ދުނިޔެ

ބިލިޔަނަރު ޕްރިންސް ވަލީދު މިނިވަންކޮށްފި

ސައުދީ އަރަބިއްޔާގައި އަލަށް އުފެއްދި އެންޓި ކޮރަޕްްޝަން ކޮމިޓީން މިދިޔަ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހިންގި ބޮޑު އޮޕަރޭޝަނެއްގައި އެ ގައުމުގެ ޝާހީ ހާންދާނުގެ ގިނަ ބޭަފުޅުންތަކެއް ވަނީ ހައްޔަރު ކޮށްފަ އެެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ބޭފުޅަކީ ކިންގްޑަމް ހޯލްޑިންގްސްގެ ވެރިޔާ، ބިލިޔަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލެވެ. އޭނާއަކީ ރާއްޖެއިން ނިޝާން އިއްޒުއްދީނުގެ ވެރިކަމުގެ ޝަރަފު އަރުވާފައިވާ ބޭފުޅެކެވެ.

އަލަށް އުފެއްދި އެންޓިކޮރަޕްޝަން ކޮމިޓީގެ ވެރިޔަކީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދުގެ ދަރިކަލުން އަދި ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނެވެ. މުހައްމަދަކީ ސައުދީ ޑިފެންސް މިނިސްޓަރު ވެސް މެއެވެ.

އަލް ވަލީދުގެ އާއިލާގެ ބައެއް މެމްބަރުންނާ ހަވާލާދީ ރޮއިޓާސް ބުނީ އޭނާ މިއަދު މިނިވަންކޮށްފައިވާ ކަމަށެވެ. ރޮއިޓާސްގެ އެ ހަބަރު ވަނީ ސައުދީ ރަސްކަމާ ގާތް ގުޅުމެއް އޮންނަ އަރަބް ނިއުސް އިން ވެސް ޝާއިއު ކޮށްފަ އެވެ.

"އޭނާ މިހާރު ގެއަށް ވަޑައިގެންފި،" އާއިލާގެ މެމްބަރަކު ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

އޭނާ މިނިވަން ކުރީ ރިޒް ކާލްޓަން ހޮޓަލުގައި ބަންދުގަައި ހުންނަވައިގެން ރޮއިޓާސް އަށް އިންޓަވިއުއެއް ދެއްވިތާ މަދު ގަޑި އިރުތަކެއްގެ ތެރޭގައެވެ.

ޝާހީ ބޭފުޅުންނާއި ކުރީގެ ވަޒީރުންނާއި ބޮޑެތި ވިޔަފާރި ވެރިން ހިމެނޭ ގޮތުން 200 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރީ ވެރިރަށް ރިޔާޒުގައިވާ ފަސް ތަރީގެ ރިޒްކާލްޓަން ހޮޓަލުގަ އެވެ. އެބޭފުޅުން ހައްޔަރު ކުރުމަށް ފަހު ބައިތިއްބާފައި ތިބީ ވަރަށް ނިކަމެތި ހާލުކޮޅެއްގައި ކަމަށް އޭރު އަޑު ފެތުރުނެވެ. ޕްރިންސް ވަލީދާއި އެެހެން ބައެއް ބޭފުޅުންނަށް ރަޖަޔަކާއި ތުނި ގޮދަޑިއެއް ދީ ތަޅުން މަތީ ބަރިއަކަށް ބައިތިއްބާފަތި ތިއްބެވި މަންޒަރު ފެންނަ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގަައި އޭރު ދައުރުވި އެވެ.

ނަމަވެސް ރޮއިޓާސް އިން ބުނީ ރިޒްކާލްޓަން ހޮޓަލުގައި އެ އެޖެންސީގެ ނޫސްވެރިން ޕްރިންސް އަލް ވަލީދާ މިއަދު ބައްދަލު ކުރި އިރު އޭނާ ހުންނެވީ ހޮޓަލުގެ ސުއިޓެއްގައި ކަމަށެވެ. އެތަނުގައި އޮފީހަކާއި ބަދިގެއަކާއި ކާގެ އެއެއް ހުރި އިރު އޭނާ އެންމެ ފަރިކުއްޅުއްވާ ހިތްޕުޅުވާ ކާނާގެ ބާވަތްތައް އެދިވަޑައިގަންނަވާ ވަރަކަށް ހުރި ކަމަށެވެ.

ސުއިޓްގައިވާ ވަލީދުގެ އޮފީސް ތެރެ އޮތް ގޮތް ސިފަ ކުރަމުން ރޮއިޓާސްގެ ރިޕޯޓުގައި ބުނެފައި ވަނީ އެތަނުގެ ކަނެއްގައި ކަސްރަތު ކުރާ ބޫޓެއް ހުރި ކަމަށެވެ.

"އޭނާ ވިދާޅުވީ އެއީ ގަވައިދުން ކަސްރަތު ކުރައްވަން ބޭނުން ކުރައްވާ އެއްޗެއް ކަމަށެވެ. ޓީވީން ދައްކަމުން ދިޔައީ ވިޔަފާރި ހަބަރެވެ. އޭނާގެ އަމިއްލަފުޅު ފޮޓޯއެއް ޖަހާފައިވާ މަގެއް މޭޒުމަތީގައި ހުއްޓެވެ،" ރިޕޯޓުގައި ވެއެވެ.

އިންޓަވިއުގައި ވަލީދު ވިދާޅުވެފައި ވަނީ ބަންދު ކުރުމަށް ފަހު އަނިޔާ ކުރި ކަމަށް މީޑިއާގައި ފެތުރި ވާހަކައަކީ ދޮގެއް ކަމަށެވެ.

"އެއީ އެއް ގޮތަކަށް ވެސް ގަބޫލު ނުކުރެވޭނެ ވާހަކަތަކެއް. އެއީ ދޮގޮތަކެއް،" އޭނާ ވިދާޅުވެފަައި ވެއެވެ.

ޕްރިންސް ވަލީދު ވިދާޅުވެފައި ވަނީ އޭނާ ވަރަށް އަވަހަށް މިނިވަންް ވެވަޑައިގަންނަވާނެ ކަމަށާއި އޭނާ ނުކުމެވަޑައިގަންނަވާނީ ކުށެއް ނެތް ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވެފައި ވަަނީ އޭނާއާ ދެކޮޅަށް ތަހުގީގެއް ނުހިންގާ ކަމަށާއި ދައުވާއެއް ވެސް ނޫފުލާ ކަމަށެވެ. އޭނާއާ ސަރުކާރުން ކުރަނީ މަޝްވަރާތަކެއް ކަަމަށް ވެސް ވިދާޅުވެފައި ވެެއެވެ. އެގޮތުން ކުރާ މަޝްވަރާގެ 95 ޕަސެންޓް މިހާރު ނިިމފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.