މެލޭޝިއާގެ ހަޔަ އެޑިއުކޭޝަނުން ރާއްޖެއަށް 500 ސްކޮލާޝިޕް ހަދިޔާ ކޮށްފި އެވެ. މެލޭޝިއާގެ 17 ޔުނިވަސިޓީއަކާ ގުޅިގެން ރާއްޖެއަށް މިއަދު ދިން ސްކޮލާޝިޕްތަކަކީ މެލޭޝިއާ ސަރުކާރުން 50 ޕަސެންޓް ޑިސްކައުންޓް ދޭ ސްކޮލާޝިޕް ތަކެކެވެ.
ޒުވާނުންނަށް ބޮޑު އިސް ކަމެއް ދީގެން ދޫކުރަން ނިންމާފައިވާ އެ ސްކޮލާޝިޕްތަކަށް 50 ޕަސެންޓް ފީ ހިލޭ ކޮށްފައިވާއިރު ހޮވޭ ދަރިވަރުންނަށް ބާކީ 50 ޕަސެންޓް ދިވެހި ސަރުކާރުން ދޭ ލޯނެއްގެ ގޮތުގައި ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް މިއަދު ވިދާޅުވި އެވެ.
"ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން މެލޭޝިއާ ސަރުކާރާއެކު ވަރަށް ބަދަހި ގުޅުމެއް ވަނީ އުފެދިފަ. ހާއްސަކޮށް ތައުލީމީ ދާއިރާއަށް މެލޭޝިއާ ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން ދަނީ. މިއަދު މި ލިބޭ ސްކޮލާޝިޕްތަކަކީ ވެސް ޒުވާނުންނަށް ހުނަރު އިތުރު ކުރަން ލިބިގެންދާ ވަރަށް ގިނަ ކިޔެވުމުގެ ފުރުސަތުތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މެލޭޝިއާ ހަޔާ އެޑިއުކޭޝަނުން މިއަދު އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލު ކޮށްފައިވަނީ 100 ޕޯސްޓް ގްރެޑުއޭޓް އަދި 400 އަންޑަ ގްރެޑުއޭޓް ސޮލާޝިޕެވެ. މި 500 ސްކޮލާޝިޕްގެ އިތުރަށް ތައުލީމީ ދާއިރާއިން ކިޔަވަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ފުލް ޕެއިޑް 10 ސްކޮލާޝިޕެއް ވެސް އެ ގައުމުން މިއަދު ވަނީ ދީފަ އެވެ.
މިއަދު ލިބުނު ސްކޮލާޝިޕްތަކަށް "އޭލެވެލް" ގެ ތިން މާއްދާއިން ފާސް އޮތް ކޮންމެ ދަރިވަރަކަށް ކުރިމަތި ލެވޭނެ އެވެ. ސްކޮލާޝިޕްތަކަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ ހަފުތާގަ އެވެ.
މެލޭޝިއާ ސަރުކާރުން މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ އޮފީސް ވަޒީފާތަކުގައި އުޅޭ މީހުންނަށް ތަމްރީން ފުރުސަތުތަކެއްގެ ގޮތުގައި ވެސް 2050 ސްކޮލާޝިޕް ދީފަ އެވެ.