ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން 15 ދުވަހަށް ބަންދުކޮށްފި އެވެ. ފާރިސް މީގެކުރިން ހައްޔަރުކޮށް ބަންދުކުރި އަމުރު ބާތިލުކުރިތާ އަދިވީ ދެ ދުވަހެވެ. ފާރިސް 15 ދުވަހަށް ބަންދުކުރަން އަމުރު ނެރުނީ އޭނާ ހައްޔަރުކުރުމަށް ވެސް ފަތިހު ގަޑީގައި އަމުރު ނެރުއްވި ގާޒީ ހުސައިން ޝަހީދެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި، ހުސައިން ޝަހީދު ސޮއި ކުރައްވައި ނެރުއްވާފައިވާ ހައްޔަރު އަމުރުގައި ފާރިސްއަށް ތުހުމަތު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ މެދެއްހާތާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަށް ފައިސާ ބަހައި ގާނޫނީ ސަރުކާރު، ގާނޫނާ ހިލާފަށް ބަދަލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ފާރިސް ދޫކޮށްފައި ބެހެއްޓުމަކީ ތަހުގީގަށް ހުރަސް އެޅި، ހެއްކަށް ނުފޫޒު ފޯރުވަދޭނެ ކަމަށް ވެސް ތުހުމަތުވާ ކަމަށެވެ.
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރަނީ ސިއްރު ހެކިވެރިއެއްގެ ބަޔާނެއްގެ މައްޗަށެވެ.
މިކަމާ ގުޅިގެން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ފާރިސްގެ ގެ ބަލާ ފާސްކޮށް ފުލުހުންނަށް އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށެވެ. އެކަމަކު ވެސް ފާރިސް ހައްޔަރުކޮށްގެން ދިޔައީ ކަމަށެވެ.
ހަ މަސް ވަންދެން ޖަލު ބަންދެއްގައި ބެހެއްޓުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު މިނިވަން ކޮށްފައިވަނިކޮށް، އަލުން ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑު ފެތުރިފައި ވަނިކޮށް ނޫސްވެރިންނާ ބައްދަލު ކުރައްވާ ފާރިސް ވިދާޅުވީ، ޕޮލިސް ކޮމިޝަނާ އަހުމަދު އަރީފާ އޭނާ މިއަދު ބައްދަލު ކުރެއްވި ކަމަށާއި އޭނާ ހައްޔަރުކުރަން ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކާއި ހުދު ރައީސް ޔާމީން ވެސް ގުޅުއްވާފައި ވިދާޅުވި ކަމަށް އަރީފް ވިދާޅުވި ކަމަށެވެ.
ފާރިސް އެހެން ވިދާޅުވުމުގެ ކުރިން މިއަދު ހެނދުނު އަރީފް ކޮމިޝަނާ ކަމުން އިސްތިއުފާ ދެއްވި ކަމުގެ ހަބަރުތައް ވެސް ފެތުރުނެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގު ކޮށްފަ އެވެ.
ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާ ދޫކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވި އަމުރަކުންނެވެ. އޭނާ ދޫކޮށްލީ ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށް ހަ މަހަށްވުރެ ގިނަ ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު އެވެ.
ފާރިސް މިނިވަންކުރީ ގާނޫނު އަސާސީއިން ކަށަވަރުވާ ހައްގުތައް އުނިވާ ކަމަށް ގަބޫލު ކުރެވޭތީ އާއި މައްސަލާގެ ޝަރީއަތް އަދިވެސް ދިގު ދެމިގެންދާތީ އޭނާ މިހާރު ވެސް އެކަށީގެންވާ މުއްދަތަކަށް ބަންދުގައި ބެހެއްޓިފައިވާތީ އެވެ.
އޭގެ އިތުރުން ގާޒީ އެ ނިންމެވުން ނިންމެވީ، މައްސަލައަށް އަސަރު ފޯރާނެ ފަދަ ކަމެއް ފާރިސްގެ ފަރާތުން މިހާތަނަށް ހިނގާފައިވާ ކަމުގެ ޝަކުވާއެއް ލިބިފައި ނުވާތީ އާއި ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބާއި އެކަމުގައި ވަށައިގެންވާ ކަންކަމަށް ވެސް ރިއާޔަތް ކުރައްވާފަ އެވެ. އަދި، މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިިިކޮށް ފޮރެންސިކް ތަހުލީލެއް ކުރަން ފާރިސްގެ ފަރާތުން ހުށަހަޅާފައިވާތީ އެކަމަށް ޝަރީއަތް ގިނަ ދުވަސްތަކަށް ދިގުލައިގެން ގޮސްފާނެތީ ވެސް ބަންދުން ދޫކޮށްލުމުގައި ރިޔާއަތް ކޮށްފައިވެ އެވެ.
ފާރިސްގެ މައްޗަށް މިހާރު ކުރަނީ މުޅިން އާ ތުހުމަތެކެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ މެއި މަހު ހިނގި ކަމަށް ބުނާ ކަމަކާ ގުޅިގެންނެވެ. ފާރިސްގެ މައްޗަށް މި މައްސަލާގައި ވެސް ދައުވާ ކުރާނެ ކަމަށް ބެލެވޭއިރު މިހާރު ވެސް ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އާއި ޝަހުސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ދަނީ ހިނގަމުންނެވެ. ހައިކޯޓުގައި އޮތް ފާރިސްގެ މައްސަލަ ވަނީ ހުކުމެއް ނުކުރެވި އެތައް ދުވަހެއް ލަސްވެފަ އެވެ.