ދުނިޔެ

ވަށައިގެންވާ ކަނޑު ގަނޑުވެ، ޗައިނާގެ ރަށެއް އެކަހެރިވެއްއްޖެ

ޗައިނާއަށް މިހާރު ކުރިމަތިވެފައިވާ ފިނި މޫސުމުގައި އެގައުމުގެ ރަށެއްްގެ ވަށައިގެންވާ ކަނޑުގެ ލޮނުގަނޑުގެ ބޮޑު ބައެއް ގަނޑުވެ، ކަނޑު މަގުން އެރަށަށް ކުރި ދަތުރުތައް ހުއްަޓިއްޖެ އެވެ.

ޗައިނާގެ ސީސީޓީވީއާ ހަވާލާދީ ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހުން ބުނީ ޗައިނާގެ ހުލޫޑާއޯ ނަމަކަށް ކިޔާ ޝަަހަރުގެ ބެލުމުގެ ދަށުގައިވާ ޖުހޫއާ ނަމަކަށް ކިޔާ ޖަޒީރާގެ ވަށައިގެން ، އައްސޭރިން ފެށިގެން 74 ނޯޓިކަލް މޭލުގެ ސަރަހައްދަކަށް ގަނޑުފެނުގެ ފަށަލަތައް އުފެދިފައިވާ ކަމަށެވެ. ޖުހޫއާގެ ވަށައިގެން 17000 އަކަ ކިލޯމީޓަރުގެ ގަނޑުފެން ޝީޓެއް އޮތް އިރު، އެންމެ ބޯ ދިމަ ދިމާގެ ބޯމިނުގައި ހުރީ 35 ސެންޓިމީޓަރެވެ.

އެހެންވެ އެރަށާއި ހުލޫޑާއޯއާ ދެމެދު ދަތުރުކުރާ ފެރީތަކާއި އާގުބޯޓުތައް މިހިނގާ ޖެނުއަރީމަހުގެ 22 ވަނަ ދުވަހުންް ފެށިގެން ހުރީ އެރަށުގެ ބަނދަރުގައި ބަންދުވެފައެވެ. ޖުހޫއާ އަކީ 3000 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

ޖުހޫއާގެ ވަށައިގެންވާ ގަނޑުފެނުގެ ހިސާރު ނެތެން ފަށާނީ އަންނަ މާޗްމަސް ނިމޭ ހިސާބުގައި ކަމަށް ޗައިނާގެ މޫސުމާ ބެހޭ އިދާރާތަކުން ލަފާ ކުރެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ރަށު މީހުންގެ އާއްމު ދިރިއުޅުމަށް މާބޮޑެތި މައްސަލަތަކެއް ކުރިމައްޗެއް ނުވާނެއެވެ. އެހެނީ އެރަށަށް އެހާލަތު މެދުވެރިވާނެކަމަށް މާ ކުރިން އޮތީ ލަފާ ކުރެވިފައެވެ. އެހެންވެ، އެ ރަށު ރައްޔިތުންނަށް މި މުއްދަތުގައި ބޭނުންވާ ކާނާއާއި ގެވެހި އެހެން ސާމާނު ވަނީ ދުރާލައި ރަަށަށް ޖަމާކޮށްފައެވެެ.