ދުނިޔެ

ދެކުނު އެފްރިކާގެ ވެރިރަށުން ފެން ހުސްވަނީ

ދެކުނު އެފްރިކާގެ ވެރިރަށް ކޭޕްޓައުންއަށް އިންްތިހާ ދަރަޖައިގެ ހަނަފަސްކަން ކުރިމަތިވެ، ފެން މުޅިން ހުސްވުމުގެ ބިރު ހީވެއްޖެ އެވެ.

ކޭޕްޓައުން އިން ފެން މުޅިން ހުސްވާނެ ކަމަށް ލަފާ ކުރާ ދުވަހަށް އެ ސަހަރުގެ އޮފިޝަލުން ދީފައިވާ ނަމަކީ "ޑޭ ޒީރޯ" އެވެ. އެ ދުވަހަށް ވާނީ އަންނަ އޭޕްރިލްމަހުގެ 22 ވަނަ ދުވަހު ކަމަށް ކުރިން ލަފާކުރި އެވެ. ނަމަވެސް މިހާރު ލަފާ ކުރަނީ އެއީ އޭޕްރިލްމަހުގެ 12 ވަނަ ދުވަސް ކަމަށެވެ.

ކޭޕްޓައުން އަކީ ދެކުނު އެފްރިކާގެ ދެވަނައަށް އެންމެ ބޮޑު ޝަހަރެވެ. އަދި އެއީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ޝަހަރެކެވެ.

ކޭޕްޓައުންގެ ރައްޔިތުން ކޮންމެ ދުވަހަކު ވެސް މިހާރު ކުރަން ޖެހޭ މަސައްކަތަކީ ލިބިފައިވާ ފެނުގެ މަދު ވަސީލަތް އެންމެ ހަރަދު ކުޑަކޮށް ބޭނުން ކުރެވޭތޯ ހިސާބު ޖެހުމެވެ. އެމީހުން އަންނަނީ ފެންވަރާ ފެން އަލުން ބޭނުން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެ ފެން ބޭނުން ކުރަނީ ފާހާނާ ފްލަޝް ކުރުމަށެވެ. ކުރިން އާއްމުކޮށް ކޮންމެހެން ނުގަންނަ އުފެއްދުމެއް ކަމަށްވާ ހޭންޑް ސެނިޓައިޒާ މިހާރު ވެފައި ވަނީ ފަތުއަޑު ކިޔާފައި ވިކޭ އެއްޗަކަށެވެ.

"ބޯ ނުދޮވެ ހުރުން މިހާރު އެއީ އިޖުތިމާއީ ޒިންމާ އުފުލާ ކަމުގެ ނިޝާނެއް،" ކޭޕްޓައުންގެ ރައްޔިތެއް ކަަމަށްވާ ޑެރީން ޓެން ސީއެންްއެންއަށް ބުނެފައި ވެއެވެ.

އެ ހާލަތު މެދުވެރިވީ ކީއްވެ؟

ކޭޕްޓައުންއަށް މިހާރު ކުރިމަތިވެފައިވާ ފެނުގެ ދަތިކަމަކީ މައިގަނޑު ތިން ކަމަކާ ހެދި ލަސް ލަހުން ބޮޑުވަމުން ދިޔަ މައްސަލައެކެވެ.
އެއީ މޫސުމަށް ބަދަލު އައުމާއި މިހައިތަނަށް ކުރިމަތިވި އެންމެ ބޮޑު ހަނަފަސްކަން ކުރިމަތިވެ، ފެން ލިބެން ހުރި ވަސީލަތްތައް ނެތި ދިއުމެވެ. އަދި މެޓްރޯ އޭރިއާގައި ހަތަރު މިލިޔަން މީހުން ދިރިއުޅެމުން ދަނިކޮށް އާބާދީ ވަރަށް އަވަހަށް ބޮޑުވުމެވެ.

ކޭޕްޓައުންގެ މޭޔަރު ޕެޓްރީސިއާ ޑި ލިލީ ސިއެންއެއަށް ވިދާޅުވެފައިވާ ގޮތުގައި ފެން ހުސްވެދާނެ ކަމަށް ލަފާ ކުރެވުމުން ވެސް ރައްޔިތުން ފެން ބޭނުންކުރާ މިންވަރަށް ފާހަގަ ކުރެވޭ ވަރުގެ ބަދަލެއް ނާދެއެވެ. ފެން ހުސްވާތީ ގޭގެއަށް ފެން ދޫކުރާ މައި ހޮޅިތަކުން ފެން ދޫކުރާ ޕްރެޝަރު މިހާރުވެސް ވަނީ ދައްކޮށްފަ އެވެ. ނަމަވެސް މިހާރުވެސް މީހުން ފެން ބޭނުން ކުރަމުން އަންނަނީ ރޭޓް ހުރީ އަމާޒު ހިފި މިންވަަރަށް ވުރެ 86 މިލިޔަން ލީޓަރު އިތުރަށެވެ.

"މެޖޯރިޓީ މީހުން އަޅައި ނުލާކަން ފެނުނަމަކީ އަދި އަހަރެމެން އެންމެން "ޑޭ ޒީރޯ" އާ ދިމާލަށް ގެންދާ ގެންދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ފެން އިސްރާފު ނުކުރަން މީހުން އަހަރެމެންނަށް ދެން މީހުން ގާތަކު ނުބުނެވޭނެ. ދެން ޖެހޭނީ މަޖުބޫރު ކުރަން،" މޭޔަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ކޭޕްޓައުންގެ އިދާރާތަކުން މިހާރު ކަނޑައަޅާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފެން ކޮންޓްރޯލް ކުރުމަށެވެ. އެ ތާރީހުން ފެށިގެން ދުވާލަކު މީހަކަށް ލިބޭނީ 50 ލީޓަރުގެ ފެނެވެ.