ދުނިޔެ

ޔަމަނު ސަރުކާރާ ދެކޮޅަށް އިތުރު ބަޔަކު ނުކުމެއްޖެ

ޔަމަނުގައި އޮންނަ ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރަށް މަދަދުދޭން ސައުދީ އަރަބިއްޔާއިން އިސް ނަގައިގެން އުފައްދާފައިވާ އަރަބި އިއްތިހާދުގައި ހިމެނޭ ޔުނައިޓެޓް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވާގިދޭ ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެއްޖެ އެވެ.

ޔަމަނުގެ ދެކުނުގައި އެ ގައުމުގެ ރައީސް އަބުދުއް ރައްބު މަންސޫރު ހާދީގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ފެށި އެ ގްރޫޕުން މިހާރު ވަނީ ތާރީހީ ރަށެއް ކަމަށްވާ އަދަނުގެ ބައެއް ސަރަހައްދުތަކުގެ ކޮންޓްރޯލް އަތުލާފަ އެވެ. އަދަނަކީ ޔަމަނުގެ ހޫސީ ހަނގުރާމަވެރިން ވެރިރަށް ސަންްއާއަށް ވެރިވެގަތް ފަހުން ހާދީގެ ސަރުކާރު ހިންގަމުން އަންނަ ރަށެވެ.

ހޫސީ ހަނގުރާމަވެރިން ސަންއާ ހިފި ފަހުން ހާދީ ދިރިއުޅުއްވަމުން ގެންދަވަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގަ އެވެ. އޭނާ އެރަށަށް ގެންދިޔައީ ސައުދީ ސަރުކާރުންނެވެ. ހާދީ ސައުދީގައި އުޅުއްވާތީ އަދަނުގައިގާ އޭނާގެ ސަރުކާރު ހިންގަވަނީ ބޮޑުވަޒީރު އަހުމަދު ބިން ދާޣިރެވެ. ޔޫއޭއީން މަދަދުދޭ ހަނގުރާމަވެރިން ދެކޮޅުވެރިވީ ދާޣިރާއި އޭނާގެ ކެބިނެޓާ އެވެ. އެމީހުން އަދަނުގައިވާ ސަރުކާރުގެ ބައެއް އޮފީސްތަކުގެ ކޮންޓްރޯލް އަތުލީ ދާޣިރު ވަކިކޮށް ކެބިނެޓް އުވައިލަން ރައީސް ހާދީއަށް މުހުލަތެއް ދިނުމަށް ފަހު އެމުހުލަތު ހަމަވުމުންނެވެ.

އަދަނުގައި ސަރުކާރާ ދެކޮޅަށް ނުކުތީ ކޮންބައެއް؟

ޔަމަނަކީ ކުރިން ދެ ގައުމުގެ ގޮތުގައި އޮތް ތަނެކެވެ. އެއީ އުތުރު ޔަމަނާއި ދެކުނު ޔަމަނެވެ. އަދަނީ ދެކުނު ޔަމަނުގެ ވެރިރަށެވެ. އެ ދެބައި އެއްކޮށްލައި މިޒަމާނުގެ ޔަމަނު އުފެއްދީ 1990 ވަނަ އަހަރުއެވެ. އޭރުގައި ކުރި ހަނގުރާމަ ހުއްޓާލައި ދެ ޔަމަނު އެއްކޮށްލިޔަސް ދެބައި ވަކިވުމުގެ ވިސްނުން މުޅިން ފިލައިގެނެއް ނުދެއެވެ.

ބޮޑުވަޒީރު ދާޣިރާ ދެކޮޅަށް މިހާރު ނުކުމެގެން އުޅެނީ ދެކުނު ޔަމަނު ވަކި ގައުމަކަށް ހެދުމުގެ ވިސްނުން ގެންގުޅޭ ބައެކެވެ. ޔަމަނުގެ ބޮޑު ބައެއް ހޫސީންގެ ބާރުގެ ދަށަށް ދިއުމުން އެމީހުން އެރީ ރައީސް ހާދީއާ އެއްކޮޅަށެވެ. ނަމަވެސް ވަކިވެގަތުމުގެ ވިސްނުންް އަލުން ވަރުދަވީ ބޮޑުވަީރު ދާޣިރާއި އެހެން ބައެއް މިނިސްޓަރުންގެ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ގިނަވެފައިވާ ކަމަށް ކުރަން ފެށި ތުހުމަތުތަކާ އެކުގައެވެ. ދާޣިރު ވަކިކޮށް ކެބިނެޓް އުވައިލަން ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިން ދިިން މުހުލަތު ހަމަވީ އާދިއްތަ ދުވަހުއެވެ.

އެ މުހުލަތު ހަމަވުމާ އެކު ހާދީއަށާއި ދާޣިރަށް ވަފާތެރި ސިފައިންނާއި ވަކިވެގަތުމަށް މަސައްކަތް ކުރާ މީހުންނާ ދެމެދު ބަދަލުކުރަން ފެށި ހަމަލާތަކުގައި 10 މީހުން މަރުވިއެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ބީބީސީން ބުނީ ބަޑީގެ ހަމަލާތަކާއި ބޮމުގެ ހަމަލާތައް އަދަނުގެ ތަފާތު ގިނަ ސަދަހައްދުތަކަށް ދިން ކަމަށެވެ.

ވަކިވެގަތުމަަށް މަސައްކަތްކުރާ މީހުން ހުއްޓުވައި ސަރުކާރު ދިފާއުކޮށްދޭން ދާޣިރު ވަަނީ ޔޫއޭއީއަށާއި ސައުދީ އިްތިހާދުގެ އެހެން ގައުމުތަކަށް ގޮވާލާފައެެވެ. ނަމަވެސް އެގައުމުތަކުން އަދި އެކަމަކާ ބަހެއް ނުބުނެއެވެ.