ހަބަރު

ފާރިސް މައްސަލާގައި ޔުމްނާ، އެޗްއާރްސީއެމްގެ މެންބަރުން އަރިހަށް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލިތާ ދެ ދުވަސް ތެރޭ އަނެއްކާވެސް ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރުމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުންނާ، ފާރިސްގެ ދައްތާފުޅު ޔުމްނާ މައުމޫން މިއަދު ބައްދަލު ކުރައްވައިފި އެވެ.

ޔުމްނާ ވިދާޅުވި ގޮތުގައި، އެޗްއާރްސީއެމްގެ މެންބަރުންނާ ބައްދަލު ކުރެއްވީ، ފާރިސް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގަ ކަމަށް ގަބޫލު ކުރެވޭތީ އާއި އެކަމުގައި ހުރި އާއިލާގެ ކަންބޮޑުވުންތައް އެ ކޮމިޝަނާ ހިއްސާ ކުރެއްވުމަށެވެ.

ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށްފަހު ފާރިސް ދޫކޮށްލީ ހަ މަސް ފަހުންނެވެ. ދޫކޮށްލިތާ ދެ ދުވަސް ނުވަނީސް ފާރިސް ހައްޔަރުކޮށްފައިވަނީ މުޅިން އާ މައްސަލައެއްގެ ތުހުމަތަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި، ހުސައިން ޝަހީދު ސޮއި ކުރައްވައި ނެރުއްވާފައިވާ ހައްޔަރު އަމުރުގައި ފާރިސްއަށް ތުހުމަތު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ މެދެއްހާތާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަށް ފައިސާ ބަހައި ގާނޫނީ ސަރުކާރު، ގާނޫނާ ހިލާފަށް ބަދަލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ފާރިސް ދޫކޮށްފައި ބެހެއްޓުމަކީ ތަހުގީގަށް ހުރަސް އެޅި، ހެއްކަށް ނުފޫޒު ފޯރުވަދޭނެ ކަމަށް ވެސް ތުހުމަތުވާ ކަމަށެވެ.

ފާރިސް ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރު ކުރަނީ ސިއްރު ހެކިވެރިއެއްގެ ބަޔާނެއްގެ މައްޗަށެވެ.

ފާރިސް ހައްޔަރުކޮށް ހަމަ އެ ރޭ ކުރިމިނަލް ކޯޓުން ބަންދަށް 15 ދުވަސް ޖެހި އެވެ. އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާއިރު، ފާރިސްގެ ވަކީލުން ވަނީ ހަތް ސަބަބެއް ބަޔާންކޮށް ހެބިއަސް ކޯޕަސްގެ މައްސަލައެއް ކުރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. ހެބިއަސް ކޯޕަސްގެ މައްސަލަތަކަކީ ގާނޫނާ ހިލާފަށް ބަންދު ކޮށްފައިވާ މީހެއް ބަންދުން ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލަތަކެވެ.

މީގެއިތުރުން ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު ވެސް މިހާރު ވަނީ އިސްތިއުނާފުކުރުމަށް ހުށަހަޅާފަ އެވެ.

ފާރިސްގެ ފަރާތުން އާ އަމުރުތައް އިސްތިއުނާފަށް ހުށަހަޅާއިރު ކުރިން ފާރިސް ހައްޔަރުކޮށް ބަންދުކުރި އަމުރުތަކުގެ އިސްތިއުނާފު އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ މައްސަލާގައި ހައިކޯޓުގެ އަޑުއެހުންތައް ނިންމާލާފައިވާތާ އެތައް ދުވަހެއްވެފައިވާއިރު ވެސް މިހާތަނަށް ހުކުމް އިއްވާފައެއް ނުވެ އެވެ.