ރިޕޯޓް

އުދާހުގައި އުޅެނިކޮށް އިތުރު ނާއުންމީދެއް!

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭން 2014 ވަނަ އަހަރު ސަރުކާރުން ކަނޑައެޅި 15 ފްލެޓް ނުދޭން މިހާރު ނިންމާފައިވާކަން ޖެންޑަ މިނިސްޓްރީން ވަނީ އަންގާފަ އެވެ. ނުކުޅެދޭ ދަރިންނާއެކު ގިނަ ދަތިތަކެއްގެ ތެރޭގައި ފްލެޓަށް އެދި އެދި ތިބި އާއިލާތަކަށް އެ ހަބަރު އިވިގެންދިޔައީ އިތުރު މާޔޫސް ކަމާއެކުއެވެ. ހަތަރު އަހަރު ވަންދެން އެ އާއިލާތަކުން ދެކެމުން އައި އުންމީދީ ހުވަފެންތައް ފުނޑުފުނޑުވެ ވިހާލިވެގެން ދިޔައެވެ. ކަމާބެހޭ އެއްވެސް އިދާރާއަކުން ނާންގައި ތިއްބާ މީޑިއާއިން އެކަން ތިލަކުރި ހިސާބުން އުންމީދުތައް ގެއްލުނީ އެވެ.

ނުކުޅެދުންތެރި 15 ފަރާތްތަކަށް ކޮންމެ އަހަރަކު ފުލެޓް ދޭން ނިންމައި އެކަން ސަރުކާރުން އިއުލާންކުރީ 2013 ވަނަ އަހަރު އެވެ. ނަމަވެސް އެ އަހަރު ސަރުކާރުން ފްލެޓް ދިން ގޮތުގެ ނަޒާހަތްތެރި ކަމާމެދު ޝަކުވާތަކެއް ހުށަހެޅުމާއެކު 2014 ވަނަ އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭ 15 އާއިލާއަކަށް ފްލެޓް ދޭން ކަނޑައެޅި އެވެ. އަދި ހަމަ އެ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ފްލެޓް ދޭގޮތަށް އިއުލާންކުރި އެވެ.

ނަމަވެސް ފްލެޓްތަކަށް ހުޅުވާލައި ފްލެޓްދޭނެ މީހުންގެ ލިސްޓު ތައްޔާރު ކުރިތާ ދެ އަހަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ތަފާތު މައްސަލަތައް ދިމާވެ އެ ފްލެޓްތައް މިއަދާ ހަމައަށް ވެސް ނުދެވި އޮތުމަށްފަހު އެ ޕްރޮޖެކްޓް މުޅިން ހުއްޓާލަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެގޮތަށް ނިންމީ 2014 ވަނަ އަހަރު ސަރުކާރުން އިއުލާންކުރި ގެދޮރުވެރި ޕްރޮގްރާމްގެ ތެރެއިން ނުކުޅެދުންތެރި ފަރާތްތަކަށް 167 ފްލެޓް ދީފައިވާތީއާއި އެފަދަ ޕްރޮގްރާމްތަކުން ފްލެޓް ދޭ ފަރާތްތައް ކަނޑައަޅާއިރު ނުކުޅެދޭ މީހުންނަށް ހާއްސަ އުސޫލަކުން ޕޮއިންޓްދޭ ސިޔާސަތެއް ހައުސިން މިނިސްޓްރީން އަމަލުކުރަމުން ގެންދާތީ ކަމަށް ޖެންޑަ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފަހަރުގައި އެއީ ހަމަޖެހޭ ސަބަބަކަށް ވެދާނެ އެވެ. ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ތެރޭން ވިޔަސް ފްލެޓް ދޫކުރާއިރު ނުކުޅެދޭ ފަރާތްތަކަށް ހާއްސަ ސަމާލު ކަމެއް ދޭނަމަ އެއީ ރަނގަޅު ކަމެކެވެ. ނަމަވެސް އެކަން އެގޮތަށް އޮންނާތީ އެއާ ގުޅިގެން އިތުރު ކަމަކަށް ބަދަލު ގެންނަ ނަމަ، އެކަން ކަމާބެހޭ ފަރާތްތަކުން އާންމުންނަށް އެންގުމަކީ ވެސް އޮންނަންޖެހޭ ސިޔާސަތެކެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭން 15 ފުލެޓަށް އެދި އެ ފުލެޓްތަކުގެ އިންތިޒާރުގައި މިހާ ދުވަހު ތިބި އާއިލާތަކުގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ވެސް އެއީ އެވެ.

"ވަރަށް ދެރަ ފުލެޓުތައް ނުދޭން ނިންމީމަ. ވަރަށް ދިގު އިންތިޒާރެއް ދެއްތޮ އަޅުގަނޑުމެން ކުރީ. ވަރަށް އުންމީދު އޮތް ފުލެޓު ލިބޭނެ ކަމަށް. އަޅުގަނޑުމެން ދޭތެރެއަކުން ގުޅާލަން ޖެންޑަ މިނިސްޓްރީއަށް ވެސް ވާނުވާ ބަލަން. އެކަމަކު އެކަން އެބުނާ އުސޫލުން ނުދޭން ނިންމިކަމެއް އެއްވެސް ބަޔަކު ނާންގާ. އިހަކަށް ދުވަހު ކުއްލިއަކަށް ނޫހުން އެވާހަކަ އަޑު އިވުނީމަ އެއީ ވަރަށް ދެރަވި ކަމެއް،" އާއިލާގައި ނުކުޅެދުންތެރިކަން ހުންނަ ދެކުދިންގެ ބައްޕައަކު ބުންޏެވެ.

އެމީހުންގެ ޝަކުވާއަކީ 15 ފުލެޓްގެ މަޝްރޫއު ހުއްޓާލިއިރު އެކަން ކަމާބެހޭ އެއްވެސް ފަރާތަކުން ނާންގައި ތިބުމެވެ. އެ ފުލެޓްތަކުގެ އިންތިޒާރުގައި ގިނަ އަހަރުތަކެއް ބޭކާރުކޮށްލަންޖެހި މިހާ ދުވަސްވީއިރު އެއްވެސް ކަމެއް ހާސިލްވެފައި ނެތުމެވެ. ފްލެޓް ހޯދަން ކުރިން ކުރި މަސައްކަތްތައް އަލުން ކުރަންޖެހި އަނެއްކާވެސް ދިގު އިންތިޒާރަކަށް ދާންޖެހޭތީ އެވެ.

"2015 ވަނަ އަހަރުވެސް ޖެންޑަ މިނިސްޓްރީގެ ޓީމެއް އައި އަޅުގަނޑުމެންގެ ގެއަށް. ކުރީގެ ލިސްޓު ބާތިލްވީމަ އަލުން ލިސްޓުތައް އެކުލަވައިލަން މައުލޫމާތު ހޯދަން. އޭގެ ފަހުންވެސް މައުލޫމާތު ސާފުކުރަން ގުޅި. އަޅުގަނޑުމެންނަށް ފުލެޓް ލިބޭނެ ކަމުގެ ބޮޑު ޔަގީން ކަމެއް އޮތް. ފިރިހެން ދަރިފުޅަށް ނުވެސް ހިނގޭއިރު ދަރިފުޅަށް މިހާރު އެ ފުރުނީ 14 އަހަރު. ފިޓްޖެހި ކަމެއް ވެގެން ރަށު ހޮސްޕިޓަލަށް ގެންދިޔައިމަ މިތަނުގެ ޑޮކްޓަރުންނަކަށް ގިނަ ފަހަރަކު ނޭނގެ ހަދަންވާ ގޮތެއް. އެހެންވެ ފްލެޓްގެ ބޭނުން އެހާ ބޮޑީ،" އާއިލާގެ އިތުރު ތިން ކުދިންނާއެކު 14 އަހަރުގެ ނުކުޅެދޭ ކުއްޖަކު ގެންގުޅޭ މަންމައަކު ހިއްސާކުރިއެވެ.

ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން ނުކުޅެދޭ އާއިލާތަކަށް ޕޮއިންޓް އިތުރަށްދޭ އުސޫލެއް ތަންފީޒުކުރި ނަމަވެސް ފަނަރަ ފްލެޓްގެ އިންތިޒާރުގައި އާއިލާތަކެއް އުންމީދުގައި ބައިތިއްބާފައި އެފަރާތްތަކަށް ވާނުވާ ނާންގައި އެ މަޝްރޫއު ހުއްޓާލުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ނިންމޭނެ ހެއްޔެވެ؟

"އަޅުގަނޑު ގަބޫލުކުރަނީ އެ ފްލެޓްތައް ދިނުމަށް އަހަރުތަކަކަށް ދިގުދެމިގެންދިޔަ މަސައްކަތްތަކަކާ އިވެލުއޭޝަންތަކަކަށް ފަހު އެ 15 ފުލެޓް އާއިލާތަކަށް ދީފަ އެ މަޝްރޫއު މެދުކަނޑާލިނަމަވެސް އެތަކެއް އާއިލާއެއް ނާއުންމީދުވުމުން ސަލާމަތްކުރެވުނީސްހެން. ދެވަނަ ކަމަކީ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ޕޮއިންޓް ގިނައިން ލިބެނީ މާލޭގައި ދިރިއުޅޭ ނުކުޅެދޭ ފަރާތްތަކަށް. ރަށްރަށުގައި ތިބި ފަރާތްތަކަކަށް ނޫން. އެހެންވީމަ މިހާރު މިތިބީ ބޮޑު މާޔޫސްކަމެއްގައި،" ފުލެޓަށް އެދުނު އެހެން އާއިލާއަކުން ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ސަރުކާރުން ފްލެޓްދޭ ސިޔާސަތަށް ގެނައި ބަދަލާއެކު ގެދޮރޮވެރި ކުރުމުގެ ހުރިހާ ސްކީމަކުން ވެސް ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް ޕޮއިންޓް ދޭ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ ފަރާތްތަކަށް ވެސް ފްލެޓް ދޭނީ އާންމު ފަރާތްތަކަށް ވެސް ހުޅުވާލާ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހެން ނަމަވެސް ޕޮއިންޓް ލިބޭ ތަފާތުގެ އުސޫލުގެ ތެރެއިން ކަމަށެވެ.