މިއުޒިކް

އެންމެ މޮޅު ލަވަ އާއި އަލްބަމްގެ އެވޯޑު ބްރޫނޯ މާސްއަށް

ރޭގައި ބޭއްވި 60 ވަނަަ ގްރޭމީ އެވޯޑްސްގައި އެންމެ ގިނަ ކާމިޔާބީތަކެއް ހޯދީ އެމެރިކާގެ ލަވަކިޔުންތެރިޔާ ބްރޫނޯ މާސް އެވެ. އޭނާގެ އަލްބަމް "24ކޭ މެޖިކް" އަށް ވަނީ އެންމެ މޮޅު އަލްބަމްގެ އެވޯޑު ލިބިފައި އެވެ.

ބްރޫނޯ މި އެވޯޑް ގެންދިޔައީ ޗައިލްޑިސް ގެމްބީނޯގެ "ރެޑްބޯން" އާއި ލުއިސް ފޮންސީގެ "ޑެސްޕަސީޓޯ" ގެ އިތުރުން ޖޭ-ޒެޑްގެ "ދަ ސްޓޯރީ އޮފް އޯ.ޖީ" އަދި ކެންޑްރިކް ލެމާގެ "ހަމްބަލް" އާއި ވާދަކޮށެވެ.

އަހަރުގެ އެންމެ މޮޅު ލަަވައަކަށް ހޮވުނީވެސް ބްރޫނޯގެ ލަވައެއް ކަމަށްވާ "ދެޓްސް ވަޓް އައި ލައިކް" އެވެ. ތަފާތު ކެޓަގަރީތަކުން ހަތް އެވޯޑެއް ރޭގެ ހަފްލާގައި އޭނާ ގެންގޮސްފައިވެ އެވެ.

ބްރޫނޯއަށް ލިބުނު ކާމިޔާބީ އޭނާ ހާއްސަކުރީ އޭނާގެ އެންމެ ހިޓް ލަވަތަކުގެ ޅެންތައް ހެދުމަށް އެހީތެރިވި ފަރާތްތަކަށެވެ. އަދި އޭނާ ލޯބީގެ ގޮތުން މިހާރު ގުޅިގެން އުޅޭ ޖޭސިކާ އާއި އޭނާގެ ބައްޕަ އަދި ފޭނުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައިވެ އެވެ.

ނިއު ޔޯކްގެ މެޑިސަން ސްކޮޔާގައި އޮތް މި ހަފްލާ ހޮސްޓް ކޮށްދިނީ ޖޭމްސް ކޯޑެން އެވެ. ރޭގެ ހަފްލާގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ލޭޑީ ގާގާ އާއި ރައިހާނާ އަދި މައިލީ ސައިރަސްގެ ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެންދިޔަ އެވެ.