ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމްގެ ސަރުކާރުން ގާނޫނާ ހިލާފަށް އެއްވެސް މީހަކު ހިފާ ހައްޔަރު ނުކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އަދުރޭ ވިދާޅުވީ، މީހަކު ނިސްބަތްވާ އާއިލާ އަކުން ނުވަތަ ހަސަބަކާއި ނަސަބަކުން އެމީހަކު ގާނޫނަށް ވުރެ މަތި ނުވެވޭނެ ކަމަށާއި ބޮޑު ކެކުރި އާއި ކުޑަކެކުރީގެ ޒަމާން މާޒީވެ ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރަކީ ގާނޫނުގެ ބާރު ނަގަހައްޓައި ދެމެހެއްްޓުމުގައި ގާބިލްކަން ހުރި ސަރުކާރެއް ކަމަށެވެ.
އަދުރޭ ވިދާޅުވީ، މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށާއި ގާނޫނު ތަންފީޒު ކުރުމަށް ފަންތިއަކަށް އަދި ގިންތި އަކަށް ނުބަލުއްވާނެ ކަމަށެވެ. އަދި ހަމަހަމަ ކަމާއެކު ގާނޫނު ތަންފީޒު ކުރުމުގެ ފުއްދުން ތެރިކަން ރައީސް ޔާމީންގެ ސަރުކާރުގައި ހުންނާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދުރޭގެ ޓްވީޓްގައި ވަކި ފަރާތެއްގެ ނަމެއް ހާމަ ކޮށްފައިނުވި ނަމަވެސް ބެލެވޭ ގޮތުގައި ޓްވީޓްތައް އަމާޒްކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަށެވެ.
އަދުރޭ މިގޮތަށް ވިދާޅުވެފައިވާއިރު، ކްރިމިނަލް ކޯޓުން ފާރިސް ދޫކޮށްލިތާ ދެދުވަސް ނުވަނީސް އޭނާ މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ފައިސާ ބެހިކަމަށް ތުހުމަތުކުރެވޭތީ އާއި މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލުމަށް ގާނޫނާ ހިލާފަށް މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެވެ.
ފާރިސް މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ. ހައްޔަރުކޮށްގެން ގެންދަނިކޮށް ފާރިސް، އޭނާގެ ސަޕޯޓަރުންނަށް އިޝާރަތް ކުރައްވާ ހިތްވަރުކުރަން އެދިވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ ވެސް ދަނީ ކޯޓް އަމުރެއްގެ ދަށުން ބަލާ ފާސްކުރަމުންނެވެ. އެންދެރިމާގޭ ބަލައި ފާސްކުރަމުންދަނީ، ފާރިސްއާ ގުޅުން ހުރި ތަނެއް ކަމަށް ބުނެ އެވެ.