މޫދަށް ޖައްސާ ބޯޓުގެ ދުނިޔޭގެ އެންމެ ބޮޑު ވިއުގަ އޮތީ ރާއްޖޭގަ އެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އެއް ދުވަހެއްގެ މަތިން އެކަނި ވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ސީޕްލޭންގެ 542 މޫވްމެންޓް ހަދާފައިވެ އެވެ. މި އަދަދު އުޅެނީ އާއްމު ދުވަސްތަކުގައި 400 އިން މަތީގަ އެވެ. އަދި މިއީ ގާތްގަނޑަކަށް ކޮންމެ 10 މިނެޓަކުން ހަތަރު ފްލައިޓެވެ. މިހާރު ރާއްޖޭގެ ސީޕްލޭންގައި އޮންނަނީ ދެ ކުންފުނި ވަކި ޓާމިނަލްތަކަކުން އޮޕަރޭޝަން ކުރިއަށް ގެންދާ ގޮތަށެވެ. މިއީ ދަތި އުނދަގޫތަކެއް ކުރިމަތިވާ ކަމެކެވެ. އެހެންވެ، ސަރުކާރުން ވަނީ ރާއްޖޭގެ އެއާޕޯޓް ތަރައްގީގެ މަޝްރޫއުގައި ސީޕްލޭން ޓާމިނަލް ތަރައްގީ ކުރުން ނިންމައި އެކަން ފަށާފަ އެވެ. މި އާ ޓާމިނަލް ނިމުމުން މި އޮޕަރޭޝަނަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟ މިއީ ރާއްޖޭގެ ވިޔަފާރި އާއި އިގްތިސޯދާ ގުޅިފައިވާ މުހިންމު ސުވާލެކެވެ.
"މިހާރު އެކި ކުންފުނިން ހިދުމަތް ދެނީ އެކި ޓާމިނަލްތަކުގައި. ނަމަވެސް އާ ޓާމިނަލް ނިމުމުން މިކަން ބަދަލުވާނެ. މި ޓާމިނަލްގެ ސަބަބުން އެހެން ކުންފުންޏެއް އައި ނަމަވެސް އެއް ޓާމިނަލް އިން ހިދުމަތް ދެވޭނެ. ރައީސް އަބްދުﷲ ޔާމީން ވަރަށް ކުރިން ވެސް ބޭނުންފުޅުވޭ ސީޕްލޭން އޮޕަރޭޝަން މިހާރަށްވުރެ ޕްރޮފެޝަނަލްކޮށް ކުރިއަށް ގެންދަން. އެހެންވެ މި މަސައްކަތް ކުރަން ނިންމީ. އާ ޓާމިނަލްގެ ސަބަބުން ވަރަށް ބޮޑުތަން ޓޫރިޒަމް ތަރައްގީ ވެގެންދާނެ،" އާ ޓާމިނަލްގެ މަސައްކަތް ފެށުމާބެހޭ ގޮތުން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު ބަޔަކީ ދަތުރުފަތުރެވެ. ހާއްސަކޮށް ރާއްޖެ އުފެދިފައިވާ ގޮތުން މިއީ އެންމެ މުހިންމު ކޮމްޕޯނަންޓަށް އަބަދުވެސް ވާނެ އެވެ.
ރާއްޖޭގެ ޓޫރިޒަމްގައި ދެވޭ ހިދުމަތްތަކުގެ މައްޗަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މިދިޔަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ޓޫރިސްޓުން ދަތުރު ކުރުމުގައި ދެވަނައަށް އެންމެ ގިނައިން ބޭނުން ކުރަނީ މޫދަށް ޖައްސާ ބޯޓު ފަހަރު ނުވަތަ ސީޕްލޭންގެ ހިދުމަތެވެ.
ސީޕްލޭން ވެފައިވަނީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ މުހިންމު އެއް ބަޔަށެވެ. އޭގެ ސަބަބަކީ ރާއްޖޭގެ ބްރޭންޑިން ޕޮޒިޝަން ކޮށްފައިވާ ގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓު މީހާ، ރާއްޖޭގެ ރީތި ޖަޒީރާ ރަށްތައް މަތިން ބަލައިލަން ކޮންމެހެން ބޭނުންވާތީ އެވެ. ބްރޭންޑް ޕޮޒިޝަން ކުރުމުގައި "މާކަނޑު ތެރެއަށް އުކާލާފައިވާ މުތީތަކެއްފަދަ ރަށްތައް" މަތިން ބަލައިލަން އެންމެ އެކަށީގެންވާ ވަސީލަތަކީ ސީޕްލޭނެވެ. އެހެންވެ ހަލުއިކަމާއެކު، އެނދުތައް އިތުރުވަމުން އަންނަ ޓޫރިޒަމްގައި ސީޕްލޭންގެ ދައުރު ވަނީ ބޮޑުވެފަ އެވެ. އިތުރަށް ފުޅާ ކުރަން ވެސް ޖެހެ އެވެ.
މިހާރު އެކި ކުންފުނިން ހިދުމަތް ދެނީ އެކި ޓާމިނަލްތަކުގައި. ނަމަވެސް އާ ޓާމިނަލް ނިމުމުން މިކަން ބަދަލުވާނެ. މި ޓާމިނަލްގެ ސަބަބުން އެހެން ކުންފުންޏެއް އައި ނަމަވެސް އެއް ޓާމިނަލް އިން ހިދުމަތް ދެވޭނެ.ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދައުލަތުގެ ކުންފުނި، މޯލްޑިވިއަން އާއި އަމިއްލަ ކުންފުނި ޓީއެމްއޭއިން ދޭއިރު މޯލްޑިވިއަން އިން ވެސް ދަނީ 2014 ވަނަ އަހަރުން ފެށިގެން މި އޮޕަރޭޝަން ހަލުވިކަމާއެކު ފުޅާ ކުރަމުންނެވެ.
މޯލްޑިވިއަންގައި މޫދަށް ޖައްސާ 11 ބޯޓުން ހިދުމަތް ދެއެވެ. އެ ކުންފުނިން 12 ރިސޯޓަކަށް ފްލައިޓް އަޅައި ދެއެވެ. ޓީއެމްއޭގައި އެކަނި ވެސް 48 ބޯޓު އޮވެ އެވެ. އަދި ޓީއެމްއޭއިން އަހަރެއްގެ މައްޗަށް 9.6 މިލިއަން ފަސިންޖަރުން 60 ރިސޯޓަށް އުފުލައި ދެ އެވެ. އަހަރަކު އެއާލައިނުން އެކަނި 1.2 މިލިއަން ދަތުރު އަޅަ އެވެ. -- މި 9.6 މިލިއަން ފަސިންޖަރުން އުފުލުން ހިސާބު ޖަހަނީ ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް އުފަލާ އަދަދުން ބަލައިގެނެވެ.
ސީޕްލޭންގެ ހިދުމަތް ދިނުމަށް ވެސް މުސްތަގުބަލުގައި އިތުރު ކުންފުނިތައް އައުމުން ވަރަށް ކައިރި އެވެ. "މޯލްޑިވިއަން" އިން ދަނީ ޖަޕާނުގެ މަތިންދާ ބޯޓު އުފައްދާ ސެޓާޗީ ހޯލްޑިންގްއާ ގުޅިގެން ރާއްޖޭގައި ސީޕްލޭން ހިދުމަތް ދޭން އާ ކުންފުންޏެއް ހަދަން މަޝްވަރާ ވެސް ކުރަމުންނެވެ. މި ކުންފުނި ނޫނީ އެހެން ކުންފުންޏެއް ވެސް މި ހިދުމަތް ފަށައިފިނަމަ މި ދާއިރާގައި އިތުރަށް ބާރު ބޮޑުވެގެން ދާނެ އެވެ. ތަރައްގީއަށް ބޭނުންވާނެ އެވެ.
އާ ޓާމިނަލްގެ ހާއްސަ ސިފަތައް
އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. ސީ ޕްލޭން ޓާމިނަލް އަޅަން މޫދާއި އުރަފަށް ހިމެނޭ ގޮތަށް 3.2 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވެ އެވެ. އެ ސަރަހައްދުގެ 18،000 އަކަމީޓަރުގެ ބިން ހާއްސަ ކުރަނީ ޓާމިނަލް އަޅާ ސަރަހައްދަށެވެ. ސީ ޕްލޭންތައް މަރާމާތައް ޕާކް ކުރާ ހެނގަރު ހަދަން، 14،000 އަކަމީޓަރުގެ ބިން ތަރައްގީ ކުރާނެ އެވެ. މީގެ އިތުރުން ވެސް މި ތަނުގައި ސީޕްލޭންގެ އެހެން ބައެއް މަރާމާތުތަކަށް ހާއްސަ ކުރާ ތަނެއް ވެސް ތަރައްގީ ކުރާނެ އެވެ.
މި މަޝްރޫއަށް ޖުމްލަ 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 616 މިލިއަން ރުފިޔާ) ހޭދަ ކުރެ އެވެ. ހަތަރު ބުރިއަށް ހަދާ މި ޓާމިނަލްގައި ރެސްޓޯރެންޓްތަކާއި ޓޫރިސްޓުން މަޑުކޮށްލައިގެން ތިބެން ހާއްސަ ލައުންޖުތައް ވެސް ހުންނާނެ އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި ގޮތުގައި އާ ސީ ޕްލޭން ޓާމިނަލް ނިމޭއިރު، މިހާރު ހުރި ޓާމިނަލަށްވުރެ ދެ ގުނަ ބޮޑުވެފައި މިއީ ރީތި ކަމާއި ފުރިހަމަ ކަމުގެ ގޮތުން ތަފާތު ޓާމިނަލަކަށް ވެސް ވާނެ އެވެ. އަދި މި ޓާމިނަލް ހަދަނީ ފަހުން ބޮޑު ވެސް ކުރެވޭ ގޮތަށެވެ.
ހިދުމަތް ދޭ މީހުންގެ ވިންދު
ސީޕްލޭންގެ ހިދުމަތްދޭ ކުންފުނިތަކަށް މިހާރު އޮތް އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ހިދުމަތް ދޭ ޓީއެމްއޭގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާރު ތިން ޓާމިނަލުން ކުރަމުންދާ މަސައްކަތް އެއް ޓާމިނަލްއަށް ބަދަލުވުމަކީ ލިބޭނެ ބޮޑު ކުރިއެރުމެވެ. އަދި މި އަހަރާއި އަންނަ އަހަރު ވެސް އޮޕަރޭޝަން އިތުރަށް ފުޅާކުރާއިރު، މި ކަންވާނީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ވެގެންދިއުމާއެކު ހިދުމަތުގެ އުހަށް އެރުމަށެވެ.
"މިހާރު އަޅުގަނޑުމެންގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ޖާގައިގެ ދަތިކަން ބޮޑު. އެހެންވެ އާ ޕެސެންޖަރު ޓާމިނަލް މުހިންމުކަން ބޮޑު. އާ ޓާމިނަލްގެ ސަބަބުން ސީޕްލޭން އޮޕަރޭޝަން އެތަށް ގުނައެއް ފުޅާވެގެން ދާނެ... އިތުރު ލައުންޖު ސްޕޭސް އާއި ޖާގަ ވެސް އަޅުގަނޑުމެންނަށް ލިބޭނެ."" ރާއްޖޭގެ ސީޕްލޭން މާކެޓުގެ 80 ޕަސެންޓް ކޮންޓްރޯލް ކުރާ ކުންފުނީގެ އެ އޮފިޝަލް ވިދާޅުވި އެވެ.
އެގާރަ ރިސޯޓަށް ޓޫރިސްޓުން އުފުލައިދޭ މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖެއަށް ރިސޯޓުތައް އިތުރުވާއިރު މިއީ މިހާރުން މިހާރަށް ވެސް މުހިންމު ވެފައިވާ ތަރައްގީ އެކެވެ.
"ވަރަށް ބައިވަރު ރިސޯޓުތައް އެބަ އާދެ. އެހެންވެ މި އޮޕަރޭޝަން މި ވަނީ ފުޅާ ކުރަން ޖެހިފައި. އެކަމަށް ވެސް އެންމެ ބޮޑަށް ބޭނުން ވަނީ ޖާގަ ބޮޑުވުން. އެހެންވެ މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.
މިހާރު ރާއްޖޭގެ ޓޫރިޒަމް ކުރިއަށްދާ ގޮތަށް ބަލާއިރު މި ދައުރު ނިމޭއިރު 50 ރިސޯޓު ހުޅުވާނެ ކަމަށް ބެލެވެ އެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އެއާއެކު ސީޕްލޭންގެ ހިދުމަތުގެ ޑިމާންޑް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ވެގެންދާނެ އެވެ.