ހަބަރު

ފާރިސް ބަންދުކުރި އަމުރު ވެސް އިސްތިއުނާފަށް ހުށަހަޅައިފި

ސަރުކާރަށް ވައްޓާލަން ރޭވި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން 15 ދުވަހަށް ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށްފަހު ފާރިސް ދޫކޮށްލީ ހަ މަސް ފަހުންނެވެ. ދޫކޮށްލިތާ ދެ ދުވަސް ނުވަނީސް ފާރިސް ހައްޔަރުކޮށްފައިވަނީ މުޅިން އާ މައްސަލައެއްގެ ތުހުމަތަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި، ހުސައިން ޝަހީދު ސޮއި ކުރައްވައި ނެރުއްވާފައިވާ ހައްޔަރު އަމުރުގައި ފާރިސްއަށް ތުހުމަތު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ މެދެއްހާތާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަށް ފައިސާ ބަހައި ގާނޫނީ ސަރުކާރު، ގާނޫނާ ހިލާފަށް ބަދަލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ފާރިސް ދޫކޮށްފައި ބެހެއްޓުމަކީ ތަހުގީގަށް ހުރަސް އެޅި، ހެއްކަށް ނުފޫޒު ފޯރުވަދޭނެ ކަމަށް ވެސް ތުހުމަތުވާ ކަމަށެވެ.

ފާރިސް ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރު ކުރަނީ ސިއްރު ހެކިވެރިއެއްގެ ބަޔާނެއްގެ މައްޗަށެވެ.

ފާރިސް ހައްޔަރުކޮށް ހަމަ އެ ރޭ ކުރިމިނަލް ކޯޓުން ބަންދަށް 15 ދުވަސް ޖެހި އެވެ. އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާއިރު، ފާރިސްގެ ވަކީލުން ވަނީ ހަތް ސަބަބެއް ބަޔާންކޮށް ހެބިއަސް ކޯޕަސްގެ މައްސަލައެއް ކުރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. ހެބިއަސް ކޯޕަސްގެ މައްސަލަތަކަކީ ގާނޫނާ ހިލާފަށް ބަންދު ކޮށްފައިވާ މީހެއް ބަންދުން ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލަތަކެވެ.

މީގެއިތުރުން ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު ވެސް މިހާރު ވަނީ އިސްތިއުނާފުކުރުމަށް ހުށަހަޅާފަ އެވެ.

ފާރިސްގެ ފަރާތުން އާ އަމުރުތައް އިސްތިއުނާފަށް ހުށަހަޅާއިރު ކުރިން ފާރިސް ހައްޔަރުކޮށް ބަންދުކުރި އަމުރުތަކުގެ އިސްތިއުނާފު އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ މައްސަލާގައި ހައިކޯޓުގެ އަޑުއެހުންތައް ނިންމާލާފައިވާތާ އެތައް ދުވަހެއްވެފައިވާއިރު ވެސް މިހާތަނަށް ހުކުމް އިއްވާފައެއް ނުވެ އެވެ.