ހަބަރު

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ. ވެލާނާ އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ހަދާ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މިނިސްޓަރު ސައީދާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި ޗައިނާގެ ބީޔޫސީޖީގެ ޖެނެރަލް މެނޭޖަރު ލީ ޑާއޯ ސަންގް އަދި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒެންގް ލިޒް ހޮންގް ބައިވެރިވެފައި ވެއެވެ.

އާ ސީ ޕްލޭން ޓާމިނަލްގެ މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ ބޮޑު މަޝްރޫއެކެވެ.

އާ ސީ ޕްލޭން ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވީ، ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ސީޕްލޭން އެއާޕޯޓް އޮންނަނީ ރާއްޖޭގައި ކަމަށާއި ރާއްޖެއަށްވުރެ މިކަމުގައި ތަޖުރިބާ އިތުރަށް އޮތް އެހެން ބަޔަކު ނޯންނާނެ ކަމަށެވެ.

އާދިލް ވިދާޅުވީ، އެއާޕޯޓްގައި ވަރަށް ގިނަ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ކުރެވެމުން ދަނީ ވަރަށް ބޮޑު މާސްޓާ ޕްލޭނަކާ އެއްގޮތަށް ކަމަށެވެ. އަދި ވިދާޅުވީ، ސީޕްލޭން ޓާމިނަލްގެ މަސައްކަތަކީ ވެސް އެ މާސްޓާޕްލޭންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

"އެއާޕޯޓް ތަރައްގީ މި ކުރަނީ 7.5 މިލިއަން ޕަސެންޖާސް އެކޮމަޑޭޓް ކުރުމަށްޓަކައި، އެކަމާ ގުޅޭ ހުރިހާ ތަނެއް ތަރައްގީ ކުރުމަކީ ޕްލޭންގައި ހިމެނޭ ވަރަށް މުހިންމު ކަމެއް،" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ، މިއަދު ބިންގާ އެޅުނު ޓާމިނަލް އަކީ މިހާރު އޮތް ޓާމިނަލް އަށްވުރެ ދެގުނަ ބޮޑު ޓާމިނަލް އެއް ކަމަށާއި ޓާމިނަލް ޕްލޭން ކޮށްފައިވަނީ ބޮޑު ކުރަން ޖެހިއްޖެ ހާލަތެއްގައި ބޮޑު ކުރެވޭ ގޮތަށް ކަމަށެވެ. އަދި އެއާޕޯޓްގައި ފެށިގެންދާ ގިނަ ޕްރޮޖެކްޓްތައް ހުއްޓުމެއްނެތި މިހާރު ވެސް ދަނީ ކުރިއަށް ކަމަށް އާދިލް ވިދާޅުވި އެވެ.

"މިއީ 24 ގަޑިއިރު އޮޕަރޭޝަން ހިނގާ ޓާމިނަލް އަކަށްވެފައި، ދަތިތަކާއި ކުރިމަތިވޭ، ނަމަވެސް އެކަން ވެސް ކުރަނީ ޕްލޭންއަކާ އެކު، އާ ރަންވޭގެ ވަރަށް ބޮޑު މަސައްކަތެއް ވަނީ ނިމިފައި، އެހެން ނަމަވެސް ރަންވޭގެ ބައެއް މަސައްކަތް ތަކަކީ ބޭނުންވާ ވަގުތުތަކުގައި ކުރެވެން އޮންނަ މަސައްކަތް ތަކެއް ނޫން، ބައެއް މަސައްކަތްތައް ކުރަން ޖެހެނީ ރަންވޭ ބަންދުކޮށްފައި އޮންނަ ވަގުތު، ޕްލޭންއާ އެއްގޮތަށް މިއަހަރު ތެރޭގައި އާ ރަންވޭގެ މަސައްކަތްވެސް ނިމޭނެ،" އާދިލް ވިދާޅުވި އެވެ.

އާދިލް އިތުރަށް ވިދާޅުވީ، އެއާޕޯޓުގައި އަލަށް އަޅާ ކާގޯ ޓާމިނަލްގެ މަސައްކަތް މިމަހުގެ 31 ވަނަ ދުވަހު ފެށޭނެ ކަމަށާއި އަދި ޓާމިނަލްގެ އާ ފިއުލް ފާމާއި ވީއައިޕީ ކޮމްޕްލެކްސް ފަދަ އިމާރާތްތަކުގެ މަސައްކަތް ވެސް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އެމަސައްކަތްތައް ނިމުމުން އެއާޕޯޓަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕްލޭންގެ އާ ޓާމިލަންގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އާ ރަންވޭގެ މަސައްކަތް ހަވާލުކޮށްފައިވާ ބީޔޫސީޖީއާ އެވެ.