ބަރޮސް މޯލްޑިވްސް

ދުނިޔޭގެ އެންމެ ލަގްޒަރީ ރިސޯޓަކަށް ބަރޮސް

ޓްރިޕްއެޑްވައިޒާ އިން ހޮވި، ވޯލްޑް ޓޮޕް ލަގްޒަރީ ހޮޓެލް އެވޯޑު ރާއްޖޭގެ ބަރޮސް މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

ބަރޮސް މޯލްޑިވްސްއިން ބުނި ގޮތުގައި، ޓްރިޕްއެޑްވައިޒާގެ އެންމެ ފަހުރުވެރި ވަނައގެ އިތުރުން، ދުނިޔެ އިން ހޮވާލި، ލިސްޓުގެ އެއްވަނަ ވެސް އެ ރިސޯޓަށް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ބަރޮސް އަށް ލިބުނު އެހެން އެވޯޑުތަކުގެ ތެރޭގައި ޓޫރިސްޓުނަށް ދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށް ބަލައި، ދޭ އެންމެ ހިދުމަތް ރަނގަޅު ރިސޯޓާއި އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑު ހިމެނެ އެވެ.

ކުރިން ވެސް ދުނިޔޭގެ އެތައް އެވޯޑެއް ލިބިފައިވާ ހިތް ގައިމު ރިސޯޓަށް ދުނިޔޭގެ ފެންވަރުގެ އެވޯޑުތަކުގެ އިތުރުން ސަރަހައްދީ ފެންވަރުގައި ވެސް އެވޯޑުތަކެއް ލިބިފައިވެ އެވެ.

ބަރޮސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޖިހާދު (ޖޭ) ވިދާޅުވީ މި އެވޯޑުތައް ލިބިގެން ދިއުމަކީ ރާއްޖެ އަށް ވެސް ލިބިގެން ދިޔަ ފަހުރެއް ކަމަށެވެ. އަދި އެވޯޑުތައް ލިބުމުގައި މުވައްޒަފުންގެ ދައުރު ބޮޑުކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މިކަމުގައި ޓޫރިސްޓުންގެ އެހީތެރިކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ޓޫރިސްޓުން ރިސޯޓާމެދު ކޮށްފައިވާ ރިވިއުތައް ވަރަށް ބޮޑަށް ފާހަގަ ކުރަން. އެކަމަށް ޝުކުރު އަދާކުރަން،" ޖޭ ވިދާޅުވި އެވެ.

ޓްރިޕްއެޑްވައިޒާ އިން އެވޯޑު ދެނީ ޓޫރިސްޓުންގެ ހިޔާލުގެ މައްޗަށް ބަލައިގެނެވެ. މިގޮތުން އެތަށް މިލިއަން މީހުންގެ ހިޔާލަށް ބަލަ އެވެ.

ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ބަރޮސް މޯލްޑިވްސް އިން ދަނީ 1973 ވަނަ އަހަރުން ފެށިގެން އެންމެ މަތީ ފަންތީގައި ހިދުމަތް ދެމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 25 މިނެޓުގެ ރާސްތާގައި އޮންނަ ބަރޮސް މޯލްޑިވްސްގައި ހިތްގައިމު މޫދު ކޮޓަރިތަކާއި ބަގީޗާތަކާއެކު ހަދާފައިވާ ހިތް ގައިމު ކޮޓަރިތައް ހުރެ އެވެ.