ދުނިޔެ

ސޫރިޔާގެ ހޮސްޕިޓަލުތަކަށް ދިން ހަމަލާތައް އދ. އިން ކުށްވެރިކޮށްފި

ސޫރިޔާގެ ހަ އަހަރަށް ވުރެ ދިގުލީ ހަނގުރާމައިގައި އެގައުމުގެ ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ފަހަކަށް އައިސް އިތުރުވެފައި ވާތީ އދ. އިން އެކަން ކުށްވެރިކޮށްފިއެވެ.

ސޫރިޔާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ހޮސްޕިޓަލުތަކާއި ސިއްހީ ހިދުމަތްތައް ދޭ އެނޫން ވެސް ތަންނަށް ސޫރިޔާ ސަރުކާރާއި އެ ސަރުކާރަށް ވާގިދޭ ފަރާތްތަކުން ދޭ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ސޫރިޔާގެ ރަށެއްގައި ދިރިއުޅޭ 50000 މީހުންގެ އާބާދީއަކަށް ހިިދުމަތްދޭން ހުރި ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި އެ ހޮސްޕިޓަލް ވަނީ ނުހިންގޭ ވަރަށް ހަލާކުކޮށްލާފައެވެ.

" ސޫރިޔާގެ ހުޅަނދު ދެކުނުގައިވާ ހޮސްޕިޓަލްތަކާއި ސިއްހި ހިދުމަތްދޭ އެހެން ތަންތަނަށް މިހާރު ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ބައެއްގެ އަސާސީ ހައްގެއް ކަމަށްވާ ބޭސްފަރުވާއިން މަހުރޫމް ކުރަމުންދާތީ އަހަރެން މިހިރީ ވަރަށް ބޮޑަށް ކަންބޮޑުވެފައި، " ސޫރިޔާގެ ކާރިސާގެ ކަންތައް ބެލުމާ އދ އިން މަތިކޮށްފައިވާ ޕަނޯސް މޫމްޒިސް ވިދާޅުވިއެވެ.

މިލިޔަނެއްހާ މީހުން މަރުވެ، ދެމިލިޔަނެއްހާ މީހުންގެ ގެދޮރު ގެއްލިފައި ވާއިރު ސޫރިޔާ ހަނގުރާމަ ކައިރި މުސްތަގުބަލެއްގައި ނިމިދާނެކަމުގެ އުއްމީދެއް އަދި ނެތެވެ.

ސޫރިޔާގެ ހޮސްޕިޓަލަކަށް އެންމެ ފަހުން ހަމަލާއެއް ދިނީ މިދިޔަ ހޯމަދުވަހުއެވެ. އެ ހަމަލާ އަމާޒުވީ ސަރާގިބް ނަމަކަށް ކިޔާ ޝަހަރުގައިވާ އޫދާއީ ހޮސްޕިޓަލަށެވެ. އެއީ ފްރާންސްގެ މެޑިސިންސް ސެންސް ފްރޮންޓިއާސް ( ޑޮކްޓާސް ވިތައުޓް ބޯޑާސް) އިން މަދަދުކުރާ 18 އެނދުގެ ހޮސްޕިޓަލެކެވެ. އެތަނަށް ދިން ހަމަލާފައި ހަތަރުމީހުންނާއި ކުޑަކުއްޖަކު މަރުވިއެވެ.