ހަބަރު

ބަންދުގެ މުއްދަތަށް ފާރިސް ކޯޓަށް ހާޒިރުކޮށްފި

  • ކުރަނީ ސަރުކާރު ވައްޓާލަން ރޭވި ތުހުމަތު
  • ބަންދުން ދޫކޮށްލިތާ ދެ ދުވަސް
  • ގެ ފާސްކޮށް އެއްވެސް ހެއްކެއް ނުލިބޭ

ކުރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ދާދިދެންމެއަކު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މާލެ ގެނެސްފި އެވެ. ފާރިސް ކޯޓަށް މިރޭ ހާޒިރުކުރީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށެވެ. އޭނާ ހައްޔަރުކުރީ މިއަދު ހަވީރު އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި، ހުސައިން ޝަހީދު ސޮއި ކުރައްވައި ނެރުއްވާފައިވާ ހައްޔަރު އަމުރުގައި ފާރިސްއަށް ތުހުމަތު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ މެދެއްހާތާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަށް ފައިސާ ބަހައި ގާނޫނީ ސަރުކާރު، ގާނޫނާ ހިލާފަށް ބަދަލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ފާރިސް ދޫކޮށްފައި ބެހެއްޓުމަކީ ތަހުގީގަށް ހުރަސް އެޅި، ހެއްކަށް ނުފޫޒު ފޯރުވަދޭނެ ކަމަށް ވެސް ތުހުމަތުވާ ކަމަށެވެ.

ފާރިސް ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރަނީ ސިއްރު ހެކިވެރިއެއްގެ ބަޔާނެއްގެ މައްޗަށެވެ.

މިކަމާ ގުޅިގެން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ފާރިސްގެ ގެ ބަލާ ފާސްކޮށް ފުލުހުންނަށް އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށެވެ. އެކަމަކު ވެސް ފާރިސް ހައްޔަރުކޮށްގެން ދިޔައީ ކަމަށެވެ.

ފާރިސް މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ. ހައްޔަރުކޮށްގެން ގެންދަނިކޮށް ފާރިސް، އޭނާގެ ސަޕޯޓަރުންނަށް އިޝާރަތް ކުރައްވާ ހިތްވަރުކުރަން އެދިވަޑައިގެންފައިވެ އެވެ.

ހަ މަސް ވަންދެން ޖަލު ބަންދެއްގައި ބެހެއްޓުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު މިނިވަން ކޮށްފައިވަނިކޮށް، އަލުން ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑު ފެތުރިފައި ވަނިކޮށް ނޫސްވެރިންނާ ބައްދަލު ކުރައްވާ ފާރިސް ވިދާޅުވީ، ޕޮލިސް ކޮމިޝަނާ އަހުމަދު އަރީފާ އޭނާ މިއަދު ބައްދަލު ކުރެއްވި ކަމަށާއި އޭނާ ހައްޔަރުކުރަން ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކާއި ހުދު ރައީސް ޔާމީން ވެސް ގުޅުއްވާފައި ވިދާޅުވި ކަމަށް އަރީފް ވިދާޅުވި ކަމަށެވެ.

ފާރިސް އެހެން ވިދާޅުވުމުގެ ކުރިން މިއަދު ހެނދުނު އަރީފް ކޮމިޝަނާ ކަމުން އިސްތިއުފާ ދެއްވި ކަމުގެ ހަބަރުތައް ވެސް ފެތުރުނެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގު ކޮށްފަ އެވެ.

ފާރިސް ވިދާޅުވީ އޭނާ ހައްޔަރު ކުރުމަށް ކުރާ މަސައްކަތްތަކަކީ ނުފޫޒުގެ ބޭނުން ކޮށްގެން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކުރިއަށްގެންދާ ކަންކަން ކަމަށެވެ. ގާނޫނުތަކާ ދެކޮޅަށް ހިނގާ އެފަދަ ކަންކަން ހިނގަމުންދާއިރު އެކަންކަން ހުއްޓުވަން ސަރުކާރުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ.