ރިޕޯޓް

ސިއްހީ ދާއިރާ: ޑޮކްޓަރުން އިތުރު، ޕޮއިންޓްވެސް އިތުރު!

ސިއްހީ ދާއިރާގައި ފަހުން ހާސިލް ކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ހިދުމަތުގައި ދެމިތިބޭނެ ދިވެހި ޑޮކްޓަރުން ހިދުމަތަށް ނެރެވުން ކަމަށް ނޫސްވެރިންނާ ހިއްސާކުރައްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. އެއީ ހަގީގަތެއް ކަމަށް ވެދާނެ އެވެ. ސަބަބަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާނެ ދިވެހި ޑޮކްޓަރުން ނުލިބި އަބަދު ބޭރުން ޑޮކްޓަރުން ގެންނަން ޖެހިފައި އޮތުންވީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވުނު ގިނަ ކަންކަން ވަރަށް ގިނަ ފަހަރަށް ފާލުން ނެއްޓި ކަމަކަށްވާތީ އެވެ. އަދި އެކަން ވެފައި އޮތީ ދައުލަތުގެ ބަޖެޓަށް ވެސް ބޮޑު ބުރައަކަށެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް ފާއިތުވި ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ރަނގަޅު ބަދަލުތަކެއް އައިސްފައި ވެއެވެ. މި ހަގީގަތް ގަބޫލު ކުރަން ޖެހޭނެ އެވެ. ހާއްސަކޮށް ދާއިރާއަށް ހިދުމަތްކުރާނެ ދިވެހި ހިދުމަތްތެރީން ހޮސްޕިޓަލްތަކުގައި ފާހަގަކޮށްލެވޭ މިންވަރަށް އިތުރުކޮށްފައި ވެއެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2013 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ނިސްބަތް 61.8 ޕަސެންޓް އިތުރުވެފައިވެ އެވެ. އެއީ 2017 ވަނަ އަހަރު ނިމުނު އިރު ކޮންމެ 10،000 މީހުންގެ އާބާދީއަކަށް 50.11 ޑޮކްޓަރުންގެ ނިސްބަތުންނެވެ.

ދެހާސް ތޭރަ ވަނަ އަހަރު އެ އަދަދު އުޅެނީ 48.7 ޕަސެންޓްގަ އެވެ. އެހެން ކަމަށް ވާނަމަ މިހާރު ރާއްޖޭގެ އާބާދީގެ ކޮންމެ 7 މީހަކަށް ޑޮކްޓަރެއް ހުންނާނެ އެވެ.

ރާއްޖޭގެ ސިއްހީދާއިރާއަށް ދިވެހި ހިދުމަތްތެރިން އިތުރު ކުރުމަށް ބޮޑެތި ހަރަދުތަކެއް މި ސަރުކާރުން ވަނީ ކޮށްފަ އެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 138 ޑޮކްޓަރުން އެމްބީބީއެސް އަށް ކިޔަވަން ފޮނުވައި 52 ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ފޮނުވި އެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް މިކުރެވުނު މަސައްކަތުން ދިވެހި ޑޮކްޓަރުންގެ ނިސްބަތް ދާއިރާގައި ވަރަށް އިތުރުވެއްޖެ. ދިވެހިންނަށް ދިވެހި ޑޮކްޓަރުންގެ ހިދުމަތް މިއަދު އެބަ ލިބޭ. މިއީ ކުރިމަގަށް އޭގެ މަންފާކުރާނެ ކަމެއް. އެ ޑޮކްޓަރުން ކިޔަވައިގެން ހިދުމަތަށް ނިކުތުމުން އޭގެ ފައިދާ ފެނިގެންދާނެ. މިއަދު ކޮންމެ ހަތް މީހަކަށް ޑޮކްޓަރެއް ހުރުމުން އެއީ ސަރަހައްދީ ފެންވަރުގައި ވެސް ބޮޑު ކުރިއެރުމެއް ކަމަށް ދެކެން. ކިޔަވަން ފުރުސަތު ދިނުމުގެ އިތުރުން ދިވެހި ޑޮކްޓަރުންނަށް ބޭރުން ތަމްރީން ދިނުމުގެ ޕްރޮގްރާމެއްގެ ދަށުން 110 ވަރަކަށް ބޭފުޅުން ވަނީ ތަމްރީން ވެސް ހޯއްދަވާފަ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރުންގެ އިތުރަށް ހޮސްޕިޓަލްތަކުގެ އެނދުތަކުގެ އަދަދަށް ވެސް އިތުރުވުމެއް ވަނީ އައިސްފަ އެވެ. ތަފާސްހިސާބު ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖުމްލަ އެނދުގެ އަދަދަކީ 1760 އެވެ. 2013 ވަނަ އަހަރު އެ އަދަދު ހުރީ 1636ގަ އެވެ. 2013 އިން ފެށިގެން 2017 އައިސްފައިވަނީ 7.5 ޕަސެންޓްގެ އިތުރުވުމެކެވެ.