ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އަލުން ހައްޔަރު ކުރަން ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ މުއައްސަސާއަށް އެންގެވި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރިޝްވަތުގެ ތުހުމަތެއްގައި ޖަލައްލާފައި ހުންނެވި ފާރިސް މައުމޫން މިދިޔަ ބުރާސްފަތި ދުވަހު މިނިވަން ކޮށްފައިވާއިރު އޭނާ އަލުން ހައްޔަރު ކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ގަޑިއިރެއްހާ ކުރިން ފުލުހުން ކޯޓު އަމުރެއްގެ ދަށުން ފާރިސްގެ ދިރިއުޅުއްވާ މ. ސްނޯރޯޒް ބަލާ ފާސް ކުރަން ފަށާފަ އެވެ.
ފާރިސް ވަނީ އޭނާ ހައްޔަރު ކުރުމަށް ސީދާ ރައީސް ޔާމީން ފުލުސް ކޮމިޝަނާ އަހުމަދު އަރީފަށް ތަކުރާރުކޮށް ގުޅުއްވައި އެންގެވިކަމަށް އޭނާގެ އަރިހުގައި އަރީފް ވިދާޅުވި ކަމަށް ވިދާޅުވެފަ އެވެ. ފާރިސް ވަނީ އޭނާ ހައްޔަރު ކުރަން ފުލުހުން ކުރާ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވައިގެން ކުރާ ކަންތައްތަކެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
ފާރިސް އެހެން ވިދާޅުވުމުގެ ކުރިން މިއަދު ހެނދުނު އަރީފް ކޮމިޝަނާ ކަމުން އިސްތިއުފާ ދެއްވި ކަމުގެ ހަބަރުތައް ވެސް ފެތުރުނެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގު ކޮށްފަ އެވެ. އޭގެ ފަހުން އަރީފާ ބެހޭ ގޮތުން ފާރިސް ދެއްކެވި ވާހަކަތައް ވެސް ދޮގުކޮށްފައި ވެއެވެ
އެކަމާ ގުޅިގެން ތަޖުރަމާނު މުއާޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނު ތަންފީޒު ކުރުމުގެ އެންމެ މަތީ ފަރާތް ކަމަށާއި ފާރިސް ހައްޔަރު ކުރުމުގެ އަމުރެއް ޝަރުއީ ކޯޓަކުން ނެރެފައިވާތީ އެކަން ތަންފީޒު ކުރަން ފުލުހުންގެ މުއައްސަސާއަށް ރައީސް ޔާމީން އަންގަވާފައިވާ ކަމަށެވެ.
ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ފާރިސްގެ އެޕާޓްމަންޓް ފާސް ކުރަން ކްރިމިނަލް ކޯޓުން ދިން އަމުރުގައި ބުނެފަައި ވަނީ އަމުރު ނެރުނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދަން ކަމަށެވެ.
އެކަމުގައި ލިބިފައިވާ ހެއްކެއް ކަމަށް ބުނެފައި ވަނީ ސިއްރު ހެއްކެއްގެ ބަޔާނެވެ. ބަލައި ފާސްކުރަން ދީފައި ވަނީ 12 ގަޑި އިރެވެ.