ދުނިޔެ

ތުރުކީން ސީރިއާއަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 42 އަށް

"އޮޕަރޭޝަން އޮލިވް ބްރާންޗް" ގެ ނަމުގައި ތުރުކީ ސިފައިން ސޫރިޔާގެ އަފްރިން ނަމަކަށް ކިޔާ ރަށަށް ދޭން ފެށި ހަމަލާތަކަށް ނުވަ ދުވަސް ވީ އިރު އެހަމަލާތަކުގައި މަރުވި އާއްމުންގެ އަދަދު 42 އަށް އަރައިފިއެވެ.

ސޫރިޔާ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ މި ހިނގާ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ތުރުކީ ސިފައިން އަފްރިންއަށް ހަމަލާދޭން ފެށިފަހުން އިއްޔެގެ ނިޔަލަށް މަަރުވިމީހުންގެ އަދަދަކީ 144 ކަމަށެވެ. އެއީ ކުރުދީ ހަނގުރާމަވެރިންނާއި އާއްމުންނާއި ތުރުކީ ސިފައިންނާއި އެމީހުންނާ ބައިވެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ވެސް ހިމެނޭ ގޮތުންނެވެ.

މަރުވި އާއްމުންގެ ތެރޭގައި ސޫރިޔާގެ އަރަބިންނާއި ކުރުދީންް ހިމެނެއެވެ. އޭގެ ތެރޭގައި 12 ކުޑަކުދިންނާއި ހަތް އަންހެނުން ވެސް ހިމެނެއެވެ.

ތުރުކީން ހަނގުރާމަ ފެށީ ކީއްވެ؟

ސޫރިޔާ ހަނގުރާމަ ފެށުމާއި އެކު އެގައުމުގެ ކުރުދީން ދިރިއުޅޭ ރަށްތައް ދިފާއު ކުރަން ކަމަށް ބުނެ، ހަނގުރާމައިގައި ބައިވެރިވި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ވައިޕީޖީއަކީ އެމެރިކާއިން ތަމްރީނާއި ހަތިޔާރުދޭ ޖަމާއަތެކެވެ. އެމެރިކާއިން އެޖަމާއަތަށް މަދަދު ކުރަނީ އިސްލާމިކް ސްޓޭޓް( އައިއެސް) އާ ހަނގުރާމަ ކުރުމަށެވެ. ނަމަވެސް ތުރުކީން ދެކެނީ ވައިޕީޖީއަކީ ކުރުދީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ( ޕީކޭކޭ) އާ ގުޅިފައިވާ ބައެއް ކަމަށެވެ.

ޕީކޭކޭ އަކީ ތުރުކީގައި ކުރުދީންނަށް ވަކި ދައުލަތެއް ހަދަން ހަނގުރާމަކުރާ ޖަމާއަތެކެވެ. އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ތުރުކީން ލިސްޓްކޮށްފައިވާ ޖަމާއަތެކެވެ. ވައިޕީޖީއާ މެދުގައި ވެސް ތުރުކީން ދެނީ އެގޮތަށެވެ.

މިފަހަރުގެ ހަނގުރާމަ ފެށުމުގެ ކުރިން ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ވިދާޅުވީ އާފްރިން އާއި މަންޖިބުން ޓެރަރިސްޓުން ބޭރުކޮށް، ސޫރިޔާގެ ރެފިއުޖީންނަށް ދިރިއުޅެވޭނެ ރައްކާތެެރި ސަރަހައްދެއް ގާއިމްކުރައްވާނެ ކަމަށެވެ.

" ފުރަތަމަ އަހަރެމެން ޓެރަރިސްޓުން ނައްތައިލާނަން. ދެން އެ އެ ސަރަހައްދަކީ ދިރިއުޅެވޭ ފަދަ ތަނަކަށް ހަދާނަން. ކޮން ބަޔަކަށް ޓަކައި؟ އަހަރެމެންގެ ބިމުގައި ތިބި ސޫރިޔާގެ 3.5 މިލިޔަން މެހުމާނުންނަށް،" އޭނާ ވިދާޅުވިއެވެ.

ސޫރިޔާގައި ހިނގަމުންދާ ހަ އަހަރަށް ވުރެ ދިގުލީ ހަނގުރާމަ އަކީ ދާހިލީ ހަނގުރާމައެއް ކަމަށް ދުނިޔެއިން ސިފަ ކުރިޔަސް އެ ހަނގުރާމައިގައި އެމެރިކާ، ރަޝިޔާ، އީރާން، ތުރުކީ އަދި ބައެއް އަރަބިގައުމުތަކުން ވެސް ބައިވެރިވެއެވެ. އެހަނގުރާމައިގައި ހަލައްކައެއްހާ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ. އެހަނގުރާމައިގެ ސަބަބުން އެތައް މިލިޔަން މީހުންނެއް ވަނީ ރެފިއުޖީންނަށް ވެފައެވެ