ދުނިޔެ

ތާލިބާނުން ކާބުލްއަށް ދިން ހަމަލާއެއްގައި 95 މީހުން މަރާލައިފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ތާލިބާނުންގެ މީހަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 95 މީހުން މަރާލައިފިއެވެ.

އަފްޣާން އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ އެމްބިއުލާންސެއްގައި ބޮން ހަރުކޮށްް ދިން އެހަމަލާގައި މަރުވިމީހުންގެ އިތުރުން 158 މީހުން ޒަހަމްވެސް ވި ކަމަށެވެ. ހަމަލާ ދިނީ ސަލާމަތީ ކަންތައްތައް އާއްމުގޮތެއްގައި ވަރުގަދަކޮށް އޮންނަ ސަރަހައްދެއްގައިވާ ފުލުހުންގެ ޗެކްޕޯސްޓަކަށެވެ. ހަމަލާ ދިނީ މިއަދު މެންދުރު ފަހު އަފްޣާން ގަޑިން 12.15 އެހާކަށް ހާއިރުއެވެ.

ބެެލެވޭ ގޮތުގައި ހަމަލާ އަމާޒުކުރަން އުޅުނީ އިންޓީރިއާ މިނިސްޓްރީގެ އިމާރާތަށެވެ. ނަމަވެސް އެ ސަރަހައްދުން އެވަގުތު ހިނގާފައި ދިޔަ އާއްމުންގެ ގިނަ ބަޔަކަށް ހަމަލާފައި ގެއްލުން ވިއެވެ.

ހަމަލާގެ ޒިންމާ އަފްޣާން ތާލިބާނުން ވަނީ އުފުލާފައެވެ. ތާލިބާނުން ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކާބުލްގެ މަޝްހުޜޫ ހޮަޓަލަކަށް ވެސް ހަމަލާ ދީފައެވެ. އެހަމަލާގައި 27 މހުން މަރުވިއެވެ.

ބީބީސީ ބުނީ ހަމަލާ އަމާޒުވި ސަރަހައްދަކީ އަފްޣާނިސްތާނުގައިވާ ޔޫރަޕިއަން ޔޫނިއަންގެ އޮފީސްތައް ވެސް ހުންނަ ސަރަހައްދެވެ. އެގައުމުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ނަސްރަތު ރަހީމީ ބީބީސީއަށް ވިދާޅުވެފައި ވަނީ ހަމަލާ ދިން މީހާ އެސަރަހައްދަށް ވަނީ އޭނ ދުއްވި އެމްބިއުލާންސްގައި ބަލިމީހަކު އޮތް ކަމަށް ބުނެ ބަހަނާ ދައްކައިގެން ކަމަށެވެ.