ހޮލީވުޑް

ހޮލީވުޑް ބޮކްސް އޮފީސް: އެންމެ ކުރީގައި މޭޒް ރަނާ

ހަފްތާ ބަންދު ނިމުނުއިރު ހޮލީވުޑް ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން ދަނީ މިދިޔަ ހަފުތާގައި ރިލީޒްކުރި ފިލްމު މޭޒް ރަނާ ދަ ޑެތް ކިޔޯ އެވެ.

ހުކުރު ދުވަސް ނިމުނުއިރު އުތުރު އެމެރިކާގެ ބޮކްސް އޮފީހުން މި ފިލްމަށް 24 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. ބޮކްސް އޮފީހުގައި މި ފިލްމާއި މިހާރު ވާދަ ކުރަމުންދާ ޖުމާންޖީއަށް ހުކުރު ދުވަސް ނިމުންއިރު ލިބިފައިވަނީ 16 މިލިއަން ޑޮލަރުގެ އާމްދަނީ އެކެވެ. މިއީ ބޮކްސް އޮފީހުގައި ޖުމާންޖީ ވާދަ ކުރަމުންދާ ހަ ވަނަ ހަފްތާ އެވެ.

މޭޒް ރަނާ ދަ ޑެތް ކިޔޯއަކީ ޓުވެންޓިއެތް ސެންޗަރީ ފޮކްސް އިން ގެނެސްދޭ މޭޒް ރަނާ ފިލްމު ފްރެންޗައިޒްގެ ފަހު ފިލްމެވެ. މީގެ ތިން އަހަރު ކުރިން ރިލީޒް ކުރަަން ނިންމި މި ފިލްމު ރިލީޒް ނުކުރެވި ގިނަ ދުވަސް ވެގެންދިޔާއީ ފިލްމުގެ ލީޑު އެކްޓާ ޑިލަން އޮބްރިއެން ފިލްމުގެ ޝޫޓިންގެ ތެރެއިން ލިބުނު އަނިޔާއަކަށް ފަރުވާ ކުރަން ޖެހިގެންނެވެ.

ބޮކްސް އޮފީހުގައި ވާދަކުރާ އެހެން ފިލްމުތަކަށް ބަލާއިރު ސްކޮޓް ކޫޕާގެ ވެސްޓަން ފިލްމު "ހޮސްޓައިލްސް" އަށް ހަފްތާ ބަންދު ތެރޭގައި އަށް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެެވެ. ނަމަވެސް "ހޮސްޓައިލްސް" އޮސްކާގައި ނާކަމިޔާ ބުވުމުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ ފިލްމުގެ އާމްދަނީ ދަށަށް ދާނެ ކަމަށް ބެލެެވެ އެވެ.

މިފަހަރު އޮސްކާގައި އެންމެ ގިނަ ނޮމިނޭޝަންތައް ހޯދި "ދަ ޝޭޕް އޮފް ވޯޓާ" އަށް ހަފްތާ ބަންދު ނިމުނުއިރު ލިބިފައިވަނީ ހަތަރު މިލިއަން ޑޮލަރުގެ އާމްދަނީ އެކެވެ. އޮސްކާގެ ގިނަ ނޮމިނޭޝަންތަކާއި ކުރިއަށް މި އޮތް ހަފްތާގައި ފިލްމުގެ އާމްދަނީ އިތުރުވެގެން ދިއުން އެކަށީގެންވެ އެވެ.

ބޮކްސް އޮފީހުގައި އޮތް މިފަހަރުގެ އޮސްކާއަށް ނޮމިނޭޓުވި އިތުރު ފިލްމެއް ކަމަށްވާ "ދަ ޕޯސް" އަށް ހަފްތާ ބަންދު ނިމުނުއިރު އަށް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މި ފިލްމު ބޮކްސް އޮފީހުގައި ވާދަކުރާ ތިން ވަނަ ހަފްތާ އެވެ.