އެކްސިޑެންޓް

ހުޅުމާލޭގައި އެކްސިޑެންޓްވި މީހާގެ ހާލު ވަރަށް ސީރިޔަސް: އޭޑީކޭ

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ވަރަށް ސީރިޔަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

ރޭ 8:30 ގައި ހުޅުމާލޭ ހިތިގަސް މަގު، މައި ކޮލެޖް ކައިރީން ދުއްވާފައި ދިޔަ ސައިކަލަކާ ލޮރީއެއް ޖެހި، ބޮޑަށް އަނިޔާވެފައި ވަނީ ސައިކަލުގައި ތިބި ދެ މީހުންގެ ތެރެއިން 25 އަހަރުގެ ޒުވާނަކަށެވެ. އޭނާއަށް އިތުރު ފަރުވާ ދިނުމަށް ރޭ ވަނީ ހުޅުމާލޭ ހޮސްޕިޓަލުން އޭޑީކޭއަަށް ބަދަލުކޮށްފަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "އަވަސް" އަށް ވިދާޅުވީ އެ މީހާގެ ހާލު ވަރަށް ސީރިޔަސް ކަމަށެވެ. އަދި އޭނާ އަދިވެސް އައިސީޔޫގައި ބާއްވައިގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް ނުދެ އެވެ.

އެ ހާދިސާގައި ދެން އަނިޔާވީ 23 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.