ދުނިޔެ

ޝާހީ ބޭފުޅުން ހައްޔަރުކޮށްގެން ލިބުނީ 107 ބިލިޔަން ޑޮލަރު

ޝާހީ އާއިލާގެ އެތައް ބޭފުޅުންނަކާއި ކުރީގެ ވަޒީރުންނާއި ބޮޑެތި ވިޔަފާރިވެރިން ހައްޔަރުކޮށްގެން ، ކޮރަޕްޝަނާ ދެކޮޅަށް ހިންގި ބޮޑު އޮޕަރޭޝަނުން ދައުލަތަށް 107 ބިލިޔަން ޑޮލަރު ލިބިފައިވާ ކަަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

ސައުދި އެޓާނީ ޖެނެރަލް ޝައިހު ސައުދުލް މުޖީބު ވިދާޅުވި ކަމަށް އަރަބް ނިއުސް ބުނީ 107 ބިލިޔަން ޑޮލަރު ލިބުނީ ތަފާތު ބާވަތްތަކުގެ މުދަލުުގެ ގޮތުގައި ކަމަށެވެ.

މުޖީބު ވިދާޅުވީ ކޮރަޕްޝަނުގެ ތުހުމަތަށް ހައްޔަރު ކުރި 381 މީހުންގެ ތެރެއިން 56 މީހެއް ފިޔަވާ އެންމެން ވެސް މިހާރު މިނިވަންކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިނިވަން ކުރަން ނިންމީ ކުށެއް ނެތް މީހުންނާއި ފައިސާ ދައްކަން އެއްބަސްވީ މީހުން ކަމަށެވެ.

ކޮރަޕްޝަނުގެ ތުހުމަތަށް ކަމަށް ބުނެ ސައުދީ ޝާހީ އާއިލާގެ ގިނަ ބޭެފުޅުންތަކަކާއި ކުރީގެ ވަޒީރުންނާއި އެހައިތަނަށް ވަޒީރުކަމުގައި ތިއްބެވި އެތައް ބޭފުޅުންނެއް ހައްޔަރުކުރީ މިދިޔަ ނޮވެމްބަރުމަހުއެވެ. އެބޭފުޅުން ބަންދުކުރީ ވެރިރަށްް ރިޔާޒުގައިވާ ފަސްތަރީގެ ރިޒްކާލްޓަން ހޮޓަލުގައެވެ. އޭރު ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ބިލިޔަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލާއި ނެޝަނަލް ގާޑުގެ ވެރިޔަކަށް އެހައިތަނަށް ހުންނެވި މުތުއިބު ބިން އަބުދުﷲ ހިމެނިވަޑައިގަންނަވައެވެ.

ކޮރަޕްޝަނުގެ ތުުހުމަަތަށް އެބޭފުޅުން ހައްޔަރު ކުރީ އަލަށް އުފެއްދި އެންޓިކޮރަޕްޝަން ކޮމިޓީގެ އަމުރަށެވެ. އެ ކޮމިޓީގެ ވެރިޔަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދުގެ ދަރިކަލުން މުހައްްމަދު ބިން ސަލްމާނެވެ. މުހައްމަދަކީ ސައުދީ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރުވެސް މެއެވެ.

ޝާހީ ބޭފުޅުންގެ ތަހުގީގުތައް ހިންގަން ވަގުތީ ޖަލެއްގެ ގޮތުގައި ބޭނުން ކުރި ރިޒްކާލްޓަން ހޮޓަލުން ގައިދީން ހުސްކޮށްފައިވާ ކަމަށް އިއްޔެގައި ހަބަރު ފެތުރުނެވެ. ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން އިއްޔެ ބުނީ މިހާރު މިނިވަން ނުކޮށް ތިބީ ކުށް ކުރި ކަމަށް އިއުތިރާފުވެވަޑައި ނުގަންނަވާ ބޭފުޅުންތަކެއް ކަމަށާއި އެބޭފުޅުން ހޮޓަލުން ނެރެގެން ޖަލަކަށް ގެންގޮސްފައިވާ ކަމަށެވެ.