ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދޮށީ ދަރިކަލުން 192 ދުވަހު، ޖަލުގައި އޮންނެވުމަށްފަހު ހީނުކޮށް ތިއްބާ މިނިވަންވުމަކީ އިދިކޮޅު ހަރަކާތަށް އާ ޖޯޝަކާއި ދިރުން ގެނުވި ކަމަކަށެވެ. އެންމެންގެ ދުލު ކުރިއަށް ފާރިސްގެ ނަން އައެވެ. އުފާ ފާޅުކުރުމުގެ ހަރަކާތްތައް ރަށްރަށުގައި ވެސް ކުރިއަށް ދިޔައީ ފޯރީގަ އެވެ.
ފާރިސްގެ ބައްޕާފުޅު، ރައީސް މައުމޫންއަށް ވެސް އާ ހިތްވަރެއް ލިބިވަޑައިގެން، އެތައް ދުވަހަކަށްފަހު ޖަލްސާއަކަށް ވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ. ސަރުކާރަށް އެތައް ހަމަލާތަކެއް ފޮނުވާލައްވައި، އިންތިހާބުގެ ކުރިން އިސްލާހީ ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި އެއް ކެންޑިޑޭޓަކަށް އެމަނިކުފާނު އެއްބަސްވެވަޑައިގަންނަވާ ކަމަށް ފުރަތަމަ ފަހަރަށް ވިދާޅުވި އެވެ. އެ ޖަލްސާއަށް ފާރިސް ވެސް ވަޑައިގަތެވެ. އަދާޔާ ހިލާފު ހޫނު މަރުހަބާއެއް އެ ޖަލްސާއިން ފާރިސްއަށް ކި އެވެ.
އޭގެ އަނެއް ދުވަހަކީ އިންޑިއާގެ ޖުމްހޫރީ ދުވަހެވެ. ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވަޑައިގެންނެވި، އިންޑިއާ އެމްބަސީގެ ހާއްސަ ހަފުލާގައި އެންމެ ޝަރަފުވެރި މެހެމާނުދާރީއެއް ލިބުނީ ރައީސް މައުމޫނަށެވެ. އަދި އެ ހަފުލާގައި ބައިވެރިވަޑައިގެންނެވި، ފާރިސްއަށް ހާއްސަ ކަމެއް ލިބުނެވެ. ފާރިސްއަށް އެ ހަފުލާގެ ދައުވަތު ލިބުނީ ވެސް ހައްޔަރުގައި ހުންނަވަނިކޮށެވެ.
ފާރިސްއަށް ލިބެމުންދިޔަ ތައުރީފާއި ހާއްސަކަން ބަލަން ފަސޭހަ ނުވީ ކަމަށްވުން ހަމަ ވަރަށް ގާތެވެ. ފާރިސްއަށް މިނިވަނެއްގެ ގޮތުގައި ހުރެވުނީ ހަމަ ދެ ދުވަހަށެވެ. އަނެއް ދުވަސް ފެށިގެން އައީ އޭނާ ހައްޔަރު ކުރުމަށް ނެރުނު އަމުރާއެކު އެވެ. މުޅިން އާ ތުހުމަތެއްގައި ފަތިސް ގަޑީގައި ހައްޔަރު އަމުރެއް އަލަށް ކުރިމިނަލް ކޯޓުގެ ގާޒީ ކަމަށް ވަޑައިގެންނެވި ހުސެއިން ޝާހިދު ވަނީ ނެރުއްވާފަ އެވެ. ކުރިމިނަލް ކޯޓުގައި އެއީ އެ ގާޒީ ފުރަތަމަ މަސައްކަތެވެ. ފާރިސް ހައްޔަރު ކުރުމަށާއި އޭނާގެ ގެ ފާސް ކުރުމަށާއި އެންދެރިމާގެ ފާސް ކުރުމަށް ފަތިހު ހަތަރެއް ޖެހިއިރު ތިން އަމުރު ނެރުއްވާފަ އޮތެވެ.
ހައްޔަރު ކުރުމަށް ފުލުހުން ފާރިސް ގެއަށް ދިއުމުން އޭނާ ބައްދަލުކުރީ ނޫސްވެރިންނާ އެވެ. އަދި ވަރަށް ޖޯޝުގައި ވާހަކަ ހިއްސާކުރެއްވި އެވެ. އެއީ އޭނާ ސީޕީ އަހުމަދު އަރީފާ ބައްދަލުކުރެއްވި ވާހަކަ އެވެ. ސީޕީ އަރީފާއި ފާރިސް އެއް ގެެއެއްގައި ދިރިއުޅުއްވާއިރު އެއީ އާއިލީ ގުޅުން އޮންނަ ދެ ބޭފުޅުންނެވެ. ފާރިސް ވިދާޅުވި ގޮތުގައި، އޭނާ ހައްޔަރު ކުރުމަށް ސީޕީއަށް ދިޔައީ މަތީ ބޭފުޅުން ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީން ޕްރެޝަރު ކުރައްވަމުންނެވެ. އެއާއެކު ސީޕީ އިސްތިއުފާ ދެއްވިކަމުގެ އަޑުތައް ފެތުރިގެން ދިޔަ އެވެ.
އެ އަޑުތައް މައިތިރިކުރުމަށް ފުލުހުންގެ ތަރުޖަމާނު އެކަން ދޮގު ކުރެއްވި އެވެ. އެކަމަކު އިރުކޮޅެއްގެ ތެރޭގައި ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ރައީސް ޔާމީން ފާރިސް ހައްޔަރު ކުރުމުގެ އަމުރު ތަންފީޒު ކުރުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. މިއާއެކު އުފެދިގެން އައީ ގާނޫނީ ސުވާލެކެވެ. އެ އަމުރު ތަންފީޒް ކުރަން ރައީސްއަށް އެންގެވޭނެތޯ އެވެ؟ ރައީސް ގާނޫނާ ހިލާފުވެވަޑައިގެންނެވީތޯ އެވެ؟
ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ފުލުހުންނަށް ވަކި ކަމެއް ކުރުމަށް އެންގުމުގެ ބާރެއް ފުލުހުންގެ ގާނޫނުން ރައިސުލްޖުމްހޫރިއްޔާއަށް ނޯންނާނެ ކަމަށެވެ. ހިސާން އިޝާރަތް ކުރެއްވި ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ފުލުހުންގެ ދައުރު އަދާކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި ފުލުހުންގެ ހިދުމަތުގެ ފެންވަރު ދެމެހެއްޓުމުގެ އެންމެ އިސްވެރިޔަކީ ހޯމް މިނިސްޓަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަމުރާ ހިލާފުނުވާ ގޮތެއްގެ މަތިން އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ހުދޫދެއްގެ ތެރޭގައި، ވަކި ބާރުތަކެއް ވެސް ދީފައިވަނީ ގާނޫނުން މިނިސްޓަރަށެވެ. އެގޮތުން، ކޮންމެ ހިނދެއްގައި ވެސް، ފުލުހުންގެ ވެރިންގެ ތެރެއިން ކޮންމެ ވެރިއަކަށް ލިބިދޭ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފުމާއި ކޮންމެ ހިނދެއްގައި ވެސް ވަކިވަކި ފުލުހުންނަށް ނުވަތަ ފުލުހުންގެ ބަޔަކަށް ނުވަތަ އެންމެހާ ފުލުހުންނަށް ސީދާ އަމުރު ކުރުމާއި ގާނޫނުގައި ބަޔާންވެގެންވާ ކަންތައްތަކަށް ފުރިހަމައަށް އަމަލު ކުރުމަށާއި، މި ގާނޫނުގެ މަގްސަދު ހާސިލުކުރުމަށް އެއިރަކަށް ބޭނުންވާކަމަށް މިނިސްޓަރަށް ފެންނަ އެންމެހާ ގަވާއިދުތަކާއި އަމުރުތައް ނެރުމުގެ ބާރު ދީފައި އޮންނަނީ މިނިސްޓަރަށެވެ.
އަނެއްކޮޅުން ފާރިސް ހައްޔަރުކުރާ ވާހަކަ ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިއިރު އެފަދަ އަމުރެއް ފާރިސްއަށް ފުލުހުން ދައްކާފައެއް ނުވެ އެވެ. ފުލުހުން ފާރިސް ހައްޔަރުކުރީ އޭގެ އިތުރުތަކެއް ފަހުންނެވެ. ހައްޔަރުކުރީ، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބަހައިގެން ގާނޫނީ ވެރިކަން ގާނޫނާ ހިލާފަށް ބަދަލުކުރަން އުޅުމުގެ ތުހުމަތަށެވެ.
ގެ ބަލާ ފާސްކޮށްގެން ހެއްކެއް ވެސް ފުލުހުންނަށް ނުލިބުނެވެ. އެކަމަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދު ޖެހީ އެ މައްސަލާގައި މީހަކު ދީފައިވާ ސިއްރު ބަޔާނަކަށް ރިޔާއަތްކޮށެވެ. ފާރިސް ރޭ 15 ދުވަހުގެ ބަންދު އަމުރު ވެސް އިއްވީ އޭނާ ހައްޔަރުކުރަން އަމުރު ނެރުނު ގާޒީ އެވެ. މިއީ ވެސް ގާނޫނީ ސުވާލުތަކެއް ފެންމަތިވާ މައްސަލައެކެވެ. ގާނޫނީ ވަކީލުން ވަނީ ފާރިސް ހައްޔަރު ކުރުމުގެ އިޖުރާއީ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ. ނަމަވެސް އެ މައްސަލަތަކާމެދު ގޮތެއް ނިންމުމަށް އިންނެވީ އެ އަމުރު ނެރުއްވި ގާޒީ ކަމަށްވާއިރު އެއީ، މަސްލަހަތު ފުށު އަރާ ކަމެއްގެ ގޮތުގައި ވަކީލުން ދެކެ އެވެ.
"ބަންދުގެ އަމުރު ނެރުނު ފަނޑިޔާރު މި އިންނެވީ ބަންދުގެ ސައްހަކަމާމެދު ގޮތް ނިންމަވަން، މީގައި މަސްލަހަތު ފުށުއެރުމެއް... އެންމެ ފުރަތަމަ ކަނޑަ އަޅުއްވަން ޖެހޭނީ ފާރިސް ހައްޔަރު ކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންތޯ ނުވަތަ ނޫންތޯ، އަޅުގަނޑުމެން ހުށަހެޅި އަމުރު ނެރުނީ ގާނޫނާ ހިލާފަށޭ، ގާނޫނީ އިޖުރާތާ ހިލާފޭ، ނަމަވެސް އެކަން ނިންމަވަން މި އިންނެވީ އަމުރު ނެރުއްވި ބޭފުޅާ،" މައުމޫން ހަމީދު ވިދާޅުވެފައިވެ އެވެ.
މިފަހަރު ވެސް ފާރިސްއަށް ކުރާ ތުހުމަތަކީ ރިޝްވަތުގެ ތުހުމަތެވެ. މީގެ ކުރިން ވެސް އެ ތުހުމަތުކޮށް ފާރިސްއަށް ދައުވާކޮށް ޝަރީއަތް ވެސް ދަނީ ހިނގަމުންނެވެ. މިހާރު ތުހުމަތުކުރާ މައްސަލައާ ގުޅޭ ގޮތުން ގާނޫނީ ވަކީލް ހުސެން ޝަމީމް ވިދާޅުވީ، ގާނޫނާ ހިލާފަށް ވެރިކަން ވައްޓައިލަން ރޭވި ކަމުގެ ތުހުމަތުކޮށް ފާރިސް ހައްޔަރު ކޮށްފައިވަނީ ކޮން އަމަލެއްގެ ސަބަބުން ކަމެއް ޕީޖީން ކޯޓުގައި ފާހަގަކޮށްފައިނުވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ޕީޖީއާ ސުވާލު ކުރުމުން ވިދާޅުވީ މިކަމަކީ މުޅިން އާ މައްސަލައެއް ކަމަށާއި އެކަމެއް ހިނގާފައިވަނީ މިދިޔަ މޭމަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެދުވަހެއް ހާމަ ކޮށްފައިނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އެހާ ދުވަސް އެކަމަށްވެފައިވާއިރު ކުއްލިއަކަށް އެ މައްސަލާގެ ތަހުގީގު ފަށައި، ފާރިސް ދޫވެފައި ހުރެއްޖެނަމަ ތަހުގީގަށް ހުރަސް އެޅޭނެ ކަމަށް ފުލުހުން ބުނުމަކީ ޖޯކެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެ އެވެ. މި ހުރިހާ ދުވަސް އެކަމަށް ވެގެން ދިޔައިރު ފުލުހުންނަށް އެކަމާ ގުޅޭ އެއްވެސް ހެއްކެއް ހޯދިފައެއް ނުވެ އެވެ. ފާރިސް ގެއާއި އެންދެރިމާގެ ބަލާ ފާސްކޮށްގެން ވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ. ނަމަވެސް ހެއްކެއް ނެތް ނަމަވެސް ދިގު މުއްދަތަކަށް އެވަނީ ބަންދުކޮށްފަ އެވެ. މިއީ ފާރިސްގެ ފަރާތުން ގިނަ ހައްގުތަކެއް ގެއްލިގެން ދާނެ ކަމެއްކަން އޭނާ ދޫކޮށްލަމުން ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވި އަމުރުން ވެސް އެނގެ އެވެ.
ފާރިސް މިނިވަންކުރީ ގާނޫނު އަސާސީއިން ކަށަވަރުވާ ހައްގުތައް އުނިވާ ކަމަށް ގަބޫލު ކުރެވޭތީ އެވެ. އޭގެ އިތުރުން ގާޒީ އެ ނިންމެވުން ނިންމެވީ، މައްސަލައަށް އަސަރު ފޯރާނެ ފަދަ ކަމެއް ފާރިސްގެ ފަރާތުން މިހާތަނަށް ހިނގާފައިވާ ކަމުގެ ޝަކުވާއެއް ލިބިފައި ނުވާތީ އެވެ.
އިއްޔެ ހިނގައިގެން ދިޔަ ކަންކަމާމެދު ވިސްނާ، އަދި އެކަމަށް ފާޑުކިޔާ އެންމެން ވެސް އިއްތިފާގުވާ ކަމަކީ ގާނޫނީ ވެރިކަމެއް ވައްޓާލަން ރޭވި ކަމަށް ކުރާ ތުހުމަތަކީ އުފަން ކޮށްފައިވާ ތުހުމަތެއް ކަމެވެ. މިހާ ދުވަސްވީއިރު އެފަދަ ތުހުމަތެއްގެ ވާހަކަ ނުދައްކާ ފާރިސް މިނިވަންވުމުން ކޮންމެވެސް ގޮތަކަށް އޭނާ އަނބުރާ ޖަލަށް ފޮނުވާލުމަށް "ވިއްސި" މައްސަލައެއްގެ ގޮތުގަ އެވެ. އޭގެ އެންމެ ބޮޑު ދަލީލަކީ ފުލުހުންގެ އަތުގައި ހެއްކެއް ނެތުމާއި ހައްޔަރުކުރުމުގެ މާކުރިން ރައީސް ކޮންމެހެން އަންގަވަން ނުޖެހޭ އަމުރެއް ކުރެއްވިކަން ތަރުޖަމާނަށް ވެސް ވިދާޅުވެވުމެވެ. މިއީ ފާރިސްއަށް ލިބެމުން ދިޔަ ތައުރީފާއި އިދިކޮޅަށް ލިބުނު ހިތްވަރާއި ޖޯޝު "ވަޅުލުމަށް" ހިންގި ކަމެއް ގޮތުގަ ވެސް މީހުނަށް ސިފަވެ އެވެ.