ހަބަރު

އަނިޔާ ހުއްޓުވަން ހާއްސަ ކޮމިއުނިޓީ ކޮމިޓީތަކެއް!

ގެވެށި އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ފަދަ އާއިލީ މައްސަލަތައް ރާއްޖޭގައި ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މައްސަލައަކީ އެންމެގެ ވެސް އޮތް ކަންބޮޑުވުމެކެވެ. ޖެންޑަ މިނިސްޓްރީގެ ތަފާސްހިސާބު ނެރޭ ދުވަސްތަކުގައި މި ވާހަކަތައް ދެކެވޭ މިންވަރު އިތުރެވެ އެވެ. އާއިލީ މައްސަލަތަކުގައި ހިތްދަތިކަން ބޮޑު ތަޖުރިބާތަކެއް ފާއިތުވި ތިން ހަތަރު އަހަރު ރާއްޖެ ވަނީ ކޮށްފަ އެވެ. ރަހުމްކުޑަ އަނިޔާތަކެއް ލިބުމުގެ ސަބަބުން މަރުވި ތިން އަހަރުގެ އިބްތިހާލުގެ ކޭސް ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އިތުރުވަމުންދާ މިފަދަ އަނިޔާގެ މައްސަލަތައް މަދުކުރެވޭނެ ގޮތެއް އެބައޮތް ހެއްޔެވެ؟

މިކަމުގައި ރަސްމީ ސިފައެއްގައި އެންމެ ބޮޑު ޒިންމާއެއް ބޮލު އަޅައިގެން އޮތް ޖެންޑަ މިނިސްޓްރީގެ ދައުރު ބޮޑެވެ. އަނިޔާގެ މައްސަލަތައް ރާއްޖޭގައި ހިނގާ މިންވަރު މަދު ކުރުމަށް އެ މިނިސްޓްރީން މިހާރު ވަނީ ވަކި ރަށެއް އުނި ނުވާގޮތަށް އަނިޔާގެ މައްސަލަތައް މޮނިޓާކުރާ ކޮމިއުނިޓީ ކޮމިޓީތަކެއް އެކުލަވާލުމުގެ މަސައްކަތް ފަށާފަ އެވެ. މިހާތަނަށް އުތުރުގެ ހަތަރު އަތޮޅެއްގެ ހުރިހާ ރަށެއްގައި އެފަދަ ކޮމިޓީތަކެއް އެކުލަވާލާފައިވާއިރު އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ވެސް ކޮމިޓީތައް ވަނީ އުފައްދާފަ އެވެ.

ގއ. އަތޮޅުގައިވެސް އެފަދަ ކޮމިޓީތަކެއް އެކުލަވާލުމުގެ މަސައްކަތް ފަށައި، މަސައްކަތުގެ ތަމްރީން ދިނުމަށް ފަށާފައިވާއިރު ޖެންޑާ މިނިސްޓްރީގެ އޮފީހެއް ނެތް ރަށްރަށުން ވެސް މިހާރު މައްސަލައެއް ދިމާވެއްޖެ ހިނދެއްގައި ފަސޭހައިން ރިޕޯޓް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެވެ. މިއީ ކުރިޔަށް އެޅި ފިޔަވަޅަކަށް ބަލަމާ ހެއްޔެވެ.

ކޮމިއުނިޓީ ކޮމިޓީ އުފައްދާފައިވާ އަތޮޅުތައް

ށ. އަތޮޅު
ބ. އަތޮޅު
ކ. އަތޮޅު
ގއ. އަތޮޅު
ޏ. ފުވައްމުލައް
އައްޑޫ ސިޓީ

ޖެންޑަ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވި ގޮތުގައި ރާއްޖޭގައި އާއިލީ މައްސަލަތައް އިތުރުވަމުން ދިއުމަކީ މުޅި މުޖުތަމައު އެކަމަށް ހޭލުންތެރިވާންޖެހިފައި އޮތް ކަމެކެވެ. އެ ފަދަ މައްސަލަތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަންޖެހެ އެވެ. އެ މަސައްކަތުގައި ރަށްރަށުގައި ގާއިމްކުރާ ކޮމިއުނިޓީ ކޮމިޓީތަކުން ވެސް ބޮޑު ދައުރެއް އަދާކުރާނެ ކަމަށް އޭނާ ދެކެ ވަޑައިގަންނަވަ އެވެ.

"މި ކޮމިޓީތަކުގެ ބޭނުމަކީ ރަށްރަށުގައި ރައްކާތެރިކަން ބޭނުންވާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކި ބާވަތުގެ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ގާތުން ފޯރުކޮށް ދިނުން. އަދި އެފަދަ ފަރާތްތަކަށް ރައްކާތެރިކަންދީ އިންސާފު ހޯދައިދޭން ކަމާބެހޭ އިދާރާތަކަށް އަންގައި އެހީތެރިވުން،" އޭނާ ވިދާޅުވި އެވެ.

އާއިލީ މައްސަލަތަކުގެ ތެރޭން ރާއްޖޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އެވެ. މިދިޔަ އަހަރު ވެސް ކުޑަކުދިންނަށް ޖިންސީ އަނިޔާ ކޮށްގެން 400 އަށްވުރެ ގިނަ މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވެ އެވެ.

ޖެންޑާ މިނިސްޓްރީގެ ފަރާތުން ކޮންމެ މަހަކު އާންމު ކުރަމުންދާ އެ މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ވެސް އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން ދެން އެންމެ ގިނައިން ހުށަހެޅެނީ ނަފްސާނީ އަދި ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. ޖިސްމާނީ އަނިޔާގެ ގޮތު 354 މައްސަލަ އަކާއި ނަފްސާނީ އަނިޔާގެ 181 މައްސަލައެއް މިދިޔަ އަހަރު ޖެންޑާއަށް ރިޕޯޓުކޮށްފައިވެ އެވެ.

މިކަން ކަން ހައްލު ކުރުމަށް ކޮމިއުނިޓީ ކޮމިޓީތަކަށް އަދާ ކުރެވޭނީ ކޮން ދައުރެއް ހެއްޔެވެ؟