޅު ނުވާ މައްސަލާގައި މިފަހުން ރައީސް މައުމޫން ވަނީ ފާޑުވިދާޅުވެފަ އެވެ. އެހެންވެ ކަންނޭނގެ، ރައީސް މައުމޫންގެ ވާހަކަފުޅު ނިންމަވާލެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ރައީސް މައުމޫންއަށް ރައްދު ދެއްވާފަ އެވެ.

އާދަމް ޝަރީފް ވިދާޅުވެފައިވަނީ، ގާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. ރާއްޖޭގައި އޮތް ސުލްހަ މަސަލަސްކަން ނަގާލަން އުޅޭ ބަޔަކަށް އެފުރުސަތު ސަލާމަތީ ބާރުތަކުން ނުދޭނެ ކަމަށެވެ. އެފަދަ ކަމެއް ކުރަން އުޅޭ ބަޔަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. ރާއްޖޭގައި އޮތް ސަރުކާރު ގާނޫނުގެ ބޭރުން ބަދަލުކުރާކަށް ސިފައިންނާއި ފުލުހުން ފުރުސަތެއް ނުދޭނެ ކަމަށް ވެސް ޑީފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ރައީސްއަކު މަގާމުން ވަކި ކުރެވިދާނެ ކަމަށް އޮވެ އެވެ. އެއީ އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނު އަސާސީ ނުވަތަ ގާނޫނަކާ ރައީސް ހިލާފުވުމުން ނޫނީ، މަސްއޫލިއްޔަތު އަދާ ނުކުރެއްވުން ނޫނީ މަގާމުގައި ހުންނަވައިގެން ކުރުން އެކަށީގެން ނުވާ ކަމެއް ކުރައްވައިފިނަމަ އެވެ.

އެ ތިން ކަމުގެ ތެރެއިން ކަމެއް ރައީސްކަމުގައި ހުންނަވާ ބޭފުޅާ ކުރައްވައިފި ކަމަށް ގަބޫލު ކުރެއްވޭ ކޮންމެ މީހަކަށް ވެސް ރައީސް މަގާމުން ދުރުކުރުމަށް މަސައްކަތް ކުރުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހައްގެކެވެ. ނަމަވެސް އެއީ މަގުމަތިންނެއް ނޫނެވެ. އެކަން ކުރަންވީ ގޮތް ވެސް ގާނޫނު އަސާސީގައި އޮތީ ލިޔެފަ އެވެ. އެކަން ކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. ރައީސް، މަގާމުން ވަކިކުރާ ގަރާރަށް މަޖިލީހުގެ ތިން ބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ވޯޓު ބޭނުންވާނެ އެވެ.

މައުމޫން ރޭގެ ވާހަކަފުޅުގައި ވިދާޅުވީ ވެސް އެހެނެވެ. ސަރުކާރު އެގޮތަށް ބަދަލުކުރާ ވާހަކަ އެވެ. އެގޮތަށް އިސްލާހީ ބަދަލު ގެންނަ ވާހަކަ އެވެ. މަގުމަތީ ހަމަނުޖެހުން ހިންގައިގެން އެކަން ކުރާ ވާހަކައެއް ނޫނެވެ. ރައީސް މައުމޫން ރޭ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކުރިން އިސްލާހުތަކާއި ބަދަލުތައް ގެނެވޭނެ ގޮތަކީ ރައްޔިތުންގެ މަޖިލީހަށް ގާނޫނީ ވާޖިބު އަދާ ކުރެވިގެން ކަމަށެވެ. އަދި 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނުހައްގުން ދައުވާ ކުރަމުންދިޔަ ނަމަވެސް އެ މެންބަރުންނާއެކު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހޭ ކަމަށާއި އެއަށް ފަހު ބޭނުންވާ އިސްލާހުތައް ފާސްކޮށް އިސްލާހުގެ މަގަށް ގެނެވޭނެ ކަމަށެވެ.