ހޮލީވުޑް

މި ފޮޓޯއިން ރީސް ވިދަސްޕޫންގެ އިތުރު ފަޔެއް ފެނޭތަ؟

ވެނިޓީ ފެއާ މެގަޒިނުން ކޮންމެ އަހަރަކުވެސް އެ މީހުންގެ ހޮލީވުޑް އަދަދުގައި ހޮލީވުޑްގައި އޭރަކު އެންމެ ނަން ހިނގާ އަދި ރީތި ތަރިންގެ ފޮޓޯއެއް ކަވަ ޕޭޖުގައި ޝާއިއުކުރެ އެވެ.

މިއަހަރުގެ އަދަދުގައި ޝައިއުކުރި ކަވަ ޕޭޖު ފޮޓޯގައި މަޝްހޫރު ތަރިން ކަމަށްވާ ރީސް ވިދަސްޕޫން، އޮޕްރާ ވިންފްރީ، ޓޮމް ހޭންކްސް، ނިކޯލް ކިޑްމެން، ގަލް ގެޑޮޓް، ހެރިސަން ފޯޑް، އަދި ޖޭސިކާ ޗޭސްޓެން ގެ އިތުރުން އެހެން ތަރިންތަކެއްވެސް ފެނިގެންދިޔަ އެވެ.

މިފަހަރު ކަވާ ފޮޓޯގައި ބޮޑު މައްސަލައެއް ވެސް އެބަ އިނެވެ. "ފޮޓޯޝޮޕް ފެއިލް" އެއްކަމަށް ގިނަ ބަޔަކު ބުނަމުންދާ މި ފޮޓޯއަށް ޝޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ފޮޓޯގެ ވާތުން އޮޕްރާ ވިންފްރީ އާއި ޖެހިގެން ރީސް ވިދަސްޕޫން ހުރިއިރު، ފޮޓޯގެ ތިރިން ފެންނަ މަންޒަރަށް ބަލައިފިނަމަ ހީވާނީ ރީސްގެ ތިން ފައި އިންހެނެވެ. ބޮޑަށް ބެލެވެނީ ރީސް އެއިނީ އޮޕްރާގެ ފައިގެ މަތީގައި އިށީނދެގެންނެވެ.

ޓުވިޓާއަށް މި ފޮޓޯ ލުމާއެކު ގިނަ އިރުތަކެއް ނުވެ މީހުނަށް އެތަން ފާހަގަވެ ފާޑުކިޔަން ފެށި އެވެ.

މިހާ ހިސާބުން އަދި މިކަން ނިމުނީކީ ނޫނެވެ. ޝޯޝަލް މީޑިއާގައި ދައުރުވި މި ފޮޓޯގެ ޝޫޓިންގެ ތެރެއިން ނަގާފައި ފޮޓޯއެއްގައި އޮޕްރާގެ ތިން އަތް އިން ފޮޓޯއެއްވެސް ދަނީ ދައުރުވަމުންނެވެ.

މި ފޮޓޯ އާއި ގުޅިގެން ދެކެވޭ އެހެން ވާހަކަތަކުގެ ތެރޭގައި މި ފޮޓޯއިން މަޝްހޫރު ތަރިއެއް ކަމަށްވާ ޖޭމްސް ޕްރެންކޯ ދުއްވާލާފައިވާ ވާހަކަ ހިމެނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާގެ ފޮޓޯ ކަވާގައި ނުހިމެނީ އޭނާގެ މައްޗަށް މިހާރު ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކުގެ ސަބަބުންނެވެ.