ސައުދީ އަރަބިއްޔާގައި އަލަށް އުފެއްދި އެންޓި ކޮރަޕްްޝަން ކޮމިޓީން މިދިޔަ 2017 ވަނަ އަހަރުގެ ނޮވެމްބަރުމަހު ހިންގި ބޮޑު އޮޕަރޭޝަނެއްގައި އެ ގައުމުގެ ޝާހީ ހާންދާނުގެ ގިނަ ބޭަފުޅުންތަކެއް ވަނީ ހައްޔަރު ކޮށްފައެެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ ކިންގްޑަމް ހޯލްޑިންގްސްގެ ވެރިޔާ، ބިލިޔަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލެވެ.
އަލަށް އުފެއްދި އެންޓިކޮރަޕްޝަން ކޮމިޓީގެ ވެރިޔަކީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދުގެ ދަރިކަލުން އަދި ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނެވެ. މުހައްމަދަކީ ސައުދީ ޑިފެންސް މިނިސްޓަރު ވެސް މެއެވެ.
ޝާހީ ބޭފުޅުންނާއި ކުރީގެ ވަޒީރުންނާއި ބޮޑެތި ވިޔަފާރި ވެރިން ހިމެނޭ ގޮތުން 200 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރީ ވެރިރަށް ރިޔާޒުގައިވާ ފަސް ތަރީގެ ރިޒްކާލްޓަން ހޮޓަލުގައެވެ. އެބޭފުޅުން ހައްޔަރު ކުރުމަށް ފަހު ބައިތިއްބާފައި ތިބީ ވަރަށް ނިކަމެތި ހާލުކޮޅެއްގައި ކަމަށް އޭރު އަޑު ފެތުރުނެވެ. ޕްރިންސް ވަލީދާއި އެެހެން ބައެއް ބޭފުޅުންނަށް ރަޖަޔަކާއި ތުނި ގޮދަޑިއެއް ދީފައި އެއް ތަޅުން މަތީ ބަރިއަކަށް ބައިތިއްބާފަތި ތިއްބެވި މަންޒަރު ފެންނަ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގަައި އޭރު ދައުރުވި އެވެ.
ނަމަވެސް ރޮއިޓާސް އިން ބުނީ ރިޒްކާލްޓަން ހޮޓަލުގައި އެ އެޖެންސީގެ ނޫސްވެރިން ޕްރިންސް އަލް ވަލީދާ މިއަދު ބައްދަލު ކުރި އިރު އޭނާ ހުންނެވީ ހޮޓަލުގެ ސުއިޓެއްގައި ކަމަށެވެ. އެތަނުގައި އޮފީހަކާއި ބަދިގެއަކާއި ކާގެ އެއެއް ހުރި އިރު އޭނާ އެންމެ ފަރިކުއްޅުއްވާ ހިތްޕުޅުވާ ކާނާގެ ބާވަތްތައް އެދިވަޑައިގަންނަވާ ވަރަކަށް ހުރި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ސުއިޓްގައިވާ ވަލީދުގެ އޮފީސް ތެރެ އޮތް ގޮތް ސިފަކުރަމުން ރޮއިޓާސްގެ ރިޕޯޓުގައި ބުނެފައި ވަނީ އެތަނުގެ ކަނެއްގައި ކަސްރަތު ކުރާ ބޫޓެއް ހުރި ކަމަށެވެ.
"އޭނާ ވިދާޅުވީ އެއީ ގަވައިދުން ކަސްރަތުކުރައްވަން ބޭނުންކުރައްވާ އެއްޗެއް ކަމަށެވެ. ޓީވީން ދައްކަމުން ދިޔައީ ވިޔަފާރި ހަބަރެވެ. އޭނާގެ އަމިއްލަފުޅު ފޮޓޯއެއް ޖަހާފައިވާ މަގެއް މޭޒުމަތީގައި ހުއްޓެވެ،" ރިޕޯޓުގައި ވެއެވެ.
އިންޓަވިއުގައި ވަލީދު ވިދާޅުވެފައި ވަނީ ބަންދު ކުރުމަށް ފަހު އަނިޔާ ކުރި ކަމަށް މީޑިއާގައި ފެތުރި ވާހަކައަކީ ދޮގެއް ކަމަށެވެ.
"އެއީ އެއް ގޮތަކަށް ވެސް ގަބޫލު ނުކުރެވޭނެ ވާހަކަތަކެއް. އެއީ ދޮގޮތަކެއް،" އޭނާ ވިދާޅުވެފަައި ވެއެވެ.
ޕްރިންސް ވަލީދު ވިދާޅުވެފައި ވަނީ އޭނާ ވަރަށް އަވަހަށް މިނިވަންް ވެވަޑައިގަންނަވާނެ ކަމަށާއި އޭނާ ނުކުމެވަޑައިގަންނަވާނީ ކުށެއް ނެތް ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވެފައި ވަަނީ އޭނާއާ ދެކޮޅަށް ތަހުގީގެއް ނުހިންގާ ކަމަށާއި ދައުވާއެއް ވެސް ނޫފުލާ ކަމަށެވެ. އޭނާއާ ސަރުކާރުން ކުރަނީ މަޝްވަރާތަކެއް ކަަމަށް ވެސް ވިދާޅުވެފައި ވެެއެވެ. އެގޮތުން ކުރާ މަޝްވަރާގެ 95 ޕަސެންޓް މިހާރު ނިިމފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.