ކަސްރަތު ކުރަން ބުނެފިއްޔާ ގިނަ މީހުން ބުނާނީ ވަގުތު ނުވާ ކަމަށެވެ. ހެނދުނުން ފެށިގެންް ގޮސް ރޭގަނޑުގެ ބަޔަކާ އެއްކޮށް ބައެއް މީހުން އުޅެން ޖެހެނީ މަސައްކަތުގަ އެވެ. މި ޒަމާނުގައި ދިރިއުޅުމުގެ ހަރަދު އެހާވެސް ބޮޑެވެ. ނަތީޖާއަކީ ލޭ މައްޗަށް ދިއުމާއި އެކަށީގެންވާ ވަރަށް ވުރެ ބަރުވެ، ކޮލެސްޓްރޯލް މައްޗަށް ދިއުން ފަދަ މައްސަލަތައް ކުރިމަތިވުމެވެ. ނަތީޖާއަކީ ހިތުގެ ބަލިތަކަށް ހުުށަހެޅުމެވެ.
ސްވިޑުންގެ ކެރޮލިންސްކާ އިންސްޓްޓިއުޓުން ކުރި ދިރާސާއަކުން ނުކުތް ނަތީޖާއަކީ ކަސްރަތު ކުރަން ވަގުތު ނުވާ މީހުންނަށް އުފާވެރި ހަބަރެކެވެ. އެ ދިރާސާއިން އެނގިފައި ވަނީ ހީކުރާ ވަރަށް ވުރެ މާ އާދައިގެ ހަރަކާތްތައް ވެސް، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ކުރާ ކަސްރަތުތަކަކަށް ފުދޭ ކަމެވެ. އެފަދަ ކަންތައްތަކުގެ ތެރޭގައި ކޮޅަށް ހުރުމާއި ހިނގާލާފައި ތަނަަކަށް ދިއުމާއި ގެވެހި މަސައްކަތްތައް ކޮށްލުން ވެސް ހިމެނެ އެވެ.
ކްލިނިކަލް އެޕިޑެމިއޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓުގައި ބުނެފައި ވާގޮތުން އެފަދަ ހަރަކާތްތައް ދުވާލަކު ގަޑިއެއްހާއިރު ކޮށްލިޔަސް ހިތަށް ޖެހޭ މަރުގެ ބަލިތަކުން ސަލާމަތް ވުމުގެ ފުރުސަތު 24 ޕަސެންޓުން ކުޑަ ވެއެވެ. ދިރާސާއިން އެނގިފައިވާ މުހިއްމު އަނެއް ކަމަކީ ހިތުގެ ދުޅަހެޔޮކަމަށް ޓަކައި ކުރާ މެދު މިނުގެ ނުވަތަ ބުރަ ކަސްރަތުތައް ގަޑި ދެގަޑިއިރު ވަންދެން ނުކުރިޔަސް އެކަންކަމުން ފައިދާ ކުރާ ކަމެވެ.
އެގޮތުން އެންމެ 10 މިނެޓް ވަންދެން އެފަދަ ކަސްރަތެއް ކޮށްލިޔަސް ހިތުގެ ބައްޔެއްގައި މަރުވުމުގެ ފުރުސަތު 38 ޕަސެންޓުން ކުޑަވާ ކަަމެވެ. އަދި އެފަދަ ކަސްރަތެއް 30 މިނެޓް ވަންދެން ކޮށްފި ނަމަ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 77 ޕަސެންޓުން ކުޑަވެއެވެ.
"އަހަރެމެން ކުރިން ކުރި ދިރާސާއަކުން ދައްކާފައި ވަނީ ދުވާލަކު 10 ގަޑި އިރު ވަންދެން އިށީނދެ ތިބޭ މީހުން، [ހިތުގެ ބައްޔެއްގައި] އަވަހަށް މަރުވުމުގެ ފުރުސަތު ، ހަ ގަޑި އިރަށް ވުރެ މަދު ވަގުތުކޮޅެއްގައި އިށީނދެ ތިބޭ މީހުންނަށް ވުރެ 2.5 ގުނަ ބޮޑުކަން، " ކެރޮލިންސްކާ އިންސްޓްޓިއުޓްގެ ޑިޕާޓްމަންޓް އޮފް ނިއުރޮލޮޖީ، ކެއާ ސައިންސަސް އެންޑް ސޮސައިޓީގެ ޕޯސްޓްޑޮކް އިން މާރި ޑޯން ސައިންސް ޑެއިލީއަށް ވިދާޅުވެފައި ވެއެވެ. އޭނާއަކީ ދިރާސާ ރިޕޯޓުގެ އެއް މުސައްނި ފެވެ.
އެހެންވީމާ ކަސްރަތު ކޮށްލަން ވަގުތެއް ނުވަނިއްޔޭ ކިޔައިގެން ދެން އުޒުރެއް ނުދެއްކޭނެއެވެ. ބާރަށް ހިނގާލާފައި 10 މިނެޓުން ދެވޭ ތަނަކަށް އަވަހަށް ހިނގާފައި ދާންވީއެވެ.