ދުނިޔެ

ރަޝިޔާއާ ދެކޮޅަށް ފާސްކުރި ފިޔަވަޅުތަކަށް އަމަލު ނުކުރާތީ ޓްރަމްޕަށް ފާޑުކިޔައިފި

ރަޝިޔާއާ ދެކޮޅަށް އަޅަން އެމެރިކާގެ ކޮންގްރެސް އިން ފާސް ކޮށްފައިވާ ފިޔަވަޅުތަކަށް އަމަލު ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ފަސްޖެހިވަޑައިގަންނަވާތީ ކޮންގްރެސްގެ މެމްބަރުން ޓްރަމްޕަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސްގެ ބައެއް މެމްބަރުން އަންގާރަ ދުވަހު ޓްރަމްޕަށް ފާޑުވިދާޅުވެ، ވާހަކަފުޅު ދައްކަވަމުން ތުހުމަތު ކުރެއްވީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ މެދު ޓްރަމްޕް ގެންގުޅުއްވަނީ މަޑުމައިތިރި ސިޔާސަތެއް ކަމަށެވެ.

ޓްރަމްޕް ސަރުކާރުން ހޯމަ ދުވަހު ބުނީ އާ ގާނޫނުގެ ދަށުން ރަޝިޔާއާ ދެކޮޅަށް މިވަގުތު ފިޔަވަޅުތައް ނާޅާނެ ކަމަށެވެ. އެމެެރިކާގެ ކޮންގްރެސް އިން ރަޝިޔާއާ ދެކޮޅަށް އެންމެ ފަހުން ފާސްކުރި ގާނޫނުން ސަރުކާރަށް ބާރުދީފައި ވަނީ އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައާ ގުޅުވައިގެން ފިޔަވަޅު އެޅުމަށެވެ. އެ މަައްސަލައިގައި ރަޝިޔާއިން ކުރިންސުރެ ބުނަމުން އަންނަނީ އިންތިހާބުގެ ކެމްޕޭނަށް ނުފޫޒު ނުފޯރުވާ ކަމަށެވެ.

އެމެެރިކާގެ އިދިިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަވްތާ މެމްބަރުން ވަނީ ސަރުކާރުގެ އެ ނިންމުމާ މެދު ވަރަށް ބޮޑަށް ނުރުުހުން ފާޅުކޮށްފައެވެ. އިންތިހާބަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގައި ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން ކޮންގްރެސްއަށް ބިލު ވެއްދި ހިސާބުން ވެސް ޓްރަމްޕް ގެންދެވީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ. އަދި އެ ބިލު ފާސް ކުރުމުން ބިލު ތަސްދީގު ކުރެއްވީ ވެސް ފަސްޖެހިވަޑައިގެން ހުންެނެވުމަށް ފަހުގައެވެ. ބިލު ތަސްދީގު ކުރެއްވީ މިދިޔަ 2017 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ 20 ސެނެޓަރަކު ސޮއި ކުރައްވައި ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަންއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ނާކާމިޔާބުވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީގައި އިންނަވާ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއް ކަމަށްވާ ބެން ކާޑިން ރޮއިޓާސްއަށް ވިދާޅުވެފައި މިހިނގާ 2018 ވަނަ އަހަރު ބާއްވާ ކޮންގްރެސްގެ އިންތިހާބުތަކާއި ސްޓޭޓްތަކުގެ އިންތިހާބަށް ވެސް ރަޝިޔާއިން ނުފޫޒު ފޯރުވުގެ ހަގީގީ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.

"މިގައުމު ދިފާއު ކުރެއްވުމަށް ޔުނައިޓެޑް ސްޓޭޓްސްގެ ރައީސް ފިޔަވަޅެއް ނާޅުއްވާ،" އޭނާ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަަބަރުގައި ވެއެވެ.